ލާމަރުކަޒީކޮށް ރާއްޖެ ތަރައްގީކުރުމަށް، ޕްލޭނިން މިނިސްޓްރީއިން އެކުލަވާލާފައިވާ ގައުމީ ތަރައްގީގެ ތަސައްވަރުގެ ސްޕޭޝަލް ޕްލޭނުގައި ރާއްޖެ ބަހާލި އިރު، ހދ. މަނުކުދޫ އެއްވެސް ކްލަސްޓާ އަކަށް ވެސް، ރީޖަނަކަށް ވެސް އަދި ސަބް ރީޖަނަކަށް ވެސް ވަދެފައި ނެތުމުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެކަމާ ގުޅިގެން މިއަދުގެ މަޖިލީހުގެ ޖަލްސާގައި، ރާޢީ ވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ސުވާލުކޮށްފައެވެ.
ރާޢީ ކުރި ސުވާލުގައި ވިދާޅުވީ ލާމަރުކަޒީކޮށް ރާއްޖެ ތަރައްގީކުރުމަށް، ސްޕެޝަލް ޕްލޭނެއް ހެދި ސަބްރީޖަން ތަކާއި ރީޖަންތަކަށް ބެހުނު އިރު، މިއިން އެއްވެސް ރީޖަނެއްގައި ހދ. މަނުކުދޫ ނުހިމެނުނީ ކީއްވެތޯއެވެ. މީގެ އިތުރުން ނޭކުރެންދޫ އާއި ކުމުންދޫގެ ނަރުދަމާގެ އަމަލީ މަސައްކަތް ނުފެށި ލަސްވާތީ އެކަމާވެސް ރާޢީ ވަނީ ސުވާލުކޮށްފައެވެ.
"އަޅުގަނޑުމެން ދާއިރާގެ މަކުނުދޫއަކީ ވަރަށް އެކަހެރިކޮށް އޮންނަ ރަށެއް. އެހެންވީމަ އެތަނަށް އޮތް ހައްލަކީ ކޮބާތޯ؟"
ރާޢީގެ ސުވާލަށް ޖަވާބުދެއްވާ މިނިސްޓަރ ވިދާޅުވީ ސްޕެޝަލް ޕްލޭނުގައި ރާއްޖެ ބަހާލިއިރު މަކުނުދޫ އެއްވެސް ކްލަސްޓަރ އަކަށްވެސް އެއްވެސް ރީޖަކަށް އަދި ސަބް ރީޖަނަކަށްވެސް ވަދެފައެއް ނެތްކަމަށެވެ. އެހެން އެކަން ދިމާވެފައި ވަނީ މަކުނުދޫ އަކީ އެކަހެރިކޮށް އުފެދިފައި އޮތް ރަށަކަށް ވުމުން ކަމަށެވެ.
ނަމަވެސް މަކުނުދޫ އާ ދޭތެރޭގައި ސަރުކާރުން ހާއްސަ ނަޒަރަކުން ބަލާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވައިފައެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއް ބާކީ ނުކުރުންކަމަށެވެ. އެކަމަކު އޭގެ މާނައަކީ ހުރިހާ ރަށެއްގައި ހުރިހާ ކަމެއް ކުރާނެ ވާހަކައެއް ނޫންކަމަށެވެ.
"އޭގެ މާނަ އަކީ އެއްރަށް އަނެއްރަށަށް ބަރޯސާ ވާންޖެހޭގޮތަށް ތަރައްޤީ ގެންނާނަމޭ. ހަމައެކަނި އެންމެ ރަށަކަށް ނޫނޭ އަތޮޅުގެ ރައްޔިތުން ދަތުރުކުރަން ޖެހޭނީ. ކޮންމެ ރަށަކަށްވެސް ތަރައްޤީގެ ކަންތައްތަކެއް އަޅުގަނޑުމެން ލާނަން"
މިނިސްޓަރ ވިދާޅުވިއެވެ.
ކުރިއަށް އޮތް 20 އަހަރު ތެރޭގައި މާލެ ފަދަ އިގްތިސާދީ ވަރުގަދަ މަރުކަޒީ ރަށްތަކެއް އަތޮޅު ތެރޭގައި އުފެއްދުމަށް ސަރުކާރުން ކުރާ ތަސައްވުރުގެ ޕްލޭނަށް ކިޔަނީ "މޯލްޑިވްސް ނޭޝަނަލް ސްޕޭޝަލް ޕްލޭން" އެވެ.
މަކުނުދޫ އަށް ވައިގެ މަގުން ދަތުރުކުރެވޭނެ ގޮތް ހެދުމަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދު ފުޅެކެވެ. ރައީސްގެ ކެމްޕެއިން ވައުދުތަކުގެ ތެރޭގައި ވިދާޅުވީ މަކުނުދުއަށް ވައިގެމަގުން ޚިދުމަތް ދޭން ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ.
މަކުނުދޫ އަކީ ރާއްޖޭގެ ހުޅަނގު އުރުތުން މީހުން ދިރިއުޅޭ ރަށްރަށާ ވަކިިން އޮންނަ ރަށެކެވެ.
އެ ރަށުގައި އެއާޕޯޓެއް އެޅުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް ވައުދުފުޅެކެވެ. ނަޝީދުގެ ވެރިކަން ނިމުނު އިރު މަކުނުދޫގައި އެއާޕޯޓު އެޅުމުގެ އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ކުރީގެ ރައީސް ޔާމީންގެ ކެމްޕެއިން ތެރޭގައި ވެސް ވަނީ މަކުނުދޫގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.
ހދ. އަތޮޅުގައި އޮންނަ ހަނިމާދޫ އެއާޕޯޓަށް ދިއުމަށް މަކުނުދޫ މީހުން ދިގު އަދި ހަރަދު ބޮޑު ދަތުރެއް ކުރަން ޖެހެ އެވެ. ކުޅުދުއްފުށީ އެއާާޕޯޓަށް ދިއުމަށް ވެސް ހަމަ އެ ހަރަދާއި ވަގުތު ހޭދަވާނެ ކަމަށް އެ ރަށު މީހުން ބުނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!