ށ. މިލަންދޫއިން ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިލަންދޫ ސިއްހީ މަރުކަޒުން ބުނީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ އެރަށުގެ ފާމަސީއެއްގައި މަސައްކަތްކުރާ ބިދޭސީއެއް ކަމަށެވެ.
އެރަށުން ޕޮޒިޓިވްވެފައިވާ ބިދޭސީ މީހާއާއި އެއްވެސް މީހަކު ޑައިރެކްޓް ކޮންޓެކްޓްވެފައި ނުވާކަމަށް ވެސް މިލަންދޫ ސިއްޙީ މަރުކަޒުން ބުންޏެވެ.
މީގެ ކުރިންވެސް އެރަށުން ކޯވިޑަށް ވަނީ މީހަކު ޕޮޒިޓިވްވެފައިއެވެ. އެފަހަރު ޕޮޒިޓިވްވެ، ބަލިން ފަސޭހަވެފައި ވަނީ ށ. ނަރުދޫ އަމާޒު ބޯޓުގެ ކޭހުގައި ހިމެނޭ ދިވެއްސެކެވެ.
މިލަންދޫ ކައުންސިލުން ވަނީ ހަމައެކަނި ކަރަންޓީން ވުމުގެ ބޭނުމުގައި ށ. މިލަންދޫއަށް ދާ މީހުންނަށް، އެ ރަށުގައި ކަރަންޓީނު ވުމަށް ހުއްދަ ނުދޭން ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ނިންމާފައެވެ.
އެ ކައުންސިލުން އެކަމާއި ގުޅިގެން ނިންމި ނިންމުމުގައި ބުނަނީ ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ކޯވިޑް-19 ހަލުއިކަމާއި އެކު ފެތުރެމުންދާ މިދަނޑިވަޅުގައި އެހެނިހެން ރަށްރަށުގެ މީހުން ހަމައެކަނި ކަރަންޓީނުވުމުގެ ބޭނުމުގައި މިލަންދޫއަށް އަންނަމުން ދާކަމަށެވެ.
މި ގޮތަށް އަންނަ މީހުން އެރަށުގައި ކަރަންޓީނު ވަމުންދާތީ އެކަމާއި ގުޅިގެން އެ ރަށުގެ ރައްޔިތުން ކައުންސިލަށް އެކަން ހުށަހަޅަމުން ދާ ކަމަށް މިލަންދޫ ކައުންސިލުން ނިންމި ނިންމުގައި ބުނެފައި ވެއެވެ.
"މިލަންދޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މިލަންދޫގެ ރަށްވެހިންނާއި، އެފަރާތްތަކާއި ޢާއިލީގޮތުން ގުޅިފައިވާ ފަރާތްތަކާއި، ސަރުކާރުގެ ރަސްމީބޭނުންތަކުގެ ތެރެއިން މިލަންދޫއާއި ގުޅުންހުރި އެކިއެކި ބޭނުންތަކުގައި މިލަންދޫއަށް ޒިޔާރަތްކުރާ ފަރާތްތައް ފިޔަވައި އެހެނިހެން ރަށްރަށުގެ މީހުން ހަމައެކަނި ކަރަންޓިނު ވުމުގެ ބޭނުމުގައި މިލަންދޫ އަށް އައިސް މިލަންދޫގައި ކަރަންޓީނުގައި ތިބުމުގެ ހުއްދަ ނުދިނުމަށް މިކައުންސިލުން ނިންމައެވެ." މިލަންދޫ ކައުންސިލްގެ ނިންމުމުގައި ބުނެފައި ވެއެވެ.
ރާއްޖޭގައި ހަލުވިކަމާއިއެކު ކޯވިޑް ފެތުރެމުންދާއިރު، މިވަގުތު ވެސް މާލެ ފިޔަވައި އަތޮޅުތަކުގެ 38 ރަށެއްގައި ކޯވިޑް ބަލިމީހުން އެބަތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!