ކޯވިޑް19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގެ މައްސަލައާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙުޤީޤުކުރަމުންދާ މައްސަލާގައި، ކޮރަޕްޝަނުގެ ޢަމަލެއް ނެތްކަމަށް އޭސީސީން ނިންމާފައިވާކަން ދޭހަވާގޮތަށް މީޑިއާތަކުންނާއި މީސްމީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން އެ މިޝަނުން ބަޔާނެއް ނެރެފިއެވެ.
އެބަޔާނުގައި ބުނެފައިވަނީ ކޯވިޑް19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގައި ޢަމަލުކޮށްފައިވާގޮތާ ގުޅޭގޮތުން ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލައަކީ، އެކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ތަޙުޤީޤުކުރަމުންދާ މައްސަލައެއް ކަމުގައި ފާހަގަކުރާކަމަށެވެ.
ވެންޓިލޭޓަރު ހޯދުމުގައި ޢަމަލުކޮށްފައިވާ ގޮތާގުޅޭ މައްސަލާގައި ރައްޔިތުންނާއި ދައުލަތުގެ އިދާރާތަކުގެ ކަންބޮޑުވުންތަކެއް ހުރުމުން، މި މައްސަލާގައި ކޮމިޝަނަށް އެހަތާނަށް ލިބިފައިވާ ލިޔެކިޔުންތަކާއި އަދި ތަޙުޤީޤަށް އަސަރުކޮށްފާނެ ފަދަ މަޢުލޫމާތު ނުހިމަނައި، މައްސަލާގައި ފާހަގަކުރެވުނު މައިގަނޑު ކަންކަން ހިމެނޭގޮތަށް ޚުލާޞާ ރިޕޯޓެއް އެކުލަވާލައި 21 މޭ 2020 ގައި ރިޕޯޓު އާންމުކޮށްފައިވާއިރު، އޭރު އެމައްސަލާގައި ކޮމިޝަނުން ވަކިގޮތެއް ނިންމާފައިނުވާނެއެވެ.
އޭސީސީ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން އެބަޔާނުގައި ބުނެފައިވަނީ އެ ރިޕޯޓަކީ، މައްސަލައިގެ ތަޙުޤީޤު ރިޕޯޓެއް ނޫންކަން ބަޔާންކޮށް، ކޮމިޝަނުން ރިޕޯޓު އާންމުކުރި އިރުގައިވެސް މައްސަލަ އިތުރަށް ތަޙުޤީޤު ކުރިއަށްދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވާނެކަމަށާއި މައްސަލާގައި ކޮރަޕްޝަނުގެ ޢަމަލެއް އެކުލެވިގެން ނުވާކަމަށް ކޮމިޝަނުން ނިންމާފައެއް ނުވާނެކަމަށެވެ.
އެ ރިޕޯޓު އާންމުކުރުމުގެ މައިގަނޑު އެއް މަޤުޞަދަކީ، މި މައްސަލައަކީ ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ކަމަކަށްވެފައި، އެ މައްސަލަ ކުރިއަށްނުދާކަމަށް ދޭހަވާގޮތަށް ވާހަކަދެކެވި އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާތީ، އެމައްސަލައިގެ ތަޙުޤީޤުގެ މަސައްކަތް އެހާތަނަށް ގޮސްފައިވާ ހިސާބު އަންގައިދީ، ރައްޔިތުންނަށް ޖަވާބުދާރީވުމެވެ. މި މައްސަލާގައި ކޮރަޕްޝަނުގެ ޢަމަލެއް ހިނގާފައިނެތްކަމަށް މިކޮމިޝަނުން ނިންމާފައިވާކަން ދޭހަވާގޮތަށް ދެކެވޭ ވާހަކަތަކީ ޙަޤީޤަތަކާ ޚިލާފު ވާހަކަތަކެކެވެ.
އޭސީސީ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައިގެ ތަޙުޤީޤުގެ މަސައްކަތް މިހާރު ފުރިހަމަކުރުމުގެ މަރުޙަލާގައިވާކަމަށާއި، އަދި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް މި މައްސަލާގައި ތުހުމަތު ކުރެވޭ ކަންކަމާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު މި ހަފްތާ ތެރޭގައި މަޝްވަރާކުރަން ފަށާނެކަން އެކޮމިޝަނުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!