2011 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހދ އަތޮޅުގެ ތިން ރަށަކުން ހދ ނޮޅިވަރަންފަރަށް މީހުން ބަދަލުކޮށްފައިވެއެވެ. ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވަނީ މާވައިދޫއާއި، ފަރިދޫއާއި ކުނބުރުދޫގެ ރައްޔިތުންނެވެ. 2019 ވަނަ އަހަރާ ހަމައަށް އައިއިރު، މި ތިންރަށުގެ ތެރޭގައި އަދިވެސް ސަރުކާރުން ރަށް ބަދަލުކުރުމާ ގުޅިގެން ދޭން ހަމަޖެހިފައިވާ ގެތައް ނުލިބޭތީ ނޮޅިވަރަންފަރަށް ރަޖިސްޓްރީ ބަދަލުނުކުރާ ބަޔަކު އެބަ ތިއްބެވެ. މިމީހުންގެ ރަށްވެހިކަން އަދިވެސް އޮތީ މީހުން ބަދަލުކުރުމަށްފަހު ފަޅުރަށްރަށުގެ ގޮތުގައި ކަނޑައަޅާފައިވާ ކުރީގެ ރަށްތަކުގައެވެ.
މާވައިދޫ، ކުނބުރުދޫ، ފަރިދޫ، މި ތިންރަށުގެ ރައްޔިތުންނަށް ކުރީގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ރަށް ބަދަލުކޮށް ސަރުކާރުން ދޭން ހަމަޖެހިފައި އޮތީ ޖުމްލަ 233 ގެއެކެވެ. އެހެންނަމަވެސް ފުރަތަމަ ފިޔަވަހީގައި އަޅާ ނިމިފައިވަނީ 181 ގެއެކެވެ. އެއީ ސުނާމީއާއި ގުޅިގެން ބޭރުގެ ބައެއް ޤައުމުތަކުން ދިވެހިރާއްޖޭގެ އެކި ރަށްރަށަށް ދިން ހިލޭ އެހީގެ ތެރެއިން ސަރުކާރުން އަޅަން ނިންމި 181 ހައުސިން ޔުނިޓެވެ. ސައުދީގެ ހިލޭއެހީގެ ދަށުން އެލިއާ ކުންފުނިން އެޅި 134 ގެއާއި ޗައިނާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ޗައިނާ ކުންފުންޏަކުން އެޅި 47 ގެއެކެވެ. މި ތިން ރަށަކީ ސުނާމީގައި މާބޮޑެތި ގެއްލުންތަކެއް ނުވާ ރަށްތަކެއް ނަމަވެސް، އާބާދީ ކުޑަވުމުގެ ސަބަބުން ސަރުކާރުން އެއްފަސްކުރަން ނިންމާފައި އޮތް ތިން ރަށެވެ. 52 ގެއެއް އަޅާ ނުނިމުނު ކަމުގައިވިޔަސް 181 ގެ ނިމުމާއެކު ތިން ރަށުގެ ހުރިހާ ރައްޔިތުން 2011 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ވަނީ ނޮޅިވަރަންފަރަށް ބަދަލުކުރެވިފައެވެ.
