ޒަމާން ބަދަލުވެއްޖެއެވެ. ކަންކަމަށް މީހުންދޭ އަހަމިއްޔަތުކަންވެސް ބަދަލު ވެއްޖެއެވެ. ލެއްވިހާ އެއްޗެއް ކައިގެން ސުމާރެއްނެތި އުޅުނު އުޅުން ބަދަލުވެ ހަށިގަނޑާމެދު ވިސްނާ ވިސްނުންވެސް ބަދަލުވެއްޖެއެވެ. ހަށިގަނޑާމެދު އަޅާލާ މިންވަރު އިތުރުވެ ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާތަން އަހަރުމެންނަށް ފެނެއެވެ. ކަސްރަތު ކުރުމާއި އެކި ކަހަލަ ޑައިޓްތައް ބޭނުން ކުރާ މީހުން ގިނައެވެ. އެހެންނަމަވެސް އޭގެ ތެރޭގައިވެސް އެހެން ބާވަތެއްގެ ބަޔަކުވެސް އުޅެއެވެ. އެމީހުންވެސް ބޭނުންވަނީ ހިކޭށެވެ. ބައްޓަން ހެޔޮ ކޮށްލާށެވެ. ނަމަވެސް ނުވާކަމަކީ ކެއުމަށް ގެންނަން ޖެހޭ ބަދަލު ގެނައުމާއި ކަސްރަތު ކުރުމެވެ. ބޭނުންވަނީ ކައިކައިގެން ގޭގައި އޮވެގެން ހިކޭށެވެ. ނަމަވެސް ފެންހިއްކާ ތުވާލިން ގައި ހިއްކުނަސް ހަށިގަނޑު ހިކޭނޭ ގޮތެއް ބުނެބަލާށެވެ. މިއީ އަދުގެ ހާލަތެވެ. ބައެއް ދިވެހިންގެ އުޅުން ހުރި ގޮތެވެ. މީގެ މިސާލުތަކަކަށް ބަލައިލަމާ ހެއްޔެވެ؟

ދީނީ ކަންކަމަށް ފަރުވާ ކުޑަ ކުރެވޭކަން އެނގިހުރެ ދީނީ ކަންކަމަށް ލޯބިވުމުގެ ބަދަލުގައި ނޭއްގާނީ ކަންކަމަށް ދެވޭތަން ފެނެއެވެ. މީގެ ތެރޭގައި އައުރަ ނިވާނުކޮށް އުފާވެރި ދިރިއުޅުމަކަށް އެދޭ މީހުންނާއި ނަމާދު ނުކޮށް ސުވަރުގެ އެދޭ މީހުން މަދެއް ނޫނެވެ. މިސްކިތް ކައިރިން އަޅާފައި ދިޔަސް މިސްކިތް ނުފެންނަ މީހުންނާއި ރޯދަ މަހު ދުވާލު ހާމަކަން ބޮޑު ގޮތެއްގައި ކާމީހުންވެސް މަދެއް ނޫނެވެ. މީސްމީޑިއާގައި ޝެއިހުންނަށް ވެފައި އާންމު ސައްތައިންސައްތަ މުސްލިމު ގައުމެއްކަމަށް ދައުވާ ކުރާ މި ގައުމުގައި ދީން ގަބޫލު ނުރާ މީހުންވެސް އުޅެއެވެ. ދުވަހަކު މިސްކިތް ނުފެންނަ މީހުންވެސް އެބަ އުޅެއެވެ. ހެއްދެވިހާ ގޯސްކަމެއް މި މުޖުތަމަޢުއިން އެބަ ފެނެއެވެ. ދެންވެސް ކިޔާންވީ އިސްލާމުންނޭތޯއެވެ؟ މިއީވެސް އަދުގެ ހާލަތެވެ.

