ހދ. ނޮޅިވަރަންފަރުން އެއަތޮޅު ހަނިމާދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލި ހާދިސާ ހިނގާފައިވަނީ ކޮޅިގަނޑެއްގައި ޖެހިގެން ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯސްޓް ގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ މުހައްމަދު ސަލީމް ވިދާޅުވީ، ޑިންގީ ބަންޑުން ޖަހާލައިގެން އުޅޭކަން އެނގުނީ އެ ޑިންގީން ދަތުރުކުރި އެކަކު ފަރާފައި ހަނިމާދު އަށް ގޮސް އެ ވާހަކަ ބުނުމުންކަމަށެވެ.
އެމްއެންޑީއެފް އިން ހާމަކުރިގޮތގައި އެކަން އެނގުމާ އެކު ހަނިމާދޫގައި ތިބި ސިފައިން އެކަމުގައި ވަގުތުން ހަރަކާތްތެރިވިކަމަށާއި އަދި ފަސްޓް އެއިޑް ވެސް ދެވުނުކަމަށެވެ.
ސަލާމަތްވި ބައެއް މީހުންނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އެބަ ގެންދާކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދިނެވެ.
"ހަނިމާދު އާއި ނޮޅިވަރަމްފަރުގެ ދުރުމިން އެއީ ލޯންޗެއްގައި އެންމެ ދިހަވަރަކަށް މިނެޓް. އަޅުގަނޑުމެން ފާހަގަކުރަން ލައިފް ޖެކެޓް ނާޅާ ދަތުރުކުރިކަން. އަދި ނުބައި ވަގުތެއްގައި ދަތުރުކޮށްފައިވާކަން" ކޯސްޓް ގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ މުހައްމަދު ސަލީމް ވިދާޅުވިއެވެ.
އެކަށީގެންވާ އުޅަނދެއްގައި އެކަށީގެންވާ ވަގުތެއްގައި މި ދުވަސްވަރު ދަތުރު ނުކުރުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ޑިންގީ ބަންޑުން ޖަހާލި ވަގުތު ކަމަށް މިހާރު ބެލެވޭ ގަޑީގައި، މެޓުން އޮތީ ޔެލޯ އެލާޓް ވެސް ނެރެފައެވެ. އޭރު ވައިގެ ބާރުމިން ހުރީ ގަޑިއަކު 20 މޭލާއި 35 މޭލާ ދެމެދުގައެވެ. އެކަމަކު ކޮޅިގަނޑުގައި އެއަށް ވުރެ ވައި ގަދަވާނެކަމަށް ލަފާކުރެވެ.
ނޮޅިވަރަންފަރަކީ، ހަނިމާދުއާ އެންމެ ކައިރި އެއް ރަށްކަމަށް ވާއިރު، ލޯންޗެއްގައި މި ދެ ރަށުގެ ދެމެދު ކުރާ ދަތުރަކަށް ހޭދަވަނީ ގާތްގަނޑަކަށް 10 ވަރަކަށް މިނިޓެޓެވެ. ބަންޑުން ޖަހާލި ލޯންޗަކީ، ނޮޅިވަރަންފަރުން އާންމުކޮށް ހަނިމާދުއަށް ދަތުރުކުރާ ލޯންޗެކެވެ. އެކަމަކު މި ކުރު ދަތުރުގައި ލޯންޗުގެ ހަބަރު ނުވެގެން ހޯދަން ފެށީ، ހަނިމާދުއަށް ބަނދަރުކުރަން ޖެހޭ ވަގުތަށް ވުރެ އެތައް އިރެއް ހޭދަވި ފަހުން ކަމަށްވެއެވެ.
މި ހިތާމަވެރި ހާދިސާގައި ފަސް މީހުންވަނީ ނިޔާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!