ޤާނޫނު އަސާސީއަށް އިސްލާޙް ގެނެސް މާދާމާ ރޭ 12:00 އަށް އުމުރު ހަމަވާ ކައުންސިލް ތަކުގެ ދައުރު ދައްމާލުމަށް ރައްޔިތުންގެ މަޖިލިސްއިން ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކުރީ މިރޭ މެންދަމު 1:30 ގައި ފެށި މަޖިލިސް ޖަލްސާގައެވެ. މިޖަލްސާގައި ކައުންސިލަރުންގެ ދައުރު ދަންމާލަން ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެމްބަރު ހުށަހަޅުއްވާފައިވާ ޤާނޫނު ނަމްބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް 5 ވަނަ އިސްލާހް ގެނައުމުގެ ޤާނޫނު) އަށް އިސްލާހް ގެނައުމުގެ ބިލު ފާސްކުރުމަށް 74 މެމްބަރަކު ވޯޓު ދެއްވިއެވެ.
މިބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ. އަދި ވަކި ގޮތަކަށް ވޯޓުދޭން ބޭނުން ނުވާކަމަށް ވޯޓު ދެއްވި މެމްބަރަކުވެސް ނެތެވެ.
މިރޭ މަޖިލީހުން ފާސްކުރި ބިލްގައިވަނީ ޤާނޫނު އަސާސީގެ 231 ވަނަ މާއްދާއަށް ދެ އަކުރެއް އިތުރު ކުރުމަށެވެ.
ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް އިތުރުކުރާ ދެ އަކުރު:
- ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ(ޅ) : މި މާއްދާގެ ނ. ގައި އެހެން އޮތް ނަމަވެސް 3 ޖޫން 2017 ގައި އިންތިހާބް ކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބް ނުކުރެވިއްޖެ ހިނދެއްގައި އެ ކައުންސިލްތަކަށް މެންބަރުން އިންތިހާބް ކުރަން ބާއްވަން ޖެހޭ އިންތިހާބް ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިހާބް ކުރެވޭ މެންބަރުން އެ މީހުންގެ މަގާމާއި ހަވާލުވަންދެން މިހާރު އިންތިހާބް ކޮށްފައިވާ އަދި މަގާމުގައި ދެމި ތިބި ކައުންސިލްތަކުގައި ތިބި މެންބަރުން އެމީހުންގެ މަގާމުގައި ދެމި ތިބޭނެ އެވެ.
- ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ(ކ) : މި މާއްދާގެ ޅ. ގައި ބަޔާން ކުރާ އިންތިގާލީ މުއްދަތުގައި މަގާމްގައި ދެމިތިބޭ ކައުންސިލްތަކުގެ މެންބަރުން މަގާމުގައި ދެމިތިބޭއިރު އެ މެންބަރުން އަމަލު ކުރާނެ އިންތިގާލީ އުސޫލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަނޑައަޅަން ވާނެ އެވެ.
މިރޭ މަޖިލިސްއިން ފާސްކުރި ބިލް ޤާނޫނަކަށް ވާނީ ރައީސުލް ޖުމްހޫރިއްޔާ އެ ބިލް ތަސްދީޤު ކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިރު ކުރެއްވުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!