Ad
rt

ދެންތިބީ އަދި މާ ހެއްވާ ބައެކެވެ. މަސައްކަތް ކުރާކަށް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ބޭނުންވާނީ އެންމެ މުއްސަނދި ދިރިއުޅުމެވެ. ބޭނުންވާނީ އެންމެ ފަހުގެ އާލާތެވެ. އެމީހުން ބޭނުންވާނީ މަސައްކަތެއް ނުކޮށް ފައިސާ ހޯދާށެވެ. ނުވިތާކަށް އެހެންމީހުން ބުރަ މަސައްކަތުން ހޯދާ މުދަލާއި ފައިސާ އަތުލައިގެންވިޔަސްމެއެވެ. ނަނާ ހުވަފެނެއްގައި މުއްސަނދިކަމުގެ ލައްޒަތަށް އެދޭ މީހުންނެވެ. އަދި ކިއެއް ހެއްޔެވެ؟ މީހަކު ނުވަތަ ބަޔަކު ހަލާލު މަސައްކަތުން ކުރި އެރުމެއް ހޯދާނަމަ އެކަމާ ހަސަދަލައި އެކަން ހުއްޓުވަން ނުވަތަ ޖެއްސުން ކުރަން ކުރެވުނުހާ ކަމެއް އެބައިމީހުން ކުރާނެއެވެ.

އަހަރުމެންގެ ތެރެއިން އިނދެގެން އުޅޭ އަނބިމީހާއަށް ވަފާތެރި ވެވެނީ ކިތައް ފިރިންނަށް ބާއޭ ސުވާލު ކޮށްލަން ޖެހެއެވެ. ދައްކަން މިއުޅެނީ ވަފާތެރި ފިރިންގެ ވާހަކައެއް ނޫނެވެ. މީސްމީޑިއާގައި ތިމާ ބޭނުންވަނީ 4 އަނބިންކަމަށާއި އެއީ ދީނުގައި ހުއްދަ ކުރައްވާފައިވާ ކަމެއްކަމަށް ބުނެ އަޑު އުފުލާ މީހުން ގިނައެވެ. ހަމަ އެކަނި ހުއްދަ ކަމަކީ އެއީ ބާވައޭ ހިތަށް އަރައެވެ. ނުވިތާކަށް އެވާހަކަ ދައްކާ ބައެއް މީހުންނަކީ ދީނުގައި ފަރުޟު ކުރެއްވިކަންކަން ރަނގަޅަށް ނުކުރެވޭ ހާލު އެވާހަކަ ދައްކާ މީހުންކަމީ ހަގީގަތެވެ. އިނދެގެން އުޅޭ އަނބިމީހާއާމެދު ޢަދުލުވެރި ނުވެވުނަސް އެބައިމީހުން ބޭނުންވަނީ ލިބިފައިވާ އިތުރު ތިން ޖާގަ ފުރާލާށެވެ.

ބައެއް މީހުންނަކީ އަހުލާގޭ މިކިޔޭ އެއްޗެއް ނުވެސް ދަންނަ ބަޔެކެވެ. ވާނީވެސް އެހެންތާއެވެ. އެންމެ ކުޑައިރުންސުރެ ތަރުބިއްޔަތު ވެފައިވަނީ އެހެންވިއްޔާއެވެ. ނޫނީ ވަކި ހިސާބަކުން ޖެހުނު ރައްޓެހިންތަކެއްގެ ސަބަބުންނެވެ. ނަމަވެސް އެފަދަ މީހުންވެސް ބޭނުންވަނީ އެހެން މީހުންގެ ތައުރީފެވެ. ރިވެތި އަހުލާގެއް ނެތަސް އެހެން މީހުންގެ އިހުތިރާމެވެ. އިހުތިރާމް ލިބޭނީ އެހެން މީހުންނަށް އެ އިހުތިރާމް ކޮށްގެންކަން މިބައިމީހުން ނުދަނެއެވެ. ތައުރީފް ކުރާނީ އެކަހަލަ ސިފަތަކެއް ހުރެގެންތާއެވެ.

ހިތާމައަކީ މިއީ މިއަދު އަހަރުމެންގެ ދިވެހިންގެ ތެރެއިން ގިނަ މީހުންގެ ހާލަތު ހުރިގޮތްކަމެވެ. ސައްތައިން ސައްތަ މުސްލިމް ގައުމުގައި ކަންކަން ހިނގަމުންދާ އުޞޫލުކަމެވެ. މިކަންކަން ބަދަލު ކުރާން ޖެހެއެވެ. ތައުލީމީ މަންހަޖުގެ ތެރެއިންނާއި ދަރިން ތަރުބިއްޔަތު ކުރުމުގެ ތެރެއިންނެވެ. އިޖުތިމާއީ ފޭރާން ހެޔޮކޮށްގެނެވެ. މުޖުތަމަޢު އިސްލާހުވާނީ އޭރުންނެވެ.

ލިއުނީ: މޯހިރު