ރިޔާޟް (20 ޖޫން): ކޯވިޑް-19 ގެ ސަބަބުން ބަންދު ކޮށްފައިވާ ސައޫދީ އަރަބިއްޔާގެ މައްކާގެ މިސްކިތްތައް ތިން މަހަށް ފަހު މާދަމާ (21 ޖޫން، އާދީއްތަ) ހުޅުވާލާނެ ކަމަށް ސައުދީ ސްޓޭޓް ޓީވީއާއި ހަވާލާދީ އޭއެފްޕީ ބުނެފިއެވެ.

ސައޫދީ ސަރުކާރުން މިނިންމުން ނިންމި ނަމަވެސް ފަހަކަށްއައިސް އެ ޤައުމުގައި ކޯވިޑް-19 ފެތުރޭ ނިސްބަތް ވަނީ އިތުރު ވެފައެވެ.

Ad
rt

" ކޯވިޑް-19ގެ ސަބަބުން ބަންދުކުރި މައްކާގެ މިސްކިތްތައް ތިން މަހަށްފަހު އަންނަ އާދީއްތައިން ފެށިގެން ހުޅުވާލަންވަނީ ނިންމާފައި" ސައޫދީގެ އިސްލާމިކް މިނިސްޓްރީއާއި ހަވާލާދީ އެގައުމުގެ ދައުލަތުގެ ޓީވީ ޗެނެލް އަލް އަޚްބާރިއްޔާ ޓީވީން ވަނީ ބުނެފައެވެ.

ކޯވިޑްގެ ސަބަބުން ބަންދު ކުރަންޖެހުނު މައްކާގެ 1500 އެއްހާ މިސްކިތް، 3 މަހަށްފަހު ހުޅުވާލާއިރު މިސްކިތައް ދާއިރު އަމިއްލަ މުސޮއްލަ ގެންދަން ޖެހެއެވެ. އަދި ނަމާދުގައި ތިބޭއިރު ގައިދުރުކަން ބަހައްޓަން ޖެހެއެވެ.

ސައޫދީ ސަރުކާރުން މުސްލިމުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްދާ މާތްވެގެންވާ ގެފުޅު ހުންނަ މައްކާގެ މިސްކިތްތައް ހުޅުވާލަން މި ނިންމީ، މިއަހަރުގެ ހައްޖު ބޯވަތި ވެފައި ވަނިކޮށެވެ. މިއަހަރުގެ ހައްޖު މޫސުން ބައްދަލުވާނީ އަންނަ ޖުލައިމަހުގެ ފަހުކޮޅާއެވެ. ސައޫދީ ސަރުކާރުން މިހާތަނަށް ހައްޖާއި މެދު ގޮތެއް ނިންމާފައެއް ނުވެއެވެ.

ސައޫދީ ސަރުކާރުން ވަނީ މައްކާ ފިޔަވައި އެހެން ސިޓީތަކުގެ މިސްކިތްތައް މެއި މަހުގެ ފަހުކޮޅު ހުޅުވާލައިފައެވެ. ނަމަވެސް އެ ޤައުމުންވަނީ އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށާއި، އެޤައުމުން ކަނޑައަޅާފައިވާ އެހެނިހެން ރައްކާތެރިކަމުގެ އުސޫލުތައް ދަމަހައްޓައިފައެވެ.

ސައުދީ އަރަބިއްޔާއިން މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު 150,292 އަށް އަރާފައިވާއިރު، ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދުވަނީ 1,184 އަށް އަރާފައެވެ. ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 95,764 އަށް އަރާފައެވެ.

އެ ޤައުމުން ޕޮޒިޓިވް ކޭސްތައް އެންމެ ގިނައިން ފެނިފައިވާ ރަށްތަކުގެ ތެރޭގައި ވެރިރަށް ރިޔާޟް، ޖިއްދާ، މައްކާ، ދައްމާމް، މަދީނާ، ޙުފޫފް، ޤާތިފް އަދި ވާދީ އައް-ދުވާސިރް ހިމެނެއެވެ.