ހދ. ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ %65 މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން ގާއިމު ކުރާ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް މިހާރު ފެށިގެން ކުރިއަށް ދާ ކަމަށް އެމްޓީޓީސީއިން ބުންޏެވެ.

Ad
rt

އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން ފައިމަގުގައި ހިނގާނެ ސަރަޙައްދެއް ހެދުމުގެ %80 މަސައްކަތް މިހާރުވަނީ ނިމިފައި ވާކަމަށެވެ.

މި މަޝްރޫޢުގެ ތެރެއިން ފައިމަގުގައި ހިނގޭ ގޮތަށް 16،518 ސްކެއާ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 38،916 ސްކެއާ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި އަދި 19،679.7 ސްކެއާ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 46.7 މިލިއަން ރުފިޔާގެ މަޝްރޫޢު އެކެވެ.