ރާއްޖޭގެ އިޤްތިސާދީ ދުވެލި ހަލުވި ކުރެވޭނީ ދަނޑުވެރިކަމައީ މަސްވެރިކަމަށްވެސް ފުރުސަތު ލިބިގެން ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

ދެމެހެއްޓެނިވި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ދިވެހިރާއްޖޭގައި ކުރިއެރުވުމަށްޓަކައި، މަޖިލީހަަށް ހުށަހަޅާފައިވާ ޕެސްޓިސައިޑްސް ބިލާ ބެހޭގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން މެމްބަު ވަހީދު ވިދާޅުވީ، ދަނޑުވެރިކަމަކީ ދިވެހިންނަށް މުހިންމު ސިނާޢަތެއްކަމަށާއި ރާއްޖޭގައި ދަނޑުވެރިކަމާއި މަސްވެރިކަން ފަތުރުވެރިކަމާއި އެއްވަރަށް ކުރިއަރުވަން ޖެހޭކަމަށެވެ.

Ad
rt

"އިޤްތިސާދީ ދުވެލި ހަލުވި ކުރެވޭނީ ދަނޑުވެރިކަމަށް ވެސް އަދި މަސްވެރިކަމަށްވެސް ފުރުސަތު ޤައުމުގައި ލިބިގެން"

ވަހީދު ވިދާޅުވީ ބަހުސް ކުރެވޭ މިބިލުގައި ފާހަގަ ކުރާ އެއްކަމަކީ ދެމެހެއްޓެނިވިގޮތުގައި ދަނޑުވެރިކަން ކުރުން ކަމަށާއި އެހެން ކަމުން ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ ގޮތަކަށް ވަރަށް ބޮޑަށް ދިރާސާކޮށް ވިސްނަން ޖެހޭކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި މިކަމަށް ރަނގަޅު އުސޫލުތަކެއް ހަދަން ޖެހޭކަމަށެވެ.

މެމްބަރު ވަހީދުވަނީ ދަނޑުވެރިންނަށް ދަނޑުވެރިކަމުގެ ރަނގަޅު މާހައުލެއް ނެތްކަމަށް ފާހަގަ ކުރައްވާ ދަނޑުވެރިންނަށް ރަނގަޅު މާހައުލެއް ޤާއިމު ކޮށްދިނުމަށް އެދި ފިޝަރީޒްއަށް ގޮވާލާފައެވެ.

ޕެސްޓިސައިޑްސް އާ ބެހޭ ބިލެއް ސަރުކާރުން ހުށަހެޅުއްވީ، ޕެސްޓިސައިޑްގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް ދަނޑުވެރިކަމުގައި ބޭނުންކުރުމާއި، ދިވެހިރާއްޖޭގައި ޕެސްޓިސައިޑް އުފެއްދުމާއި ދިވެހިރާއްޖެއަށް ޕެސްޓިސައިޑް އިމްޕޯޓުކުރުމާއި އެކްސްޕޯޓުކުރުމާއި ވިއްކުމާއި ބޭނުންކުރުމާއި ނައްތާލުމާބެހޭ އުޞޫލުތައް ކަނޑައެޅުމުގެ އިތުރުން ޕެސްޓިސައިޑް ބޭނުންކުރުމުގައި އާންމު ސިއްޙަތާއި، ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކުރާ ޢަމަލުތައް ބަލައި ފިޔަވަޅުއެޅުމާއި، ޕެސްޓިސައިޑާ ގުޅޭ ސިޔާސަތުތަކާއި، އުޞޫލުތައް ބަޔާންކުރުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ސަރުކާރަށް ފެނިވަޑައިގަންވާތީއެވެ.

މި ބިލު ޤާނޫނަކަށް ވުމުން، ޕެސްޓިސައިޑާ ބެހޭ ކަންތައްތައް އެންމެ ރަނގަޅު ފެންވަރެއްގައި ބެލެހެއްޓުމަށްޓަކައި ޒިންމާވާނެ ޕެސްޓިސައިޑާބެހޭ ޔުނިޓެއް، ދިވެހިރާއްޖޭގައި ދަނޑުވެރިކަމާބެހޭ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގައި ޤާއިމުކުރެވި، މި ޔުނިޓުގެ މަސައްކަތްތައް ވަކިވަކިން ބަޔާންކުރެވިގެންދާނެއެވެ. މީގެއިތުރުން ޕެސްޓިސައިޑުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޛުކުރުމާއި، ޕެސްޓިސައިޑް ތަޙްލީލު ކުރުމަށްޓަކައި ރަސްމީ ލެބޯރޓަރީތައް ޤާއިމްކުރެވިގެންދާނެއެވެ. އަދި ޕެސްޓިސައިޑްގެ ވިޔަފާރި މޮނިޓަރކޮށް ކަމާގުޅޭ ތަފާސްހިސާބު އެއްކޮށް އިވެލުއޭޓްކުރުމާ ބެހޭ ކަންކަމާއި ގުޅޭ ތަފްސީލުތައް ވެސް ބަޔާންކުރެވިގެންދާނެއެވެ.

މި ބިލު ޤާނޫނަކަށް ވުމުން، މި ބިލުގައި ބަޔާންކޮށްފައިވާ ޤާނޫނާ ޚިލާފުކަންކަން ކުރަމުންދާ ފަރާތްތަކާ މެދު އަދަބެއްގެ ގޮތުން 5000 ރ (ފަސް ހާސް ރުފިޔާ) އާއި 100000ރ (އެއްލައްކަ ރުފިޔާ) އާއި ދޭތެރޭގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އަދަބު ކަނޑައެޅިގެންދާނެއެވެ.