މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއެމްއޭ އިން ކުރި އިއުލާނުގައި ވަނީ ސްކޮލަޝިޕްގެ ދަށުން އިކޮނޮމިކްސްގެ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ފަސް އަހަރުގެ ބޮންޑެއް ހިމެނޭ މި ސްކޮލަޝިޕްގެ ދަށުން އޯއީސީޑީގެ ކޮންމެ ގައުމެއްގައި ކިޔެވުމުގެ ފުރުސަތު ލިބުނު ނަމަވެސް، ހޮވޭ ކުއްޖަކު ކިޔަވާނެ ޔުނިވަސިޓީ ކަނޑައަޅާނީ އެމްއެމްއޭ އިންނެވެ.

Ad
rt

އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) ގެ މެމްބަރުންގެ ގޮތުގައި ޖުމްލަ 36 ގައުމެއް ހިމެނެ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނުގެ އިތުރުން ވެސް، ޔޫރަޕާއި ދެކުނު އެމެރިކާ އަދި އޭޝިއާގެ ބޮޑެތި އިގްތިސާދުތައް ހިމެނެ އެވެ.

މި ސްކޮލަޝިޕްގެ ޝަރުތުތަކަކީ:

  • އޭލެވެލް ބިޒްނަސް ސްޓްރީމްގެ ތިން މާއްދާ އިން ފާސްވެފައިވުން ނުވަތަ ޕްރޮގްރާމާ ގުޅޭ ދާއިރާ އަކުން ޑިޕްލޮމާ ހާސިލް ކޮށްފައިވުން
  • ޖީސީއީ/އަޖީސީއެސްއީ އޯލެވެލް އިމްތިހާނުން "އިނގިރޭސި" މާއްދާ އިން "ބީ" އިން ފެށިގެން މަތިން ފާސް ވެފައިވުން

އެމްއެމްއޭ އިން ވަނީ ޝަތުރު ހަމަވާ ފަރާތްތަކުން، އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ސްކޮލަޝިޕަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

މި ސްކޮލަޝިޕަށް ހޮވޭ ފަރާތަކަށް، ޓިއުޝަން ފީ އާއި ޔުނިވަސިޓީ އަށް ދައްކަންޖެހޭ އެހެނިހެން ހަރަދުތަކުގެ އިތުރަށް، ޕްރޮގްރާމުގައި ހުންނަ މުއްދަތުގައި ދިރިއުޅުމުގެ ހަރަދާއި ކިޔަވަން ދިއުމާއި އެނބުރި އައުމުގެ ޓިކެޓް ހަރަދު އަދި ވިސާ ހަރަދު އެމްއެމްއޭ އިން ދޭނެ އެވެ. މީގެ އިތުރުން، އަހަރަކު އެއްފަހަރު ބުކް އެލަވަންސާއި ޕްރޮގްރާމް އަލަށް ފަށާއިރު އެސްޓެބްލިޝްމަންޓް އެލަވަންސް އަދި ޕްރޮގްރާމް ނިމުމަށް ފަހު އެނބުރި އަންނައިރު ޑިޕާޗާ އެލަވަންސް ވެސް އެމްއެމްއޭ އިން ހަމަޖަައްސައިދޭނެ އެވެ.