ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާދަމާއިން ފެށިގެން އަންނަ ބުރާސްފަތީގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖައްސަވައިފި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ބުނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، 2020 އޮގަސްޓު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.

Ad
rt

"މި މުއްދަތުގެ ތެރޭގައި ގޭގައި ތިއްބަވައިގެން ކުރެއްވެން ހުރި މަސައްކަތްތައް، ގޭގައި ތިއްބަވައިގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ."

ރައީސް އޮފީހުން ނެރެފައިވާ ދެންނެވުމެއްގައި ބުނެފައި ވެއެވެ.

ޢީދު ބަންދަށް ފަހު ސަރުކާރު ހުޅުވާގޮތަށް ކުރިން ހަމަޖެހިފައި ވަނީ މާދަމާއެވެ.

ލޮކްޑައުން ތަކުގެ ލުއި ތަކާއިއެކު ރާއްޖެއިން އަންނަނީ ގިނަ ބަޔަކަށް ކޯވިޑް ބަލި ޖެހެމުންނެވެ.

އިއްޔެ މިބަށްޔަށް ޕޮޒިޓިވްވި 215 މީހުންނާއި އެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4،164 އަށް އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 18 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 12 ދިވެހިންނާއި 6 ބިދޭސީންނެވެ.

މިބައްޔަށް ފަރުވާ ދެވެމުންދާ މީހުންގެ ގޮތުގައި 1489 މީހުން ތިބިއިރު، 84 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް ރަނގަޅު ވެފައި ވަނީ 2،643 މީހުންނެވެ.