ހދ. ނެއްލައިދޫގައި ހުއިފި ލަނޑާ ނެގުމުގެ މަސައްކަތް އޮތީ ހުއްޓިފައި ނޫން ކަމަށް އެ ރަށުގެ ކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވެއްޖެ އެވެ.
ނެއްލައިދޫ ކައުންސިލްގެ ރައީސް މިހެން ވިދާޅުވީ ނެއްލައިދޫގައި ލަަނޑާ ނެގުމުގެ މަސައްކަތް ހުއްޓިފައިވާކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު މަޖިލިސްގައި ދެއްކެވި ވާހަކަ ދޮގުކުރައްވައެވެ.
ތިލަދުން އަށް މަޢުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މިހާރުވެސް ދިހަ ވަރަކަށް ޑިންގީ ލަނޑާ ނެގުމުގެ މަސައްކަތުގައި އުޅޭކަމަށާއި އެގޮތުން ރޭަގައިވެސް ލަނޑަޔާ ދިޔަކަމަށެވެ.
"ހުއިފި ލަނޑާ ނެގުމުގެ މަސައްކަތް ހުއްޓައެއް ނުލާކަމަށާއި ކުރިއެކޭ އެއްފަދައިން އެ މަސައްކަތް ކުރިޔަށް ދޭ" ކައުންސިލްގެ ރައީސް ނާޒިމް ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ ކުރިއެކޭ އެއްފަދައިން ލަނޑަޔަށް މާކެޓް އެބައޮތްކަމަށާއި ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން ކުރިޔަށް ވުރެ މަސައްކަތް މަޑު ޖެހިފައިވާކަމަށެވެ.
ނެއްލައިދޫ ރައްޔިތުން އެންމެ ބޮޑު އާމްދަނީއެއް ރަށަށް ވައްދަނީ ލަނޑާ ނަގައިގެނެވެ. މިކަމަށް އެ ރަށު 60 އެއްހާ މީހުން ނުކުމެ އެވެ. ޑިންގީގައި ނުކުމެ ކުރާ މި މަސައްކަތުން މަހަކު މީހަކަށް 12،000 އާއި 15،000 ދެމެދުގެ އާމްދަނީއެއް ލިބެއެވެ.
ޒިޔާދު ވިދާޅުވީ ލަނޑާ ނެގުން ހުއްޓީފައި އޮތީ ލަނޑާ ވިއްކާނެ ގޮތެއް ނެތުމުން ކަމަށެވެ. އަދި ކުރިން އެ ވިއްކަމުން އައީ ރ. އަތޮޅަށް ކަމަށް ވުމުން، އަބަދު ރ. އަތޮޅަށް ދާން ޖެހޭތީ މިއަދު އެކަން ހުއްޓިފައި އޮތް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!