މަގުމަތި ކުނިނުކަހާ ގޯތިތަކުގެ ނަންތައް އާންމު ކުރަން މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާއިން ނިންމައިފި އެވެ.

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތައް ސާފުކުރުމާއި ބެހޭގޮތުން އެކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މީހުން ދިރިއުޅުމަށް އެރަށުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ސާފުނުކޮށް ހުރިގޯތިތަކާއި، އެގޯތިތަކާއި އިންވެގެންވާ މަގުތައް 06 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުގެ ކުރިން ސާފުކުރުމަށް ދަންނަވާކަމަށެވެ.

Ad
rt

މިތާރީޚުގެ ފަހުން ސާފުނުކޮށް ހުންނަ ގޯތިތަކުގެ ނަމާއި ގޯތީގެ ވެރިފަރާތުގެ ނަން އެކައުންސިލުން އާންމު ކުރަމުންދާނެ ވާހަކަ، އާންމުކޮށް އަންގާ އިޢުލާން ކުރާކަމަށް ބުނެފައި ވެއެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު ވިދާޅުވީ މީގެ ކުރިންވެސް މަގުމަތި ސާފުނުކުރާ މައްސަލައާއި ގުޅިގެން އިޢުލާން ކުރެވިފައިވާނެކަމަށާއި ނަމަވެސް މިއީ ނަން ހާމަކުރާގޮތަށް އިޢުލާންކުރި ފުރަތަމަ ފަހަރު ކަމަށެވެ. މީގެ ކުރިން އިޢުލާން ކުރުމުން ބަޔެއްފަރާތްތަކުން މަގުމަތި ސާފުކުރާ ކަމަށާއި ނަމަވެސް މަދު ބަޔަކު އެއްގޮތަކަށްވެސް މަގުފަޅި ސާފު ނުކުރުމުން އެކަމުގެ އުނދަގޫ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވާކަމަށް ވިދާޅުވި އެވެ.

އަންހެނަކު ފުނަދޫ މަގުމަތި ކުނިކަހަނީ: ފޮޓޯ މުޙައްމަދު އަފްރާޙް

ކައުންސިލުން މިގޮތަށް ނިންމީ މިދުވަސްވަރަކީ ބަލިމަޑުކަން އިންތިހާއަށް އޮތް ދުވަސްވަރަކަށް ވުމުން ސާފުތާހިތުކަމަށް އިސްކަން ދިނުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށް ވިދާޅުވި އެވެ. ނަން ހާމަ ކުރުމުގެ ކުރިން ސާފު ނުކުރާ ފަރާތްތަކަށް ލިއުމުން އަންގާނެކަމަށްވެސް ވިދާޅުވި އެވެ.

އާބާދީގައި 2,553 މީހުން ރަޖިސްޓްރީވެފައިވާ ފުނަދޫއަކީ ށ އަތޮޅުގެ ވެރިކަންކުރާ ރަށެވެ. އެރަށުގެ ބިމުގެ ބޮޑުމިނަކީ 91 ހެކްޓަރ އެވެ.