ހއ. ދިއްދޫ މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދު ކުރުން ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ.
ދިއްދޫ ކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ކެލާ ސަވާރީބޯޓްގެ ފަޅުވެރިން ކޯވިޑް19 އަށް ފައްސި ވެފައިވުމާއި، އެ ބޯޓުގެ ފަޅުވެރިންނާ ދިއްދޫގެ ވަރަށްގިނަ ފަރާތްތަކެއް ކޮންޓެކްޓް ވެފައިވާތީ، 2020 ޖުލައި 30 އިން ފެށިގެން ދިއްދޫ މޮނިޓަރިންގ ހާލަތަށް ގެނެވިފައިވާކަމަށް އެޗްޕީއޭ އިން އެ ކައުންސިލަށްވަނީ އަންގާފަކަމަށެވެ.
ސަވާރީ ބޯޓްގެ ފަޅުވެރިންނާ ކޮންޓެކްޓްވެފައިވާ ފަރާތްތައް ހޯދުމަށް ކުރިޔަށް ގެންދާ ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ނިމެންދެން، 2020 ޖުލައި 31 ވަނަދުވަހުގެ ފަތިސް ނަމާދުންފެށިގެން މިސްކިތްތަކުގައި ޢީދު ނަމާދާއި ހުކުރުނަމާދާއި ފަރުޟު ނަމާދުތައް، ޖަމާޢަތް ހަދައިގެން ކުރުން ހުއްޓާލާފައިވާ ވާހަކަ ދަންނަވަމެވެ.
ދިއްދޫ ކައުންސިލުން ނެރެފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.
ސަފާރީ ބޯޓުގެ އެއްވެސް ފަޅުވެރިޔަކާ ބައްދަލުވެފައިވާ ބޭފުޅަކު ހުރިނަމަ، އެކަން 7285536، 7285548، 9531204، 9531203 އަދި 9550053 ނަންބަރު ފޯނަށް ގުޅުއްވާ މަޢުލޫމާތު ހިއްޞާ ކުރުމަށް ދަންނަވައެވެ.
ދިއްދޫގެ މޮނިޓަރިންގ ހާލަތު ނިމެންދެން ތިރީގައި މިދަންނަވާ ފިޔަވަޅުތައް ކުރިޔަށް ގެންދިއުމަށް އެކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
1. މޮނިޓަރިންގ ދުވަސްވަރު ގެއިން ބޭރަށް ދާއިރު މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުން
2. އެއްވެސް ބާވަތެއްގެ އެއްވުންތަކާއި ކުޅިވަރު ޙަރަކާތްތައް ނުބޭއްވުން
3. ގިނަގިނައިން އަތްދޮވުން
4. ޟަރޫރީ ހާލަތެއްގައި މެނުވީ އެއްވެސް ވަގުތެއްގައި ކުޑަކުދިންނާއި އިސްރަށްވެހިން ގެއިން ބޭރަށް ނުދިއުން
5. ފިނިމައިޒާންތަކާއި ޖޯލިފަތިތަކަށް އެއްވެ ނުތިބުން
6. އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ދިރިއުޅުމުގެ ޢަމަލުތައް ބެހެއްޓުން
މީގެ ކުރިން ދިއްދޫ ކައުންސިލުން ވަނީ އެރަށުގައި ބޮޑު ޖަމާޢަތުގައި އީދު ނަމާދު ކުރާނެކަން އަންގާ އިޢުލާންކޮށްފައެވެ. އަދި މިފަހަރުގެ ބޮޑު ޢީދު ފާހަގަކުރުމަށް އެރަށުގައި އަންނަނީ ތަފާތު ކުޅިވަރުތައް ވަރަށް ފޯރިއާއި އެކު ރާވަމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!