ހަނދާން ހުންނަން ފެށިއިރު ވެސް ދޮންތަ ކިޔަވަމުން ދަނީ މާލޭގައެވެ. އޭރު ތުއްތައާއި ކުޑާއްތަ ކިޔަވަނީ ހޯރަފުށީގައެވެ. ދޮންތަ ކިޔަވައި ނިމުނުތަނާ މި ދެ ދައްތަ ވެސް ކިޔަވަން މާލެ ގެންދަވައިފިއެވެ. ކިޔެވުން ރަނގަޅަށް ނުނިމެނީސް ތުއްތަ ނިޔާވެއްޖެއެވެ. (ތުއްތަގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާށި! އާމީން!) ދެން ކުޑާއްތަ އެކަނި މާލޭގައި ކިޔަވަމުން ދަނިކޮށް އެންމެ ފަހުން އަހަރެންނަށް ވެސް ކިޔަވަން މާލެ ދާން ފުރުޞަތު ލިބިއްޖެއެވެ. އެއީ، ދައްތަމެން ކިޔަވަން މާލެ ގެންނެވީއްސުރެން އަހަރެން އިންތިޒާރުކުރަމުން އައި ކަމެކެވެ. ދައްތަމެން ކިޔަވަން މާލެއަށް އައީ އަތޮޅުގެ ކޮންމެ ވެސް ރަށެއްގައި އަހަރު ދެ އަހަރު ކިޔަވަން ތިބެފައެވެ. އެ ގޮތުން އަހަރެން ވެސް މާލެއަށް ކިޔަވަން ދިޔުމުގެ ކުރީން ދިއްދުއާއި ހޯރަފުށީގައި ކިޔަވަން ހުރީމެވެ.

އަހަރެން ކިޔަވަން މާލެއަށް އައި އިރު ދޮންތަ ހުރީ ރަށުގައެވެ. ވަޒީފާ އަދާކުރަނީއެވެ. މަންމަ ވެސް ހުންނަނީ ރަށުގައެވެ. ބައްޕަ ގިނައިން އުޅުއްވަނީ މާލޭގައެވެ. ކުދިން ކިޔަވަން ތިބެނީ ރައްޓެހިންގެ ގޭގޭގައެވެ. އެކި ކުދިން އެކި ގޭގައެވެ. އެހެން ނަމަވެސް އަހަރެން މާލެއަށް އައި އަހަރަކީ އަހަރެމެން ތިން ބަފައިންނަށް ވެސް އެއް ގެއެއްގައި އުޅުމަށް ފުރުޞަތު ލިބުނު އަހަރެކެވެ. އެއީ، ބައްޕަގެ ރައްޓެއްސެއްގެ ގެއެކެވެ. އެ ގޭ މީހުންގެ ހިތްހެޔޮކަމާއި އޯގާތެރިކަމުގެ ސަބަބުން ވަރަށް އުފަލާއި ހިތްހަމަޖެހުމުގައި އެ އަހަރުގެ ދުވަސްތައް ވޭތުވެ ދިޔައެވެ. ދުނިޔެ ދައްކާނީ އިންސާނުންނަށް އެކި ދުވަހު އެކި ކުލައެވެ. އެއްވެސް ކަމެއް އަބަދަކު އެއްގޮތެއްގައެއް ދެމިއެއް ނޯންނާނެއެވެ. ޖެހިގެން އަންނަ އަހަރު މި ގޭގައި ތިބެވެން ނެތްކަން އެނގިއްޖެއެވެ. އެ ހިސާބުން، އަހަރެންނާއި ކުޑާއްތަ ކިޔަވަން ބައިތިއްބާނެ ގެއަކާ މެދު ބައްޕަ ފިކުރުކުރައްވަން ޖެހިލައްވައިފިއެވެ.