2010 ވަނަ އަހަރުގެ ޖުލައިމަހުގެ 30 ވަނަ ދުވަހު ނޮޅިވަރަންފަރުގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެފައި ވެއެވެ "އަޅުގަނޑުމެންނަށް މިހާރު މިބަލާ ބެލުމުގައި، މިރަށަށް ބަދަލުކުރަން މިއޮތް މާވައިދުއާއި، ކުނބުރުދުއާއި، ފަރިދޫއާ، މި ތިންރަށުގައި މިވަގުތު ސީދާ ދިރިއުޅެމުން ގެންދާ މީހުންނަށް ވާވަރަށް މިހާރު އެބަހުރި ގެ ޢިމާރާތް ކުރެވިފައި. މިވަގުތު މިދެންނެވި ތިންރަށުގައި މީހުން ދިރިއުޅެމުންދާ މިންވަރަށް އެބަހުއްޓޭ، މިހާރު މިރަށުގައި ގެ ޢިމާރާތް ކުރެވިފައި. އެހެންވީމާ، އެއްގޮތަކީ މިހާރުން މިހާރަށް އަވަހަށް އެ ތިންރަށުގައިމެ ދިރިއުޅެމުން ގެންދާ ހުރިހާ އެންމެން މިރަށަށް މިހާރު ބަދަލުކުރުން. ބަދަލުކޮށްފައި ދެން އެބަހުރި އަދި އެރަށްރަށުގައި ގޯތިގެދޮރު، ގެދޮރު ހުރި މީހުން، އެހެން ނަމަވެސް، އެ ގެދޮރުގައި ދިރިނޫޅޭ، މިސާލަކަށް އަދި ކުޅުދުއްފުށީގައި ނަމަވެސް ނުވަތަ މާލޭގައި ނަމަވެސް، ދިރިއުޅޭ ގޭގެ. އެމީހުންގެވެސް ގޯއްޗަކާއި ގެއަކާއި އޮތް. އެހެންވީމާ، އެމީހުންނަށްވެސް އެ ގޯއްޗަށާއި، އެ ގެއަށް ޙައްޤު ބަދަލެއް ސަރުކާރުން އެބަ ދޭންޖެހޭ. އެހެންވީމާ، ދެން އަޅުގަނޑުމެން މަސައްކަތް ފަށައިގަންނާނީ މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ބިންގާ އަޅައި ޢިމާރާތް ކުރެވޭނެ އިތުރު 51 ގެ." ރިފަރެންސް : PRO/RMN/2010/122
2011/15 ވަނަ ޤަރާރުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ މާވައިދޫ، ކުނބުރުދޫ، ފަރިދޫ، މި ތިން ރަށަކީ ފަޅު ރަށްރަށުގެ ގޮތުގައި ކަނޑައަޅާފައެވެ. އެއާއެކު މި ތިންރަށުގެ ރައްޔިތުން ރަށްވެހިވެފައިވާ ރަށް ނޮޅިވަރަންފަރަށް ބަދަލުކުރެވެން ފެށުނެވެ. އެހެންނަމަވެސް ގެ ނުލިބޭ 52 ގޭގެ ރަޖިސްޓްރީގައިވާ ފަރާތްތަކުން ރަށްވެހިކަން ނޮޅިވަރަންފަރަށް ބަދަލުކޮށްފައި ނުވަނީ އެމީހުންގެ ނަންމަތީގައި ގެއެއް ނުވަތަ ގެވަޅެއްވެސް އެރަށުގައި ނެތީމައެވެ. އެގޮތުން 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހާ ހަމައަށް ދިޔައިރުވެސް ނޮޅިވަރަންފަރަށް ބަދަލު ނުކޮށް މިތިން ރަށުގައި ޖުމްލަ 87 މީހުންގެ ރަޖިސްޓްރީ އޮތެވެ. އެއީ މާވައިދޫގައި 58 މީހުންނާއި، ކުނބުރުދޫގައި 25 މީހުންނާއި، ފަރިދޫގައި 4 މީހުންނެވެ.
ހދ. މާވައިދޫ
2012 ވަނަ އަހަރާ ހަމައަށް ދިޔައިރުވެސް އިތުރު ހައުސިން ޔުނިޓްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތެއް ސަރުކާރުން ފަށާފައެއް ނުވެއެވެ. މިކަން މިހެން އޮތުމަށްފަހު އެއަހަރުގެ ތެރޭގައި، ނުލިބި ހުރި 52 ގެ ހިމެނޭ ގޮތަށް ސަރުކާރުން ނޮޅިވަރަންފަރުގައި ޖުމްލަ 160 ގެއެއް ޢިމާރާތް ކުރުމުގެ މަސައްކަތް ފެށިއެވެ. މި މަސައްކަތް ޙަވާލު ކުރެވުނީ ނޫމަޑި ކިޔާ ކުންފުންޏަކާއެވެ. 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނޫމަޑި ކޮންސްޓްރަކްޝަންސް އިން ބުނެފައިވާ ގޮތުގައި 60 ގެއެއްގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށާއި ބާކީ 100 ހައުސިން ޔުނިޓް އެއަހަރުގެ ތެރޭގައި ނިންމާލެވޭވަރު ވާނެ ކަމަށެވެ. އެހެންނަމަވެސް ހިލަ އާއި ހިލަވެލި ލިބުމުގައި އެ ކުންފުންޏަށް ދަތިކަން ދޭތެރެ ދޭތެރެއިން ކުރިމަތިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.
