މިނިވަންކަމަށް ވަކާލާތު ކުރާއިރު މިނިވަންކަން ހޯދަން މަސައްކަތްކުރެވޭ ބާވައެވެ. ބިދޭސީންގެ މުށުތެރޭގައި ޤައުމު އޮތްއިރު އެކަމާ ކަންބޮޑުވަނީ މަދުބައެކެވެ. އެކަމާ ފިކުރު ކުރަނީވެސް މަދުބައެކެވެ. ކޯވިޑްގެ ސަބަބުން ޢާންމު ދިރިއުޅުމަށް އެކަމުގެ ނޭދެވޭ އަސަރު ނުކުރާމީހަކު މަދެވެ. އެކަންކަން އެހެން އޮތްނަމަވެސް ޢާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ހުރި ގޮންޖެހުންތައްވެސް އެހާމެބޮޑެވެ.
މާރުކޭޓުގައި ތަކެތި ވިއްކައިގެން ޢާމްދަނީ ހޯދައިގެން ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސި މީހުންނަށް ފުރަބަންދުގެ ސަބަބުން ލިބުނު ދެކޮޅުޖައްސަން އުނދަގޫ މާލީ ގެއްލުން ވަރަށްވެސް ބޮޑެވެ. ޢާންމު ޙާލަތަކަށް ޤައުމު ގެންދިއުމަށްޓަކައި ވިޔަފާރިތަކާއި ލޯކަލްމާރުކޭޓު ހުޅުވިގެން ދިޔައިރު ލިބުނު އެންމެ އުފާވެރި ޚަބަރަކީ ލޯކަލް މާރުކޭޓުގައި ބިދޭސީންނަށް ވިޔަފާރި ނުކުރެވޭނެކަމުގެ ޚަބަރެވެ.
އެކަމުގެ ސަބަބުން ލިބިގެންދިޔަ ހިތްހަމަ ޖެހުމާއިއެކު އެއަށްވުރެ ކަންބޮޑުވާ ކަންތައްތަކެއް އެކަމުގެ ސަބަބުން ކުރިމަތިވެގެން ދިޔައެވެ. އެތައް ދުވަހެއް ވަންދެން މާރުކޭޓުގައި ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތައް މާލެ ތެރެޔަށް ފެތުރިގެންފިއެވެ. ހުސް ބިންކޮޅު ހުރިތަންތަން ބަލައި އެތަންތަން ކުއްޔަށް ހިފައި އެތަންތާނގައި މާރުކޭޓު ހަދައި ކާބޯތަކެތި ވިއްކަންފެށިއެވެ. މިކަމުގެ ސަބަބުން ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ވިޔަފާރިއަށް ނޭދެވޭ އަސަރު ކުރަމުންދެއެވެ.
އަތޮޅުތެރޭން ގެންނަ ކާބޯތަކެތި ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ދިވެހިންނަށްވުރެ ހެޔޮއަގުގައި ބިދޭސީންނަށް ގަންނަން ލިބެއެވެ. ސަބަބަކީ އެތަކެތި ރާއްޖެތެރޭން ގަނޑުކޮށް މާލެ ގެނެސް ވިއްކަނީ ނާލު ބޯޓުފަހަރުގައި މަސައްކަތްކުރާ ބިދޭސީންކަމަށްވުމެވެ. ހުރިހާ ދިމާލަކަށް ނަޒަރު ހިންގާލިޔަސް މިކަންކަމުން ދޭހަވަނީ ޤާނޫނުގެ ބާރު ކެނޑިފައިވާކަމެވެ. ޤާނޫނުތައް ހަދައި އެކަންކަން ތަންފީޒު ނުކުރެވޭކަމެވެ.
ބިދޭސީންނަށް މަނާ ކަންކަން އެއީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ އެއްޗަކަށްވީކަމެވެ. އެންމެ ފުރަތަމަ ޤަވާޢިދާއި ޚިލާފަށް ބިދޭސީން ލައްވާ މަސައްކަތް ކުރުވުން މަނަލެވެ. އޭގެ ފަހުގައި ނާލު ބައްތެލީގައި ނުވަތަ ކަނޑު އުޅަނދު ފަހަރުގައި ބިދޭސީން ގެންގުޅުން މަނަލެވެ. އަދި އެންމެހާ ވިޔަފާރިކުރާ ތަންތަނުގައި ސޭޓުންގެ ގޮތުގައި ބިދޭސީން ބޭތިއްބުން މަނަލެވެ.
މަޖީދީމަގުން ދުއްވާލާއިރު އަބަދުވެސް ފާހަގަކޮށްލެވޭ ދެސަރަހައްދެއް އޮވެއެވެ. ދުވާލެއް ރޭގަނޑެއްނެތި މަސައްކަތް ކުރާނެ މީހުން ފުނިޖެހިފައި އޮވެއެވެ. މިތާ އާންމުގޮތެއްގައި ތިބެނީ ފިލައިގެން އުޅޭ ހުއްދަނެތް ބިދޭސީންކަމީ އެންމެން ދަންނަ ހަޤީގަތެކެވެ. މިކަން ފެންނަ އެއްވެސް މުވައްސަސާއެއް ނުވެއެވެ. މިކަމާއި އަޅާލާ މީހަކު ނެތެވެ. މިކަން ހުއްޓުވާނެ މުވައްސަސާއެއްވެސް ނެތެވެ.
ޤާނޫނު ތަކާއި ޤަވާޢިދު ތަކުގައި ލިޔެފައިވާ ގޮތަށް މި ކަންކަން ތަންފީޒު ކުރިޔަސް މިމައްސަލައަށް ޙައްލެއް ލިބިގެންދާނެކަން ކަށަވަރެވެ. އެހެން ނަމަވެސް ހިތާމައަކީ ތަންފީޒީ މުޢައްސަސާ ތައްވެސް އަދި ބައެއް ދިވެހިން ވެސް މިކަންކަމާ އަޅާނުލައި މިކަންކަމަށް ހިތްވަރު ދޭކަމެވެ. ޤާނޫނަކީ ހަމައެކަނި ދިވެހިންގެ މައްޗަށް ހިނގާ އެއްޗަކަށް ވާކަމެވެ. ކުޑަކުދިންގެ ބަގީޗާ ކައިރީގައި ދެތިން ހަން ފުއްޕައިގެން އޭގެ ވިޔަފާރިކުރަން ދިވެއްސަކު ހުރުމުން އެއީ ޤާނޫނުން މަނާކަމެއްކަން ތަންފީޒީ ލޯތަކަށް ފެނިގެން އެކަންކަން ހުއްޓުވޭއިރު ބިދޭސީންނާއި ގުޅިފައިވާ މިފަދަ ބޮޑެތި މައްސަލަތަކާ އަޅާނުލައި ދޫކޮށްލާކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!