Ad
rt

ކޮންމެއަކަސްް ތިން ބަފައިންނަށް އެއް ގެއެއްގައި ތިބެވޭނެ ގޮތެއް ނުވިއެވެ. ކުޑާއްތަ ހުންނާނެ ގެއެއް ހަމަޖެހިއްޖެއެވެ. ބައްޕަ ހުންނަވަން ނިންމެވީ، އަހަރެމެން މާލެއަށް ނާންނައިރު ވެސް ބައްޕަ ހުންނަވާ ގެ ކަމުގައިވާ މާޖެހިގޭގައެވެ. ފުރަތަމަ، އެ ގޭ މުޙައްމައިދީގެ ރަޙްމަތްތެރިކަމުގައެވެ. ފަހުން، މުޙައްމައިދީގެ އާއިލާއާ އުފެދުނު ގާތް ގުޅުމުގެ ސަބަބުންނެވެ. ސްކޫލުތަކުގެ ބޮޑު ޗުއްޓީ ނިމި، އާ އަހަރުގެ ކިޔެވުން ފެށޭ ހިސާބަށް އައި އިރު ވެސް އަހަރެން ބަހައްޓާނެ ގެއެއް ހަމައެއް ނުޖެހެއެވެ. މި ކަމާ ބައްޕަ ފިކުރުކުރައްވަނިކޮށް ތިމާގެ މީހަކު މެދުވެރިވެގެން ގެއެއް ހަމަޖެހިއްޖެއެވެ. ނަމަވެސް، ފުރަތަމަ ޖެހުނީ އެ ގޭގެ މައި ގެއާ އިންވެގެން ފެންޑާ ގަނޑެއް ފާޑަށް ތަނެއް ރާނާށެވެ. އެ ތަން ހިޔާކޮށް އެނދާއި އަލާމާރިއާ އެއްޗެހި އެ ތަނަށް ބައްޕަ ލެއްވިއެވެ. ތަޅުމެއް ވެސް ނެތް މި ކޮޓަރީގައި އަހަރެންނާއެކު އަދި އެހެން އަންހެން ކުއްޖަކު ވެސް އުޅެއެވެ. އެއީ، އަހަރެންނަށް ވުރެ ދޮށީ ކުއްޖެކެވެ. އޭނާ ކިޔަވަން ދަނީ މާލޭގެ ކޮންމެ ވެސް ޚާއްޞަ ކުލާހަކަށެވެ. މި ކުއްޖާގެ އިތުރުން އަދި އެ ގޭގައި އަހަރެންނަށް ވުރެ ހަގު ފިރިހެން ކުއްޖަކު ވެސް ކިޔަވަން ހުރެއެވެ. ހައްތާ ވެސް ރަށްރަށުން ކިޔަވަން މާލެ އައިސް ތިބި ކުދިންނެވެ. އެ ގޭގެ ދެމަފިރިންގެ ކުދިންނެއް ނުތިބެއެވެ.

މިއީ، މާލޭ އިންގްލިޝް ސްކޫލު (އެމް. އީ. އެސް) ހުންނަ މަގުގައި ހުރި ގެއެކެވެ. އޭރު، އެމް. އީ. އެސް ހުންނާނީ މިހާރު "ޢަރަބިއްޔާ ފްލެޓް" ތަކޭ ކިޔާ ފްލެޓްތައް އެ ހުރި ތަނުގައެވެ. މަޖީދީމަގަށް ހުންނާނީ ޢަރަބިއްޔާ ސްކޫލެވެ. އޭގެ ބިއްދޮށަށް ހުންނަނީ އެމް. އީ. އެސްއެވެ. މި ސްކޫލަށް ވަދެ ނުކުމެ ހަދަނީ ދަނބުރުއް މަގުގައި ހުންނަ ދޮރާށިންނެެވެ. އަހަރެން ކިޔަވަން ދަނީ މި ސްކޫލަށެވެ. އުޅެނީ ގްރޭޑު ތިނެއްގައެވެ. މި ގެއިން ދެ މިނެޓެއްހައި އިރު ތެރޭގައި ސްކޫލަށް ދެވެއެވެ.

