އިންސާނުންނަކީ ގޯސް ކަންތައްތަކަށް އަރަގަންނަ ބައެކެވެ. ބައެއް ފަހަރު އެހެން އެކަން ވަނީ އެކަމަކީ ގޯސްކަމެއްކަން އެނގި ތިބެއެވެ. އަނެއްބައި ފަހަރު އެކަން ކުރެވެނީ ނޭގިތިބެއެވެ. ނުވަތަ މަޖުބޫރުވެގެންނެވެ.
މީހެއްގެ ކިބައިން ގޯސްކަމެއް ފެނިއްޖެނަމަ އެކަން ބަލައިގަންނަން އެންމެނަށްވެސް އުނދަގޫވެއެވެ. އެވާހަކަ އެހެން މީހުން ގާތު ދެއްކި، އެކީ އުޅޭ އެންމެންގެ ސަމާލުކަމަށް ގެނުވެއެވެ. ނަމަވެސް އެކަން ކުރެވުނު މީހާއަށް އެކަން ނޭގެއެވެ. އަދި އެމީހެއްގެ ގާތު އެވާހަކަ ދައްކަން އަހަރުންމެން ގިނަ ފަހަރު ބޭނުމެއް ނުވެއެވެ.
މިހެން މިކަންތައް ވާނަމަ އެކަމާއިމެދު ނުރުހުމުގެ ބޭނުމަކީ ކޮބާއިކަން ވިސްނައިގަންނަން އުނދަގޫވެއެވެ. ސަބަބަކީ އެކަން ކުރި ނުވަތަ ކުރެވުނު މީހާއަށް އެކުރެވުނީ އެހެން މީހުން ހިތް ނުރުހޭ ގޯސް ކަމެއްކަން ނޭގެއެވެ. އަދި ނުވީތާކަށް، އެހެން މީހުން އެކަމާއި މެދު ހިތް ނުރުހޭކަންވެސް ގިނަ ފަހަރު ނޭންގެއެވެ.
މީގެ ސަބަބުން މުޖުތަމަޢުތެރޭގައި އިތުރު ފިތުނަތައް އުފެދި، އެކަކު އަނެކަކަށް ކުރާ އިތުބާރު ގެއްލި ރުޅިވެރިކަމާއި ނަފުރަތު އުފެދި އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމަޢުއަށް ކުރެއެވެ. ބައިބައިވުން އިތުރުވެގެންދެއެވެ.
އެހެންކަމުން މީހުން ކުރާ ގޯސް ކަންތައްތަކުގެ ވާހަކަ އެހެންމީހުންގެ ގާތު ދެއްކުމުގެ ބަދަލުގައި އެމީހެއްގެ ގާތު އެވާހަކަ ބުނެ، ނަޞޭޙަތްތެރިވުމުން އޭގެ ހެޔޮ އަސަރު އެމީހަކަށްވެސް އަދި މުޅި މުޖުތަމަޢުއަށްވެސް ކުރާނެއެވެ.
މިއީ މާތްވެގެންވާ އިސްލާމް ދީނުގައިވެސް ބާރު އަޅާފައިވާ ގޮތެވެ. މީހުންގެ ނެތިމޮށުމާއި އުނި ސިފަތަކުގެ ވާހަކަ އެހެން މީހުން ގާތު ދެއްކުމަކީ ޣީބަ ބުނުމެވެ. ޣީބަ ބުނުމަކީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަމެކެވެ.
އަދި ގޯސްކަމެއް މީހަކަށް ކުރެވިއްޖެނަމަ އެމީހަކަށް އެކަން އަންގައި އިސްލާހު ކުރުމަށް އިސްލާމް ދީނުގައި ނުހަނު ބާރުއަޅާ ސަލަފުއްޞާލިޙުންގެ ކިބައިން ފެނިފައިވާ މަތިވެރި ސިފައެކެވެ. ޢުމަރު ބުން ޚައްތާބު ވިދާޅުވި ބަސްފުޅު މިކަމަށް ފުދެއެވެ. އެކަނލޭގެފާނު ވިދާޅުވިއެވެ.
ތިމަންކަނލޭގެފާނަށް ކުރެވޭ ކުށްތައް ތިންމަކަނލޭގެ ފާނަށް އަންގައިދޭ މީހާއަށް މާތް ﷲ ރަޙުމަތް ލައްވާށިއެވެ.
އެހެންކަމުން މީހަކު ގޯސް ކަމެއް ކުރުމުން އެކަން އެހެން މީހުންގާތު ދައްކައި އުޅުމުން ތިބާ ޣީބަ ބުނުމުގެ ނުބައި ފާފައަށް ހުށަހެޅި، ތިބާވެސް ގެއްލި ހަލާކުވެގެން ހިނގައިދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!