ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފި އެވެ.

މިހާރު ކުރިއަށް ދާ ރައްޔިތުންގެ މަޖިލީހުގެ ތިރީސް ނުވަވަނަ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

Ad
rt

މެމްބަރު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރު ކަމާއި، އެއާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ހަރާމް ކަމެއް ކަމަށާއި އަދި އަންހެނުންނާ ފަނޑިޔާރުކަން ހަވާލުކުރި މީހާ އާއި ހަވާލު ކުރެވޭ މީހާވެސް ފާފަވެރި ވާނެ ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ބުނެފައި ވާކަމަށެވެ.

މޮސްޓާ ހުށަހެޅި މައްސަލައިގާ ވާގޮތުން އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ހުއްދަ ކަމެއް ނޫންކަމަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ވެސް ބުނަމުން އަންނަ ދަނޑިވަޅެއްގައި ސުޕްރީމު ކޯޓަށް ދެ އަންހެން ފަނޑިޔާރުން އައްޔަން ކުރަން ރައީސް ލަފަޔަކަށް އެދިވަޑައިގަތުމަކީ އިސްލާމް ދީނުގެ އަސްލުތަކާ އަދި ޝަރީއަތާ ހިލާފުކަމެއް ކަމަށެވެ.

ކުއްލި މައްސަލަ ހުށަހެޅުއްވުމަށްފަހު މޮސްޓާ ވިދާޅުވީ މި މައްސަލަ ހުށަހެޅުއްވީ ވަރަށް ގިނަ ފޮތްތައް ކިޔާ ދިރާސާ ކުރެއްވުމަށްފަހުކަމަށެވެ. އަދި އިސްލާމީ ތާރީހުގެ ވޭތުވެދިޔަ ފަސް ޖީލުގައި ވެސް އަންހެނަކު ފަނޑިޔާރުކަން ކޮށްފައި ނުވާ ކަމަށާއި އެޒަމާނުގައި "ޝުޖޫން އާއި އަޒްމިރަލްޑާ ފަދަ ބޭފުޅުން" އުފެދިފައި ނުވަނީތޯ މެމްބަރު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ، ޖަލްސާގައި ތިއްބެވި 53 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 52 މެންބަރުންގެ އިއްތިފާގުންނެވެ.

މީގެ ކުރިން މޮސްޓާވަނީ ރައީސުލްޖުމްހޫރިއްޔާގެ ނިންމުން ބަދަލުކުރުމަށް ގޮވާލާފައެވެ. އަދި ދީނީ ޢިލްމުވެރިންވެސް މިކަމުގައި ޙައްޤުބަސް ބުނުމަށްވެސް މޮސްޓާ ވަނީ ގޮވާލާފައެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސް ރައްޔިތުންގެ މަޖިލީހަށް ނަންތަކެއް ފޮނުއްވުމުން އެ މަޖިލީހުން ފާސްކޮށްގެންނެވެ.

އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުން ނިންމީ އިސްލާމީ އިލްމުވެރިންގެ މެދުގައި އޮތް ތިން ރައުޔަކަށް ބެލުމަށް ފަހު އެވެ. އެއީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާއު އާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ފެންނަން އޮތް ތިން ރައުޔު ކަމަށް ނިންމުމުގައިވެ އެވެ. ފަތުވާ މަޖިލިހުން ބުނީ އެ ތިން ރައުޔުގެ ތެރެއިން އެންމެ ހަރުދަނާ ރައުޔަކީ އިލްމުވެރިންގެ ޖުމްހޫރުންގެ ރައުޔު ކަމަށެވެ. އެއީ އޭގައި ހިމެނޭ ހުއްޖަތުތަކާއި ދަލީލުތަކުގެ ވަރުގަދަ ކަމުންނާއި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ވެސް ސާބިތުވާ ރައުޔަކަށް ވާތީ ކަމަށް ބުނެފައިވެ އެވެ.

ސުންނަތް ޖަމާއަތުގެ ހަތަރު މަޒުހަބު ކަމަށް ވާ މާލިކީ، ޝާފިއީ، އަންބަލީ އަދި ހަނަފީ މަޒުހަބުގެ ގިނަ އިލްމުވެރިންނާއި ސުންނަތް ޖަމާއަތުގައި ނުހިމެނޭ ޝީއީންގެ އަލްއިމާމިއްޔާއިންނާއި، ޒައިދީންނާއި ހަވާރިޖުންގެ ތެރޭގައި ހިމެނޭ އިބާޟީންގެ ރައުޔަކީ ވެސް އެއީ ކަމަށް، ފަތުވާ މަޖިލިހުން ގަބޫލުކުރެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ލަފަޔަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވާފައިވާ ދެ ނަންފުޅު ބަލައިގަނެ އިތުރު ބޭފުޅުންނަށް ކުރިމަތިލެއްވުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ހުޅުވާލާފައެވެ.