ހއ.އުތީމުގެ ތަރައްޤީއަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ އުތީމު ޔުނައިޓެޑްގެ ފަރާތުން، އުތީމުގެ ތަޢުލީމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްމަރްޙޫމް ރަޝާދު ޙުސެއިން ހަނދާނުގައި ދެވޭ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.
އުތީމު ޔުނައިޓެޑާއި އެމްއައި ކޮލެޖު ގުޅިގެން ހުޅުވައިލާފައިވާ ޔުނިވާސިޓީ ޕްރިޕަރޭޝަން ޕްރޮގުރާމް (ޔޫޕީޕީ) ފުރިހަމަ ކުރައްވާ ފަރާތްތަކަށް އެ ޕްރޮގުރާމް ނިންމާލުމަށްފަހު ތިން ދާއިރާއަކުން ޑިގްރީ ހާސިލް ކުރުމުގެ ފުރުޞަތު ތަނަވަސްވެގެން ދާނެއެވެ. އެ ދާއިރާ ތަކުގެތެރޭގައި ހިމެނެނީ ބިޒްނަސްއާއި ޓީޗިންގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީއެވެ.
މިކަމާއި ގުޅިގެން ތިލަދުން ނޫހަށް މަޢުލޫމާތު ދެއްވަމުން އުތީމު ޔުނައިޓެޑްގެ ރައީސް އަބްދުރަޙްމާން އަގީލް ވިދާޅުވެފައިވަނީ އުތީމު ޔުނައިޓެޑްގެ އެންމެ އިސް މަޤުޞަދަކީ އުތީމު ހުރިހައި ގޮތަކުން ވެސް ކުރިއެރުވުން ކަމަށާއި، ވުމާއިއެކު މި ޕްރޮގްރާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އުތީމަށް ނިސްބަތްވާ ފަރާތްތަކަށް އިސްކަން ދެއްވާނެ ކަމަށެވެ. މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު 05 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވައިލާފައިވާއިރު މި ޕްރޮގްރާމުގައި ބައިވެރިވެލައްވަން ބޭނުންވާ އެންމެހާ ފަރާތްތަކަށް ފަސޭހަކަމާއި އެކު އޮނަލްއިން ފޯމެއް ފުރުއްވައިގެން އެޕްލައި ކުރުމުގެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.
މި ޕްރޮގުރާމްގައި އޮންލައިންކޮށް ރެޖިސްޓަރީވުމަށް: http://bit.ly/RHMScholarship
ހއ.އުތީމު ފިނިވާގެ އަލްމަރުޙޫމް ރަޝާދު ޙުސައިންވަނީ އުތީމުގައި ތަޢުލީމު އުނގައްނަވައި ދެއްވުމުގެ އިތުރުން އެ އަތޮޅު ބާރަށު ދެކުނު އަވަށު މަކްތަބުގައި ވެސް ތަޢުލީމު އުނގައްނަވައި ދެއްވާފައެވެ. އަދި ހދ.ހަނިމާދޫން އެދިލައްވައިގެން އެ ދުވަސްވަރު ހަނިމާދޫގައި ވެސް ތަޢުލީމު އުނގައްނަވައި ދެއްވުމުގެ މަސައްކަތްޕުޅު ކުރައްވާފައިވެއެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: 7803989
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!