ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތަކުގައި "ތެދުބަހުން ވާހަކަދައްކަން" ޖެހޭނެ ކަމަށް ބުނެ މަޖިލީހުގެ ގަވައިދަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ހުށައެޅުއްވި އިސްލާހު ފާސްނުކޮށް ބޭރުކޮށްލައިފި އެވެ.

ސަލީމް ހުށައެޅުއްވީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދެއްކުމުގެ އަދަބުތައް ބަޔާން ކުރާ މަޖިލިސް ގަވައިދުގެ 58 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ އެވެ.

Ad
rt

މަޖިލިސް ގަވައިދުގެ 58 ވަނަ މާއްދާގައި ބުނެފައިވަނީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދެއްކުމުގައި، ކޮންމެ މެންބަރަކުވެސް ވަކި އުސޫލުތަކަކަށް ތަބާވާންވާނެ ކަމަށެވެ. މެންބަރު ސަލީމް ހުށަހެޅުއްވީ އެ އުސޫލުތަކުގެ ތެރެއަށް "ތެދުބަހުން ވާހަދެއްކުން" ހިމަނައި ގަވައިދު އިސްލާހު ކުރުމަށެވެ. ނަމަވެސް އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 47 މެމްބަރުން ވަނީ މިއަދު ވޯޓު ދީފަ އެވެ.

ތެދުބަހުން ވާހަކަދައްކަން ޖެހޭނެ ކަމަށް މަޖިލިސް ގަވައިދުގައި ހިމަނަން ޖެހޭ ކަމަށް ވޯޓު ދެއްވީ ތިން މެމްބަރުންނެވެ. އެއީ ވިލިގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އެވެ. އެއްވެސް ކޮޅަކަށް ވޯޓު ދޭން ނުފެންނަ ކަމަށް ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދު ވޯޓުދެއްވިއެވެ.

މަޖިލީހުގައި ވާހަކަ ދެއްކުމުގެ އަދަބުތައް
(ހ) މެންބަރަކު ވާހަކަދައްކަމުންދާ ވަގުތު އޭނާއާއި މަޖިލީހުގެ ރައީސާދެމެދު އެއްވެސް ހުރަހެއް ނުހުރުމާއި، މެންބަރަކުވެސް އެދެމެދުން ހުރަސް ނުކުރުން.
(ށ) ހުށަހެޅިފައިވާ މައްސަލައެއްގެ މައްޗަށް މެންބަރުންގެ ވާހަކަ ބިނާކުރުން.
(ނ) އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވެ، ދިވެހިރާއްޖޭގައި ބަސްމޮށުމުގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން، މަޖިލީހާއި މަޖިލީހުގެ އެއްވެސް މެންބަރެއްގެ އިއްޒަތާއި ކަރާމަތަށް އުނިކަމެއް ނާންނާނޭ ގޮތުގެމަތިން ޖަލްސާގެ ރިޔާސަތާ މުހާތަބުކޮށް، ވާހަކަދެއްކުން.
(ރ) މެންބަރެއްގެ ނަންގަންނަން ޖެހިއްޖެނަމަ ނަންގަންނަންވާނީ، އިޙްތިރާމާއެކުގައި، "އެ މެންބަރެއްގެ ދާއިރާއާ ހަވާލާދީ، އެ ދާއިރާގެ އިއްޒަތްތެރި މެންބަރު، އެހެން ބުނުމަށްފަހު، ދެން އެ މެންބަރެއްގެ ނަން" ނުވަތަ "އިއްޒަތްތެރި މެންބަރު، އެހެން ބުނުމަށްފަހު، ދެން އެ މެންބަރެއްގެ ނަން" ކިޔާ އުސޫލުންނެވެ.

މަޖިލިސް ގަވައިދަށް ގިނަ އިސްލާހުތަކެއް ވަނީ މިއަދު ހުށަހަޅާފަ އެވެ. ކޮމިޓީގެ ރިޕޯޓު މިއަދުގެ ޖަލްސާގައި ތަޅުމަށް ހުށަހެޅުމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އިތުރު 52 އިސްލާހެއް ހުށަހަޅައިފަ އެވެ. އެއިން ކޮންމެ އިސްލާހަކަށް ވަކިވަކިން ވޯޓަށް އެހި އެވެ. އަދި ފަސް އިސްލާހެއް ފިޔަވައި އެހެން ހުރިހާ އިސްލާހެއް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކުގެ ތެރޭގައި މިދިޔަ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ "އެޖެންޑާ 19" ގެ މެނިފެސްޓޯގައި މަޖިލީހުގެ ގަވާއިދަށް ގެންނާނެ ކަމަށް ބުނެފައިވާ އިސްލާހުތައް ވެސް ހިމެނެ އެވެ.

ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރު ކުރާ ބައެއް ފަރާތްތަކުން ކޮމިޓީތަކަށް ދޮގު މައުލޫމާތު ދޭ މައްސަލައެއް ހޫނުވެ، މިގޮތަށް ކޮމިޓީތަކަށް ހާޒިރުކުރާ ފަރާތްތަކުން އިތުރުފުޅު ހައްދަވާނަމަ ފިޔަވަޅުއަޅާނެކަމަށް މަޖިލީހުގެ ރައީސްވަނީ ވިދާޅުވެފައެވެ. އަދި މިކަމާ ގުޅުންހުރި މައްސަލައެއް ފުލުހުންނަށްވެސް ހުށަހަޅާފައިވެއެވެ.