އިއްޔެ ބަނޑަށް ދަރިފުޅު މަރުވި ށ. ނަރުދޫ އަންހެން މީހާ، 23 މޭ 2020 ވަނަ ދުވަހު ށ. އަތޮޅު ހޮސްޕިޓަލަށް ދެއްކުމަށް ހަމަޖެހިފައި ވާ އެޕޮއިންޓް ކެންސަލްކުރެވިފައި ވަނީ ށ. އަތޮޅު ހޮސްޕިޓަލުގައި ކުރެވެމުންދާ މަރާމާތުގެ މަސައްކަތަކާއި ގުޅިގެން ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ށ. ފުނަދޫގައި ހުންނަ، ށ. އަތޮޅު ހޮސްޕިޓަލުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ
ނަރުދޫ މާބަނޑުމީހާ ފޮލޯ އަޕް ހެދުމަށްޓަކައި، ށ. އަތޮޅު ހޮސްޕިޓަލްގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރަށް ދެއްކުމަށް 23 މޭ 2020 ވަނަ ދުވަހަށް ހަމަޖެހިފައި ވާ އެޕޮއިންޓް ކެންސަލްކުރެވިފައިވަނީ ށ. އަތޮޅު ހޮސްޕިޓަލުގައި ކުރެވެމުންދާ މަރާމާތުގެ މަސައްކަތަކާއި ގުޅިގެން އޮޕަރޭޝަން ތިއޭޓަރ ބަންދުކުރެވިފައިވާތީ އާއި ޕޭޝަންޓު ގެ ބަނޑަށް 20 ހަފްތާ ވެފައިވާތީ، އެ ހާލަތުގައި ކޮންމެ ވަގުތެއްގައިވެސް ވިހާފާނެ ކަމަށް ލަފާ ކުރެވޭތީ، މާބަނޑު މީހާއަށް އެކަށީގެންވާ ފަރުވާ ދެވެންނެތުމުން، ބަލިމީހާ ހދ. ކުޅުދުއްފުއްޓަށް ދިއުމަށް ޑރ. ލަފާދެއްވައި، ބަލިމީހާ ކޮންމެ ވަގުތެއްގައިވެސް ވިހަންޖެހިދާނެތީ އޮޕަރޭޝަން ތިއޭޓަރގެ ޚިދުމަތް ލިބެން ނެތްވަގުތެއްގައި ބަލިމީހާ އެ ހޮސްޕިޓަލް ގެނައުމަކީ ރައްކާތެރި ކަމަކަށް ނުވާނެކަމަށް ޑޮކްޓަރ ލަފާދެއްވާފައިވާތީ ކަމަށެވެ.
އެ މައުލޫމާތު ށ. ނަރުދޫ ހެލްސެންޓަރު މެދުވެރިކޮށް ބަލިމީހާއަށް ފޯރޮކޮށް ދެވިފައިވާނެ ކަމަށާއި، އަދި ބަލިމީހާ ޑޮކްޓަރަށް ދެއްކުމަށާއި، ވިހެއުމަށް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވުމަށް އާސަންދައިގެ
ދަށުން ދަތުރު ހަމަޖެއްސުމަށް ލަފާދެވިފައިވާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.
އެ ހޮސްޕިޓަލުން އިތުރަށް ބުނީ 24 މޭ 2020 ވަނަ ދުވަހު ބަލިމީހާ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވުމަށް އާސަންދައިގެ ދަށުން ދަތުރު ހަމަޖެއްސުމަށް ފަހު، ށ. ނަރުދޫ ޞިއްޙީމަރުކަޒުން ބަލިމީހާއަށް އެންގުމުން ދަތުރު ލަސްކޮށްދިނުމަށް އެދިލައްވާފައިވާތީ އާސަންދައަށް އެކަން އެންގިފައިވާކަމަށް ނަރުދޫ ހެލްތު ސެންޓަރ އިން މައުލޫމާތުދީފައިވާ ކަމަށެވެ.
ކަން މިހެން އޮތުމާއިއެކު، ކަމުގެ ހަގީގަތް އޮޅޭގޮތަށް މަޢުލޫމާތު ފަތުރަމުންދާތީ އެކަމާއި އެ ހޮސްޕިޓަލުން އިންތިހާއަށް ހިތާމަކުރާ ކަމަށާއި، އެހެންކަމުން، މިފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށާއި، ކަމުގެ ދެކޮޅު ބައްލަވައި ފުރިހަމަ ޙަޤީޤަތް ސާފުކުރެއްވުމަށް ފަހު، ޚަބަރު ފެތުރުއްވެވުމަށް ސަމާލުކަން ދެއްވުން އެ ބަޔާނުގައި އެ ހޮސްޕިޓަލުން އެދިފައި ވެއެވެ.
އެ ބަޔާނުގައި ބުނެފައި ވާގޮތުން އެ ހޮސްޕިޓަލުން އެ ބަޔާން ނެރުނީ ށ. ނަރުދޫން ހދ. ކުޅުދުއްފުއްޓަށް 25 މެއި 2020 ގައި ރެފަ ކުރެވިފައިވާ މާބަނޑު މީހެއްގެ ދަރިފުޅު ނިޔާވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ށ. އަތޮޅު ހޮސްޕިޓަލުން ބަލިމީހާ ހޮސްޕިޓަލަށް ގެނައުމަށް ދެކޮޅު ހެދީކަމަށް ދޭހަވާ ފަދަ ގޮތަކަށް ޚިޔާލުފާޅުކުރައްވައި މަޢުލޫމާތު ފަތުރުއްވަމުން ގެންދަވާތީ، އެ ކަމުގައި ކަންހިނގާފައިވާގޮތް ހުރިހާ ފަރާތަކަށް އޮޅުންފިލުވައި ދިނުމުގެ ގޮތުންނެވެ.
ށ. އަތޮޅު ހޮސްޕިޓަލުން ބުނީ މި ނާޒުކު ދަނޑިވަޅު ގައިވެސް، އެ ހޮސްޕިޓަލުން ރައްޔިތުންނަށް
ދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތައް ދިނުމުގައި ސާބިތުކަމާއި އެކު ދެމިތިބޭނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.
ނަރުދޫ މާބަނޑު މީހެއްގެ ދަރިފުޅު ބަނޑުވި އިރު، އޭނާ ށ. އަތޮޅު ހޮސްޕިޓަލަށް ގެންދަން އެ ހޮސްޕިޓަލްގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރު ދެކޮޅު ހެދިކަމަށް އިއްޔެ ވަނީ ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައެވެ.
މިއީ ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރި ފިޔަވަޅު އަޅާފައި ވަނިކޮށް، ފަރުވާނުދެވިގެން މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު ނިޔާވި ދެވަނަ ހާދިސާއެވެ. މީގެ ކުރިން އެފަދަ މައްސަލައެއް ފެންމަތިވެފައި ވަނީ އއ. ތޮއްޑޫގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!