ރާޒުވާ ކުޅުންތެރިނަށް ރާޒުވާ ކުޅޭނެ ތަނެއް ނެތުމުގެ މައްސަލަ އަށް ހައްލެއް ގެނެސް، ރާޒުވާ ކުޅުމަށް ހާއްސަ ޗެސް އާކޭޑްއެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

ނެޝަނަލް ޗެސް އާކޭޑް ހުޅުއްވައި ދެއްވީ މިކަމަށްޓަކައި ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސް ގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.

Ad
rt

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަމެންޓް އަހުމަދު މަހުލޫފް އަދި ނެޝަނަލް ޗެސް އެސޯސިއޭޝަންގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ މިއަދަކީ ކުޅިވަރާއި ޗެސް އަަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.

"ރާޒުވާ ރާއްޖޭގައި ކުޅެމުން އަންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ, މިއަދު މިވަނީ ރާޒުވާ ކުޅޭ ތަނެއް މިހާރު ރާޒުވާ ކުޅޭ ކުދިންނަށް މިހާރު ހަމަޖެހިފައި" މަހުލޫފް ވިދާޅުވިއެވެ.

"ކުރިން ޖޫނިއާ މުބާރަތް އޮތް ދުވަހު އަޅުގަނޑު ބުނިން ކުދިންނާއި ބައްދަލުކޮށްފައި ރާޒުވާ ކުޅޭނެ ތަނެއް ނެތުމުގެ މައްސަލައަށް ހައްލު ހޯދަވައިދެއްވާނަމޭ މިއަދު އަޅުގަނޑު އުފާ ވަނީ ރައީސް އާއި ވާހަކަ ދައްކަވައިގެން މިމައްސަލަ އަށް ހައްލު ހޯދުމަށް ހުޅުމާލެއިން އިމާރާތެއް ހަމަޖެހުމުން" މަހުލޫފް ވިދާޅުވިއެވެ.

ރާޒުވާ ކުޅުންތެރިންނަށް ޚާއްސް ކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރައް ހުޅުވުނު މި އާކޭޑަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަމެންޓް ގެ ފަރާތުން ނެޝަނަލް ޗެސް އެސޯސިއޭޝަންއަށް ހަމަޖައްސަވައިދެއްވި ހޯލެކެވެ.

މިފަދަ ހޯލެއް ހަމަޖެހުމަކީ އެކިއެކި ރާޒުވާ މުބާރާތްތައް ބޭއްވުމަށް ލިބުނު ވަރައް ބޮޑު ފަސޭހައެއް ކަމުގައި ނެޝަނަލް ޗެސް އެސޯސިއޭޝަނުން ވަނީ ފާހާގަކޮށްފައެވެ.

މިއަދު ފެށުނު ގައުމީ ރާޒުވާ މުބާރާތުގައި ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެއެވެ.