ކޯވިޑް-19 އިން ރައްކާތެރިވެ، އެބަލި ކޮންޓްރޯލްކުރުމަށް މުޅި ރާއްޖެ އަށް އިއުލާނުކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް ސަރުކާރުން ނިންމަވައިފިއެވެ.

އެކަން ހާމަކުރަށްވައި މިރޭ، މިނިސްޓަރ އޮފް ހެލްތު އަބުދުﷲ އަމީން ނެރުއްވި ޤަރާރުގައި ބުނެފައިވަނީ ކޯވިޑް-19 އަކީ “ޕެންޑަމިކް” އެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ވާރލްޑް ހެލްތު އޯގަނައިޒޭޝަން) އިން 11 މާރިޗު 2020 ގައި ކަނޑައަޅައިފައި ވާކަމަށެވެ.

Ad
rt

ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން، މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން، 12 މާރިޗު 2020 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، 30 މެއި 2020 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާއިރު، 12 މާރިޗު 2020 ގައި އިޢުލާނުކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތްކަމަށާއި، އަދި އެ ނުރަށްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މިނިސްޓަރަށް ލަފާ އަރުވާފައިވާކަމަށް އެ ޤަރާރުގައި ބުނެފައި ވެއެވެ.

އެ ޤަރާރުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި 12 މާރިޗު 2020 އިން ފެށިގެން އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، 29 ޖޫން 2020 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި، އެކަން އިޢުލާނު ކުރާކަމަށެވެ.

އިތުރަށް އެ ޤަރާރުގައި ބުނެފައިވަނީ ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާކަމަށެވެ.

ރާއްޖޭގައި އިއުލާނުކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް ހަތަރުވަނަ ފަހަރަށް ނިންމެވިއިރު، މިހާރު ދަމަހައްޓާފައިވާ ފުރަބަންދަށް ލުއިދިނުމަށް ނިންމައި، އެ ނިންމުންތައް މިރޭ ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.