ސްކޫލަށް ދަނީ ހެނދުނު 6:45 އަށެެވެ. ލަސް ވެގެން ފަތިހު ފަހެއް ޖަހާއިރު ތެދުވަމެވެ. ތެދުވެ ފެންވަރައި ނަމާދުކޮށް ސައިބޮއިގެން ދަނީ ސްކޫލަށެވެ. ސަޔަކަށް ބޮނީ އަމިއްލައަށް ތައްޔާރުކޮށްލާ ކިރު ތައްޓެކެވެ. ދެން ސްކޫލުން ނިމިގެން ގެއަށް އާދެވޭނީ 11 ޖަހައި ކަންހައި އިރެވެ. ގެއަށް އައިސް ޔުނިފޯމު ބަދަލުކުރުމަށް ފަހު ފުރަތަމަ، ކުރަންޖެހޭ ކަމަކީ ކުރީ ދުވަހު ކައްކާފައި ހުރި ތެލިތައް ދޮވުމެވެ. އެ ދުވަސްވަރު އެ ގޭގައި ކައްކަނީ ދަރު އުނދުނުންނެވެ. ތެލިތައް ދޮވެ ނިމޭއިރު ގައިބޮލުގައި އޮންނަނީ ދެއްޔެވެ. އެންމެ އަސަރުކުރަނީ އަތުގެ ނިޔަފަތިތަކުގެ ދަށަށް ދެލިވަދެ ކަޅުވެފައި ހުންނާތީއެވެ. ބުރުސް އަޅައި އުނގުޅިއަސް އެ އެއްޗެހި ރީއްޗަށް ނުފިލާތީއެވެ.

ތެލިތައް ދޮވެފައި ދެން އޮންނާނީ މެންދުރު ކެއްކުމަށް ހުނި ގޭނުމެވެ. ހުނި ގާނަން ހުންނާނީ ހުނި ގޮނޑިއެވެ. ކާށި ކިބައަށް ވުރެ ގިނަ ފަހަރު ތިލަ ކޭއްތެނީ އަތުގައެވެ. ދެން ހުނި ގާނާ ނިމިގެން އެއިން ކިރުފެލުމެވެ. މިހާރު ހެން މިކްސްޗަރެއް ނުހުރެއެވެ. ހުނި އެއްޗަށް ފެން އަޅާފައި އަތުގައި ހުރި ބާރެއް ލައި ފެލައިލަނީއެވެ. ނަމަވެސް، ތަނަށް ހުނި ބުރައިގެން ނުވާނެއެވެ. މިއިން ކޮންމެ ކަމެއް ކުރުމުގައި ވެސް އުސޫލުތަކެއް ގެންގުޅެންޖެހެއެވެ. އޭރަކު ދެން މާ ބާރެއް ވެސް ލެވެނީކީ ނޫނެވެ. ހުންނަލެއް ނިކަމެތިކަމުންނެވެ. ހިކިކަމުންނެވެ.

މަސައްކަތް މިހިސާބަށް ނިންމައިލެވުނީމާ އެ އޮތީ އެއްޗެއް ކާން ފުރުޞަތު ލިބިފައެވެ. ސްކޫލުން އައިސް އެއްޗެއް ކާން ވެސް އަމުރު އޮންނަނީ މި މަސައްކަތްތައް ކޮށްފައެވެ. މިއީ، އެ ގޭ ދައްތަ ބުނާ ގޮތުގައި އަހަރެންނަށް މަސައްކަތް ދަސްކޮށްދީ މި ކަންކަމަށް އަހުލުވެރިކުރުވުމަށް އަހަރެން ލައްވައި ކުރުވާ ކަންކަމެވެ. މަންމަމެން އަހަރެމެން ގެންގުޅެނީ މި ގޮތަށް މަސައްކަތް ކުރުވައިގެނެއް ނޫނެވެ. އެހެންވީމާ، އެ ގޭ ދައްތަ އަހަރެންނަށް ގެވެހި މަސައްކަތްތައް ދަސްކޮށްދެނީއެވެ.

