އެލްބިއަން ސްޓޯރުން މިނިސްޓްރީ އޮފް ޖެންޑަރ, ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ބައިލައްކަ (-/50000) ރުފިޔާ ހަދިޔާކޮށްފިއެވެ.
ހާޑްވެޔާގެ ގިނަ ތަކެތި ވިއްކުމުގެ ދިގު ތާރީހެއް އޮތް އެލްބިއަން ސްޓޯރުން ބުނެފައިވަނީ މިއެހީތެރިކަމަކީ ރާއްޖެއިން ކޯވިޑް19 އާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެކުންފުނީގެ ސީއެސްއާރގެ ދަށުން ވެދެއްވި އެހީތެރިކަމެއް ކަމަށެވެ.
މުޅިދުނިޔެއަށް ދިމާވެފައިވާ ސިއްޙީ ކުއްލި ހާލަތުގެ މިނާޒުކު ދަނޑިވަޅުގައި އެކަކު އަނެކަކަށް އެހީތެރިވެ ރާއްޖޭގެ ކާރވް ވީހާވެސް އަވަހަކަށް ތިރި ކުރުމަށް މަސައްކަތް ކުރަންޖެހޭ
އާސްކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ އެލްބިއަން ސްޓޯރ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެލްބިއަން ސްޓޯރއިން ބުނެފައިވަނީ ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާކަމަށް ބުނެފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެލްބިއަން ފިހާރައިގައި މަސައްކަތް ކުރާ 45 މުވައްޒަފުންނަށްވެސް އޮންނަ އުސޫލުގެ ތެރެއިން އޭޕްރީލް، މެއި، ޖޫން މަހު މުސާރަ ދޭން ވަނީ ހަމަޖައްސައިފަ އެވެ. ވިޔަފާރިއަށް ކުރިމަތިވި ދަތިތަކާ އެކު ވެސް މިވަގުތު މުވައްޒަފުން ކަނޑާލުމުގެ ބަދަލުގައި އެކުންފުނިން ނިންމާފައިވަނީ ވެރިންގެ މުސާރައިން 50 ޕަސެންޓް ކުޑަކުރުމަށެވެ.
އެލްބިއަން އިން އަންނަނީ ކަސްޓަމަރުން އެތަނަށް ޒިޔާރަތްކުރުމުގެ ބަދަލުގައި ފިހާރައިގެ ފޭސްބުކް ޕޭޖަށް ވަދެ، ބޭނުންވާ އެއްޗަކަށް އޯޑަރުކުރަން އެދެމުންނެވެ. އެގޮތަށް ކުރާ ވިޔަފާރީގައި ހިލޭ ޑެލިވަރީކޮށްދިނުން ވެސް ހިމެނެ އެވެ. އެލްބިއަން ސްޓޯރުން ބުނީ ކިތަންމެ ކުޑަ އެއްޗެއް ގަތަސް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. އަދި އޯޑަރު ކުރާ ތަކެތި 24 ގަޑިއިރުގެ ތެރޭގައި ލިބޭނެ ކަމަށް ވެސް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!