ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ހުށަހެޅުމަށް ފާސްކޮށްފިއެވެ.
އެސްޓީއޯއިން ބުނީ ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާކަމަށެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އަހަރީ ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ ހުށަހެޅުމަށް، މިމަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00ގެ ކުރިން ކުންފުނީގެ ވެބްސައިޓްގައިވާ އޭޖީއެމްގެ ވެބްޕޭޖް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ.
ޖަލްސާގެ އެޖެންޑާ އާއި ޖަލްސާއާއި ގުޅުންހުރި އެހެނިހެން މަޢުލޫމާތު، މި ވެބްޕޭޖުން ފެންނަން ހުންނާނެ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. މިޖަލްސާ ބާއްވާނީ މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށްކަމަށް އެސްޓީއޯއިން ބުނެއެވެ.
ނިމިދިޔަ 2019 ވަނަ އަހަރަކީ އެ ކުންފުނީގެ ތާރީޚުގައިވެސް މާލީގޮތުން އެންމެ ކާމިޔާބު އެއްއަހަރު ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވަނީ ހާމަ ކޮށްފައެވެ.
މިގޮތުން ކުންފުނީގެ ޖުމްލަ ފައިދާ އޭގެކުރީ އަހަރާ އަޅާބަލާއިރު 13 އިންސައްތަ އިތުރުވެފައިވާއިރު، ހިންގުމުގެ ފައިދާވަނީ 80 އިންސައްތަ އިތުރުވެފައިވާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ސާފު ފައިދާ އޭގެކުރީ އަހަރާ އަޅާބަލާއިރު ވަރަށްބޮޑުތަން އިތުރުވެފައި ވާކަމަށެވެ. 2018 ވަނަ އަހަރު 14 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބުނުއިރު، 2019 ވަނަ އަހަރުގެ ސާފު ފައިދާއަކީ 303 މިލިއަން ރުފިޔާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!