ކިޔެވުމުގެ އެއްވެސް ކަމެއްގައި މި ގޭގައި ދަތިކަމެއް ނެތެވެ. ގޭ ސިޓިންގ ރޫމުގެ އެއް ފަރާތެއްގައި ބައްޕަ ގެންނަވާފައިވާ މޭޒެއް ހުރެއެވެ. އެ ތަނުގައި އުނދަގޫ ކަމެއް ނެތި ކިޔަވަން އިނދެވެއެވެ. އެހެން ނަމަވެސް، އެހެން އިންނަ އިރު ހިތަށް އުނދަގޫވާ މަންޒަރުތައް ފެނެއެވެ. ގޭގައި މި އުޅޭ ކުޑަ ސޮރު ކިޔަވަން ނޫޅޭތީއޭ ކިޔައި އެ ސޮރުގެ ދެ ތުންފަތް އެއްކޮށް، އެއްޗެހި ހިއްކަން އަޅާ ދަތި ތިއްބާފައި ދައްތަ ބަހައްޓައިފާނެއެވެ. އެ ނޫން ވެސް ކުދި އަނިޔާތައް އެ ސޮރަށް އެ ދައްތަ ދެއެވެ. މި ކަންކަމުން ހިތަށް ވަރަށް ނުތަނަވަސްކަން ލިބެއެވެ.

މަދު ދުވަހެއްގައި ނޫނީ ހަވީރު އަހަރެމެން އުޅޭ ގޭގެއަށް ބައްޕަ ދުރުވެއެވެ. ޙާލުއަހުވާލު ބައްލަވައެވެ. އެއީ، މިހާރުހެން ކޮންމެ މީހެއްގެ އަތުގައި ފޯނެއް އޮންނަ ދުވަސްވަރެއް ނޫނެވެ. މޯބައިލް ފޯނަކީ ކޯއްޗެއްކަން ދަންނަ މީހަކު ވެސް ނިސްބަތުން މަދުވާނެކަމަށް ލަފާކުރެވެއެވެ. ބައްޕަ ދުރުވެ ވާހަކަދައްކަވަން އިންނަވާނީ ސިޓިންގ ރޫމްގައެވެ. ބައްޕަ އިންނަވާހައި ހިނދަކު އެ ގޭ ދައްތަ އެ ތަނަކުން ނުދެއެވެ. އެހެންވީމާ، ބައްޕަ ގާތުގައި އެ ދައްތަގެ ޝަކުވާއެއް ވެސް ކޮށްލެވޭކަށް ނޯވެއެވެ. ނަމަވެސް، ހަފުތާގެ ބަންދު ދުވަސް ދުވަހު ބައެއް ފަހަރަށް ބައްޕަ އަހަރެން ގޮވައިގެން ބޭރަށް ދުރުވެއެވެ. ކުޑާއްތަ ގާތަށެވެ. ތިމާގެ މީހުން އުޅޭ ގޭގެއަށެވެ. ނުވަތަ ބައްޕަގެ ގާތް ރައްޓެހިންގެ ގޭގެއަށެވެ. މިހެން ގެއިން ބޭރަށް ނުކުމެވޭ ފަހަރަކު ވިއްޔާ، ބައްޕަ ގާތުގައި ޝަކުވާކުރެވެއެވެ. އެ ގޭގައި އުޅެންޖެހޭ ގޮތް ކިޔައިދެވެއެވެ. ޚާއްޞަކޮށް ތެލިދޮވުމުގެ ސަބަބުން ނިޔަފަތިތައް ހަޑިވާތީ އެ ވާހަކަ ވަރަށް ދެކެވެއެވެ.