60 ގެއެއްގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް ބުނެފައިވީ ނަމަވެސް ގެތައް ނުނިމެނީސް މަސައްކަތް ހުއްޓުމަކަށް އައެވެ. ގެތަކުގެ މަސައްކަތުގެ %60 ނިމުމަށްފަހު އެއްގޮތަކަށްވެސް ކުރިއަށް ނުގޮސް ހުއްޓުމަކަށް އައިސްފައި އޮންނަން ފެށުމުން ހައުސިން މިނިސްޓްރީއިން މި މަސައްކަތް ވަނީ އެކުންފުނީގެ އަތުން އަތުލާފައެވެ. ހައުސިން މިނިސްޓްރީގެ ފަރަތުން އެކިފަހަރުމަތީން ގޮސް ސަރވޭތައް ކޮށްފައިވީ ނަމަވެސް 2018 ވަނަ އަހަރު ނިމިގެން ދިޔައިރުވެސް ގެތަކުގެ މަސައްކަތް އަލުން ފެށޭގޮތެއް ނުވެއެވެ.
މިހިނގާ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހު ވަން އޮންލައިން އަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޝާމިން ދީފައިވާ އިންޓަވިއުއެއްގައި ވާގޮތުގައި ގެތަކުގެ މަސައްކަތް ތިންމަސް ދުވަހުގެ ތެރޭގައި ނިންމައި، ހަވާލު ކުރެވޭވަރުވާނެއެވެ. އަދި އެ މަސައްކަތް އަލުން ކުރިއަށްގެންދިއުމަށް އަންނަ ހަފްތާގައި ބަޔަކު ހޯދާނެއެވެ.
މިއަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވަލޮޕްމަންޓްއިން ވަނީ 27.88 މިލިއަން ރުފިޔާއަށް އަޅަން ފަށާފައިވާ 60 ގެ ނިންމުމަށް ދެ ކުންފުންޏަކާ ޙަވާލު ކޮށްފައެވެ. ސްވިފްޓް އިންޖިނިއަރިން އަދި މާރިސް ކޮންސްޓަރަކްޝަންއާއި މިމަސައްކަތް ޙަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.
ގެ ނުލިބޭ މީހުންނަށް ނޮޅިވަރަންފަރު ކައުންސިލުން ވަނީ ދަފްތަރެއް އެކުލަވާލާފައެވެ. އެހެންނަމަވެސް ގެ ނުލިބެނީސް ރަޖިސްޓްރީ ބަދަލުކުރަން ބޭނުންނުވާ މީހުން އޭގެތެރޭގައި ތިބުމުން އެމީހުންގެ ރަޖިސްޓްރީ އަދިވެސް އޮތީ ފަޅުރަށުގެ ނަމުގައެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުގައި ވާގޮތުން 2018 ވަނަ އަހަރު ނިމުނު އިރުވެސް މާވައިދޫގެ ރަޖިސްޓްރީގައި 28 މީހުން ތިއްބެވެ. އަދި ކުނބުރުދޫގެ ރަޖިސްޓްރީގައި 2 މީހުން ތިބި އިރު، ފަރިދޫގައި އެއްވެސް މީހަކު ރަށްވެހިވެފައެއް ނެތެވެ. އެހެންކަމުން ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިމި ގެތަށް ޙަވާލުކުރުމާ ހަމައަށް ދާންދެން ފަޅު ރަށުގައި ރަޖިސްޓްރީވެފައި ތިބި މީހުން ރަށްވެހިކަން ބަދަލުނުކޮށް ތިބޭނެ ކަމަށް ލަފާކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!