މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި 4 އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 6 މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށް އެ މައްސަލަތައް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގުކުރަން ފަށައިފައިވާކަމަށެވެ.

Ad
rt

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތު ތަކަކާ ގުޅިގެން މި އޮގަސްޓް މަހުގެ 17، 18 އަދި 20 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންތަކުގައި މާލޭގެ ދެ ގެ އަކާއި މައްސަލަތަކާ ގުޅުންހުރި މީހުން ތިބި ތަންތަން ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާ ހޯދާފައިވާކަމަށެވެ.

އެގޮތުން އޮގަސްޓް 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ގަލޮޅު ގެއެއް ބަލައިފާސްކުރިއިރު 256 ފުޅި ބަނގުރާ ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން 36 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކު ވަނީ ހައްޔަރުކޮށްފައިކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މިމަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި މާލޭގެ ރެސްޓޯރަންޓެއްގައި ތިބި 19 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނަކު ބަަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާކަމަށާއި މި މައްސަލައާ ގުޅިގެން އެ ދެ މީހުންވަނީ ހައްޔަރުކޮށްފަކަމަށެވެ.

މިމަހުގެ 20 ވަނަ ދުވަހު ދެ އޮޕަރޭޝަނެއް ފުލުހުން ހިންގާފައިވާއިރު، އޭގެތެރެއިން ފުރަތަމަ އޮޕަރޭޝަނުގައި ގަލޮޅު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 45 ސެލޯފިންކޮޅާއި ފިލްމް ހުސްކުރި ދަޅަކާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން 20 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

އޮގަސްޓް 20 ވަނަ ދުވަހު ހިންގި ދެވަނަ އޮޕަރޭޝަނުގައި، ބޮޑުތަކުރުފާނު މަގު 2 ނަމްބަރު ކުނިކޮއްޓާދިމާ ތޮށިމަތިން 39 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކޮށްފައިވެއެވެ. އެމީހާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަ ސެލޯފިންކޮޅާއި، އަށް ރަބަރު ޕެކެޓު ފެނިފައިވެއެވެ.