ށ. ފުނަދޫއިން ދަނޑުވެރިކަމަށް ހިލޭ ބިން ދޫކުރަން ނިންމައި، ބިމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
އެ ފުރުޞަތު ހުޅުވާލައި ށ. ފުނަދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ އެ ރަށުން ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ބިންތަކެއް ދޫކުރުމަށް ނިންމައި ފުރުޞަތު ހުޅުވާލާ ކަމަށެވެ.
މިގޮތުން ދޫ ކުރަން ނިންމާފައި ވަނީ 2000 އަކަ ފޫޓުގެ ބިންތަކެއް ކަމަށް ފުނަދޫ ކައުންސިލުން ބުނެފައި ވެއެވެ.
އެ ރަށުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރަން ނިންމާފައި ވަނީ ރަށުގެ ދެކުނު ކޮޅު މިސްކިތް ކައިރީ އޮތް ހުސް ބިމުންނާއި، ރަށްވެހި ހިޔާ ގޯތި އޮތްބިމުންނާއި އަދި ފުނަދޫ ރަސްމީ ބޯޅަ ދަނޑުގެ އުތުރުން ފެށިގެން މޫންލައިޓް ގޯޅިއާއި ދެމެދު އޮތް ބިމުންނެވެ.
މީގެ އިތުރުން ފުނަދޫ އެއަރ ޕޯޓަށް ދިއުމަށް ހަދާފައިވާ މަގުގެ ދެފަރާތުން ވެސް ދަނޑުވެރިކަމަށް ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށް ފުނަދޫ ކައުންސިލުން ވަނީ ހާމަ ކޮށްފައެވެ.
މި ބިންތަކުން އެއްވެސް ކުއްޔެއް ނުނަގާގޮތަށް އެ ކައުންސިލުން ނިންމާފައިވާއިރު، މި ބިންތައް ދޫކުރަން ނިންމާފައި ވަނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ.
ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތަކުން އެކަމަށްއެދި މިފެށޭ އޮކްޓޫބަރު މަހުގެ 5 ވާ ހޯމަދުވަހު، ކައުންސިލް ބަންދުވުމުގެ ކުރިން ސިޓީއަކުން ފުނަދޫ ކައުންސިލަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ފުރުޞަތު ހުޅުވާލައިފައެވެ.
ފުނަދޫ އަކީ ބޮޑު މިނުގައި 91 ހެކްޓަރުގެ ރަށެކެވެ. އެރަށަކީ ށ. އަތޮޅު ވެރިކަން ކުރާ ރަށްވެސް މެއެވެ. އެ ރަށުގައި ޑޮމެސްޓިކް އެއަރޕޯޓެއް އޮންނައިރު، އަތޮޅު ހޮސްޕިޓަލް ވެސް ހުންނަނީ އެ ރަށުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!