މެންޗެސްޓާ ސިޓީއަށް ކުޅެމުންއަންނަ ޒުވާން ޖަރުމަނު ފޯވާޑް ލިއޮރީ ސާނޭ ބަޔާން މިއުނިކް އަށް ސޮއެކުރަން އެއްބަސްވެއްޖެއެވެ.
ސާނޭ ސިޓީ އާއި ގުޅުނީ 2016 ވަނަ އަހަރު ޖަރުމަނުގެ ޝާލްކޭ އިންނެވެ. ސިޓީ އިން އޭނާ ގަނެފައި ވަނީ 37 މިލިއަން ޕައުންޑަށް ކަމަށްވާއިރު ސާނޭ ވިއްކާލުމުން އެ ކުލަބަށް 17 މިލިއަން ޕައުންޑުގެ ފައިދާއެއް ވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.
ފާއިތުވެދިޔަ 4 އަހަރު ސާނޭ ވަނީ ސިޓީގައި މޮޅުކުޅުމެއް ދައްކާފައެވެ. "ވިންގަރެއް" ނުވަތަ "ވިންގް ބެކް" އެއްގެ މަގާމުން ފެނިގެންދިޔަ ސާނޭގެ ހަލުވިކަމާއި ކޮށްޓުމުގެ ހުނަރު ގިނަ ބައެއްގެ ސަމާލުކަމަށް އައެވެ. އޭގެ އިތުރުން
ޖުމްލަ ދެފަހަރަކު ސިޓީ އާއި އެކު އިންގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައި ވާއިރު އެނާ ވަނީ މިދިޔަ ސީޒަންގައި "ޑޮމެސްޓިކް ޓްރެބަލް" (ޕްރިމިއާ ލީގު، އެފް އޭ ކަޕް އަދި ލީގް ކަޕް އެއް ސީޒަނެއްގައި ކާމިޔާބު ކުރުން) އެއް ސިޓީ އަށް ކާމިޔާބު ކޮށްދިނުމުގަައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ބަޔާން ފަދަ ބޮޑު ކުލަބަކުން ސާނޭ ގަންނަން ޝައުގުވެރި ވުމުން ޙުދު ސިޓީގެ ސަޕޯޓަރުން ވެސް ހައިރާން ނުވާނެކަން ކަށަވަރެވެ.
ސާނޭ ސިޓީ އާއެކު ހަދާފައިވާ އެއްބަސްވުން މިސީޒަންގެ ނިޔަލަށް ހަމަވާއިރު ސިޓީއިން އޭނާ އަށް ހުށަހެޅި އާ ކޮންޓްރެކްޓުގައި ސޮއެކުރުމަށް އެއްބަސްނުވާކަން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މީގެ ހަފްތާއެއް ކުރިން ކަށަވަރުކޮށްދީފަ އެވެ.
ބަޔާން އިން ސާނޭއަށް އަހަރެއްގެ މައްޗަށް 20 މިލިއަން ޕައުންޑުގެ މުސާރައެއް ހުށަހަޅާފައިވާއިރު ކުރިއަށް އޮތް ސައުވީސް ގަޑިއިރު ތެރޭގައި ބަޔާން އަށް ސޮއެކުރުމަށް އޭނާ ޖަރުމަނަށް ފުރާނެކަމަށް ހަބަރުތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!