ސްޕްނިޝް ލަލީގާގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ކުޅުނު ދެވަނަ މެޗުން ރެއާލް ބެޓިސް 5-2 ގެ ބޮޑުތަފާތަކުން ބަލިކޮށް ސްޕޯޓަރުންގެ ހިތްތަކަށް ހިތްހަމަޖެހުން ގެނެސްދީފިއެވެ.

ބާސެލޯނާގެ ދަނޑު ކަމަށްވާ ކޭމްޕް ނޯ ގައި ރޭ ކުޅުނު މެޗްގައި ފުރަތަމަ ގޯލްޖަހާ ލީޑް ނެގީ ރިއަލް ބެޓިސްއިންނެވެ. މިގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ނަބީލް ފެކިރް އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސެލޯނާއިން ވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ބާސެލޯނާގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ މި ސިޒަންގައި ވާދަވެރި އެތްލެޓިކޯ މެޑްރިޑް ދޫކޮށް ބާސެލޯނާއަށް ބަދަލުވި ހުނަރުވެރި ފޯވަޑް އެންޓޯނިއޯ ގްރީޒްމަންއެވެ. މިގޯލަކީ ގްރީޒްމަން ބާސެލޯނާއަށް ބަދަލުވިފަހުން ރަސްމީ މެޗެއްގައި ބާސެލޯނާއަށް ޖަހައިދިން ފުރަތަމަ ގޯލް ކަން ފާހަގަކޮށްލެވެއެވެ. މިމެޗްގައި ގްރިޒްމަން ދެ ގޯލް ކާމިޔާބު ކޮށްދިންއިރު ބާސެލޯނާގެ އަނެއް ތިން ގޯލް ކާމިޔާބު ކޮށްދިނީ ޕެރޭޒް،ޖޯޑީ އަލްބާ އަދި ވިދާލްއެވެ. ބެޓިސްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ގާސިއާއެވެ.

Ad
rt

މި މޮޅާއިއެކު ބާސެލޯނާ ވަނީ ކުޅުނު ދެމެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ތާވަލްގެ އަށްވަނައަށް ޖެހިލާފައެވެ. ޓޭބަލްގެ އެއްވަނާގައި ސެވިއްޔާ މިވަތު އޮތީ ކުޅުނު ދެމެޗުންވެސް މޮޅުވެ ލިބުނު ހަ ޕޮއިންޓާއި އެކުއެވެ. ދެ މެޗުން ހަ ޕޮއިންޓް ލިބުނު ނަމަވެސް ފައިދާ ގޯލްގެ ތަފާތުން އެތްލެޓިކޯ މެޑްރިޑަށް ލިބެނީ ތާވަލް ގެ ދެވަނައެވެ. ހޮނިހިރު ދުވަހުގެ ރޭ ރިއަލް ވަލަޑޮލިޑްއަތުން ލިބުނު ޕޮއިންޓާއިއެކު ޖުމްލަ ހަތަރު ޕޮއިންޓް ހަމަކޮށް ރިއަލް މެޑްރިޑަށް ލިބެނީ ތާވަލްގެ ތިންވަނައެވެ.