މިހާރު ޑޮލަރު ނުލިބޭ ކަމަށާއި، ޑޮލަރު ނުލިބިގެން، ޑޮލަރު ހޯދަން ފައިސާ ދުވުމުގެ ސަބަބުން އެއްޗެހީގެ އަގު އިންތިހާއަށް ބޮޑުވަމުން ދާކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ، ކޯވިޑްގެ ހާލަތުގައި ކުދި ފަންތިއާއި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ދިވެހިރާއްޖޭގެ އިޤްތިޞާދަށް ދިމާވާ މައްސަލަތަކާ ބެހޭގޮތުން ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.
ޝިޔާމް ވިދާޅުވީ ހުރިހާ ރައްޔިތުންނަކީ މަގުމައްޗަށް ނިކުމެވޭނެ ރައްޔިތުންނެއް ނޫންކަމަށާއި، މިއަދު މި ފެންނަނީ، ރައްޔިތުންގެ ޙައްޤުގެ އެންމެ އަސާސީ ޙައްޤު ހޯދަން ވެސް މުޒާހަރާކޮށްގެން ނޫނިއްޔާ އެ ޙައްޤު ނުލިބޭ ތަން ކަމަށެވެ.
" ބޮޑުސިންގާހާ ބަލިމަޑުކަމެއް އައިސްގެން މި އުޅެނީ ދިވެހިރާއްޖެއަށް، ރައްޔިތުން މަގުމައްޗަށް ނިކުންނަން
ނުޖައްސާށޭ މި ސަރުކާރަށް އަޅުގަނޑު ގޮވާލަނީ" ޝިޔާމް ވިދާޅުވިއެވެ.
"ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިއްޖެ ޑޮލަރު ރިސިޕްޓް، ރަސީދުތައް މަދުވެއްޖެ. ޑޮލަރެއް ނެތް. ޑޮލަރު ހޯދަން ފައިސާ ދުވަނީ. ދުވީމަ މި ވާ ގޮތަކީ، އެއްޗެހީގެ އަގު ބޮޑުވަނީ އިންތިހާއަށް"
ޝިޔާމް އިތުރަށް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުމަކަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވަޑައިގަތް ދުވަހަކު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަޑައިގަތް ދުވަހު ވެސް އެވާހަކަ ދެއްކެވި ކަމަށެވެ.
"ގަވަރުނަރު ވިދާޅުވީ ތިމަންނާ ޗާޕެއް ނުކުރާނަމޭ ފައިސާ، ފިނޭންސް މިނިސްޓަރު ވިދާޅުވީ، ފައިސާ
ޗާޕު ކުރިޔަސް އިންފްލޭޝަން މައްޗަށް ނުދާނެ ވާހަކަ. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެންނަށް މި އެނގެނީ
ފިހާރަތަކުގައި މުދަލުގެ އަގު %30 މަތިވެއްޖެ މިއަދު ރައްޔިތުން ނިކަމެތިކަމުގައި، ރައްޔިތުންނަށް
ގޮތެއް ނެތް. މަސްވެރިން އޮޑިފަހަރު، ބޮޑެތި އޮޑިފަހަރު، ލޯނު ނަގައިގެން ބަދެފައި ހުރި އޮޑިފަހަރު ފަޅުތެރޭގައި
އަޅާފައި މުށިމަސް ބާނަން ހުރިހާ މަސްވެރިން މިހާރު އުޅެނީ"
ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައްޔިތުން މަސައްކަތެއް ނުކުރެވި ގޭ ބަންދުގައި ތިބޭތާ، ހަތް މަސްދުވަސް ވެއްޖެ ކަމަށެވެ. އަދި ރައްޔިތުން ބިރުގަންނަވާފައި ރައްޔިތުން ގޭބަންދަށް ވައްދާ ދައުލަތަށް ލިބުނު ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކޮށް ޝިޔާމް ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!