ބައްޕަ ވަރަށް ފަރުވާތެރިކަމާއެކު އެ ވާހަަކަތައް އަޑު އައްސަވައެވެ. އެންމެ ފަހުން ހީނލައްވާފައި ބުނުއްވީ ކީކޭ ކަމަށް ހެއްޔެވެ؟ ބުރަކަށީގައި ފިރުމައިލައްވާފައި ބުނުއްވިއެވެ. ކަނބުލޯއެވެ! ފިނިފެންމަލުގެ ދާނުގައި ތަޢުލީމު ޙާޞިލެއް ނުކުރެވޭނެއެެވެ. މިހާރު ހިތްވަރާއެކު ކިޔަވާށެވެ. ފަހުން ރަނގަޅުވާނެއެވެ. މިހެން އަހަރެންގެ ގާތުގައި ބުނުއްވިއެއް ކަމަކު، އެ ކަމާ އަޅައިނުލައްވައި ބައްޕަ ހުންނެވީކީ ނޫންކަން އެނގުނެވެ.

އެއް ދުވަހަކު އެ ގޭ ދައްތަ އަހަރެންނަށް ގޮވާލައިފިއެވެ. ގާތަށް ދިޔައީމާ ވާހަކަދައްކަން ފެށިއެވެ. އަހަރެން ލައްވައި މަސައްކަތްކުރުވަނީ އަހަރެންނަށް ރަނގަޅަކަށް ކަމަށް ބުންޏެވެ. އަދި އެހެން ގޭތެރޭގައި ދިމާވާހައި ކަމެއް ބައްޕަ ގާތުގައި ބުނުމަކީ ރަނގަޅުކަމެއް ނޫންކަމަށް ވެސް ބުންޏެވެ. ވާހަކަތައް މިހައި ހިސާބަށް ދިޔަ އިރު ދައްތަގެ ވާހަކަދެއްކުމުގެ ރާގު ބަދަލުވެ ހިތްހަމަނުޖެހުން އަޑުގައި އެކުލެވެން ފަށައިފިއެވެ. އެންމެ ފަހުން، ވައަތް ކުރިއަތް އުފުލައިލައި އެ އަތުގެ އަތްދަނޑީގެ މެދަކާ ހިސާބުގައި ކަނާތުގެ ޝަހާދަތް އިނގިލި ޖައްސައިލާފައި ބުންޏެވެ. ކަލޭގެ ބައްޕަ މަށަށް މިވަރުގެ ފަތްކޮޅެއް ފޮނުވާފައި އެބައޮތެވެ. އެ ހިނދު ހިތަށް އެރިއެވެ. ބައްޕަ ދައްތަ ގާތުގައި މި ވާހަކަތައް ބުނުއްވީތާއެވެ.

ކޮންމެއަކަސް، އޭގެ މާ ގިނަ ދުވަހެއް ނުވެ އެ ގެއިން އެހެން ގެއަކަށް ބައްޕަ އަހަރެން ގެންދަވައިފިއެވެ. އެއީ، ދަރިންނަށް ކުރިމަތިވާ މިފަދަ ކަންތައްތަކަށް ކެތްކުރެވޭ ވަރަށް ވުރެ، ދަރިން ދެކެ ލޯބިވާ ބައްޕައެކެވެ. އަމިއްލަ ނަފުސަށް ލިބޭ ތަކުލީފަކަށް އުއްފު ވެސް ނުބުނުއްވި ނަމަވެސް، ދަރިންނަށް ކުރިމަތިވާ ކަންކަމުގައި ހިތްބަލި ބައްޕައެކެވެ.

މަދަރުސީ ތަޢުލީމީ ޙަޔާތް ނިމުނީ އެކި ގޭގޭގައި ކިޔަވަން ހުރެއެވެ. މި ގެ ފިޔަވައި ކޮންމެ ގެއެއްގައި ވެސް ހޭދަކުރީ އުފާވެރި ހިތްހަމަޖެހޭ ދުވަސްތަކެކެވެ. އެ އާއިލާތަކާއެކު އުފެދުނު ގުޅުން އަދިވެސް އެބައޮތެވެ. އެކަމަކު އެ ގެއިން އައި ފަހުން އެ ދައްތަމެންނަށް ވީ ގޮތެއް ނޭނގެއެވެ. އެ ގެއިން ދިޔަތާ ކުރީކޮޅު، ދެ ފަހަރަކު މަގުމަތިން އެ ދައްތައާ ދިމާވިއެވެ. އެކަމަކު ވާހަކަދައްކާ ހިތެއް ނުވިއެވެ. ޅަ ހިތަށް އެ ދުވަހު ކުރި އަސަރު ހެރުނު ކައްޓެއް ފަދައިން ހުރެއެވެ.

