މިހާރު ދިވެހިރާއްޖެގައި ވެރިކަން ކުރަމުން މިދާ ކޯލިޝަން ސަރުކާރު މާތް ﷲ ގެ އިރާދަފުޅާއި އެކު ނުރޫޅޭނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

އެކަމަނާ ކުރަށްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މިއީ ކޯލިޝަނަކުން ގެނައި ސަރުކާރެއް ކަމަށެވެ. އަދި މި ދަތި އުނދަގޫ ވަގުތުގައިވެސް ރައްޔިތުންނަށްޓަކައި ކޯލިޝަން ސަރުކާރުން މަސައްކަތް ކުރަނީ އެކުގައި ކަމަށާއި، އިރާދަކުރެއްވިއްޔާ ކޯލިޝަނެއް ނުރޫޅޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ad
rt

އެކަމަނާ މިހެން ވިދާޅުވީ މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަން ރޫޅުމާއިއެކު، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ދިފާއުގައި އެކަމަނާގެ ބައްޕާފުޅު އަދި ރައީސް ޔާމީނުގެ އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުކުންނަވާ މަންޒަރު ފެންނާނެ ކަމަށް އެކަމަނާގެ ކޮށްކޯފުޅު ޣައްސާން މައުމޫން ވިދާޅުވެފައި ވަނިކޮށެވެ.

މިނިސްޓަރު ޔުމްނާއަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ބައްޕާފުޅު ރައީސް މައުމޫނާއި، ފިރިކަލުން މުޙައްމަދު ނަދީމާއި އަދި ކޮށްކޯފުޅު ފާރިޝް މައުމޫނު ޖަލަށް ލުމުން ހިތްވަރާއި، ނުގުޑާފަދަ ސާބިތު އަޒުމެއްގައި ކާމިޔާބަށް ވާސިލް ވުމަށް ގަދައަޅައި މަސައްކަތް ކުރެއްވި ކަނބަލެކެވެ. އަދި އެކަމަނާ ވަނީ މިސަރުކާރު ގެނައުމުގައިވެސް ބައްޕާފުޅުގެ ފަރާތްޕުޅުން ކޯލިޝަންގައި ބައްޕާފުޅުތަމްސީލު ކުރެއްވުމުގައި ބުންވަރާއި، ހިތްވަރުދައްކަވައި، މިސަރުކާރު ގެނައުމުގައި ބޮޑު ރޯލެއް އަދާކުރަށްވާފައެވެ.