ކޯވިޑް- 19 ބަލީގައި އިތުރު ދިވެއްސަކު މަނިޔާވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ހަވީރު 5:36 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީ އޮތް އުމުރުން 64 އަހަރުގެ ދިވެހި އަންހެނެއް ކޯވިޑް ބަލީ ގައި ނިޔާވެފައި ވާ ކަމަށެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން މަރުވި 23 ވަނަ މީހާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

Ad
rt

އޯގަސްޓް 14 ވަނަ ދުވަހު އުމުރުން 61 އަހަރުގެ އަންހެނަކު ނިޔާވެފައިވާއިރު އޭނާއަކީ މިބަލީގައި ނިޔާވި 22 ވަނަ މީހާއެވެ. އޭގެ އިތުރުން އޯގަސްޓް 12 ވަނަ ދުވަހު މިބަލީގައި އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއް ނިޔާވެފައި ވާއިރު އޭނާއަކީ މިބަލީގައި ރާއްޖޭގައި ނިޔާވި 21 ވަނަ މީހާއެވެ. އަދި އެބަލީގައި ނިޔާވި 20 ވަނަ މީހާ ނިޔާވެފައި ވަނީ އޯގަސްޓް 11 ވަނަ ދުވަހުއެވެ. އެއީ 67 އަހަރުގެ ފިރިހެނެކެވެ.

އެޗްޕީއޭއިން ރޭ ބުނީ، އިއްޔެ އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 106 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 79 ދިވެހީންނާއި، 21 ބަންގްލަދޭޝް މީހުންނާއި އިންޑިއާ 5 މީހަކާއި ނޭޕާލް މީހެކެވެ.

އިއްޔެ އަލަށް ޕޮޒިޓިވް މީހުން ތެރެއިން ގްރޭޓަރ މާލޭ އޭރިއާއިން ޕޮޒިޓިވް ވެފައިވަނީ 99 މީހުންނެވެ. އަތޮޅުތެރެއިން 7 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން އެޅި ލޮކްޑައުންގެ ފިޔަވަޅު ތަކަށް ލުއި ދިނުމާއި އެކު އަންނަނީ ގިނަ ޢަދަދެއްގެ މީހުން ރާއްޖެއިން މިބަށްޔަށް ޕޮޒިޓިވް ވަމުންނެވެ. ޚާއްޞަކޮށް ދިވެހިން ޕޮޒިޓިވްވާ ޢަދަދު ވަނީ ބޮޑު ތަނުން އިތުރު ވެފައެވެ. މީގެ އިތުރުން އަތޮޅު ތަކުން ކޯވިޑްގެ ކޭސްތައް ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް ފެންނަމުންނެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 5،785 އަށް އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 23 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި 6 ބިދޭސީންނެވެ.

މިބައްޔަށް ފަރުވާ ދެވެމުންދާ މީހުންގެ ގޮތުގައި 2،414 މީހުން ތިބިއިރު، 146 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް ރަނގަޅު ވެފައި ވަނީ 3،449 މީހުންނެވެ.