1998 ވަނަ އަހަރުން ފެށިގެން މި ދަނީ މުދައްރިސެއްގެ ގޮތުގައި ގައުމަށް ޚިދުމަތްކުރަމުންނެވެ. ބައްޕަ އެ ދުވަހު ބުނުއްވި ވާހަކަ، "ފިނިފެންމަލެއްގެ ދާނުގައި ތަޢުލީމް ޙާޞިލުނުކުރެވޭނެކަމަށާއި، ނަމަވެސް، ހިތްވަރާއެކު ކިޔެވީމާ ފަހުން އޭގެ ފައިދާ ލިބޭނެ" ކަމަށް އެ ބުނުއްވި ބުނުއްވުމުގެ ތެދުކަން ޙަޤީޤަތުގައި ގަބޫލުކުރެވެނީ މިއަދުއެވެ. ޙަޔާތުގެ އަޑިގުޑަންތަކާއެކު ވެސް ކިޔަވައި އަމިއްލަ ފައިމައްޗަށް ތެދުވެ، ތިމާގެ ފުށުން ބަޔަކަށް ޚިދުމަތެއް ދެވުމަކީ ކިހައި ހިތްހަމަޖެހުން ލިބޭ ކަމެއްކަން ތަޖުރިބާކުރެވުނީމައެވެ. މިއީ، އަޅުގަނޑުމެން ކޮންމެ ކުއްޖަކާމެދު ވެސް ބައްޕަ ކުރެއްވި ވަރަށް ބޮޑު އުއްމީދެކެވެ. ބައްޕަ ފަދައިން ޤައުމަށް ޚިދުމަތްކުރާ ކުދިންތަކަކަށް ބައްޕަގެ ކުދިން ވެސް ވުމެވެ.

ބައްޕަ 57 އަހަރު، އަމިއްލަ ރަށަށާއި އަތޮޅަށް ޖުމުލަކޮށް މުޅި ޤައުމަށް ޚިދުމަތްކުރެއްވުމުގައި ދެމިހުންނެވުމަށް ފަހު މި ފަނާވަނިވި ދުނިޔެއާ އައްވަދާޢު ކިޔުއްވީ 1422 ވަނަ އަހަރުގެ މުޙައްރަމު މަހުގެ 1 ވަނަ ދުވަހުއެވެ. އެއީ، މީލާދީ ގޮތުން 26 މާރިޗު 2001 ގައެވެ. އެހެންކަމުން، ކޮންމެ ހިޖުރީ އާ އަހަރެއްގެ ފެށުން ގެނެސްދެނީ ބައްޕަ އަހަރެމެންގެ ގާތުގައި ނެތްކަމުގެ ހިތި ހަނދާންތަކެވެ.

“ދާދި އަވަހަށް ނެތި ފަނާވިޔަކަސް އަގެއް ނެތް ޖިސްމުތައް
ތާ އަބަދު ދެމި ހުންނަ ހެޔޮ ޒިކުރާއަކަށް ނިމުމެއް ނެތޭ"

މިއީ، ބައްޕައާއެކު ހޭދަވި ކުރު ޙަޔާތުގެ އެއް ޞަފުޙާއެވެ. މިފަދަ ކިތައްމެ ދަރުހެއް ނަސޭހަތެއް ކަމެއް ހަނދާނުގައި އެބަހުއްޓެވެ. އެއީ، ފުރާނަ ހުރިހައި ހިނދަކު ހަނދާން ނެތޭނޭ ކަންކަމެއް ވެސް ނުމެ ނޫންމެއެވެ. އެދެނީ ބައްޕަގެ ފުރާނައަށް މާތް ﷲ ހެޔޮ ރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމެވެ. އާމީން! رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
----- (ނިމުނީ) -----