ހދ. ނެއްލައިދޫގައި ހުއިފި ލަނޑާ ނެގުމުގެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 36 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ޒިޔާދު ވިދާޅުވީ ލަނޑާ މަސްވެރިކަމަކީ ނެއްލައިދޫގައި ވަރަށް ބޮޑު ޢާމްދަނީއެއް ވައްދާ ކަމެއް ކަމަށާއި ނަމަވެސް މިއަދު އެކަން މިހާރު އޮތީ ހުއްޓިފައިކަމަަށެވެ.

Ad
rt

ޒިޔާދު ވިދާޅުވީ ލަނޑާ ނެގުން ހުއްޓީފައި އޮތީ ލަނޑާ ވިއްކާނެ ގޮތެއް ނެތުމުން ކަމަށެވެ. އަދި ކުރިން އެ ވިއްކަމުން އައީ ރ. އަތޮޅަށް ކަމަށް ވުމުން، އަބަދު ރ. އަތޮޅަށް ދާން ޖެހޭތީ މިއަދު އެކަން ހުއްޓިފައި އޮތް ކަމަށެވެ.

"ރ. އަތޮޅަށް ވިއްކަން ދާންޖެހޭތީއާއި އެ ގަންނާނެ ބަޔަކު ނެތިގެން އެކަން ހުއްޓިފައި މިއަދު އޮތީ" ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ޒިޔާދު ވިދާޅުވިއެވެ.

މެމްބަރުގެ ވާހަކަ ރަށު ކައުންސިލްއިން ދޮގުކުރޭ!

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުގެ ވާހަކަ ނެއްލައިދޫ ކައުންސިލް އިން ވަނީ ދޮގުކޮށްފައެވެ.

އެގޮތުން ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވީ އެ ރަށުގައި ހުއިފި ލަނޑާ ނެގުމުގެ މަސައްކަތް ހުއްޓައެއް ނުލާކަމަށާއި ކުރިއެކޭ އެއްފަދައިން އެ މަސައްކަތް ކުރިޔަށް ދާކަމަށެވެ.

ތިލަދުން އަށް މަޢުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މިހާރުވެސް ދިހަ ވަރަކަށް ޑިންގީ ލަނޑާ ނެގުމުގެ މަސައްކަތުގައި އުޅޭކަމަށާއި އެގޮތުން ރޭަގައިވެސް ލަނޑަޔާ ދިޔަކަމަށެވެ.

"ކުރިއެކޭ އެއްފަދައިން ލަނޑަޔަށް މާކެޓް އެބައޮތް. ދިހަ ވަރަކަށް ޑިންގީ މިހާރުވެސް ލަނޑަޔާ ދޭ" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ނެއްލައިދޫ ރައްޔިތުން އެންމެ ބޮޑު އާމްދަނީއެއް ރަށަށް ވައްދަނީ ލަނޑާ ނަގައިގެނެވެ. މިކަމަށް އެ ރަށު 60 އެއްހާ މީހުން ނުކުމެ އެވެ. ޑިންގީގައި ނުކުމެ ކުރާ މި މަސައްކަތުން މަހަކު މީހަކަށް 12،000 އާއި 15،000 ދެމެދުގެ އާމްދަނީއެއް ލިބެއެވެ.

ނެއްލައިދޫގައި ލަނޑާނެގުން އޮތީ ހުއްޓިފައިކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ޒިޔާދު ވިދާޅުވެފައިވާ އިރު، މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާފައި އޮތް ބުރިޖު ނިންމީ މިސަރުކާރުން ކަމަށް ވިދާޅުވެ މަޖިލީހުގައި އިތުރުފުޅު ހައްދަވާފައެވެ.