ނ. މަނަދޫން ކޯވިޑް-19 އަށް ޕޮޒިޓިވި މީހުންނާ ގުޅުން ހުރި މީހުންގެ ތެރެއިން ނެގި ސާމްޕަލްތައް ނެގެޓިވްވެފައި ވާކަމަށް ކޯވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވެފައި ވަނީ މަނަދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާ ގުޅުންހުރި މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓް ކޮށްފައި ވާކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ޕޮޒިޓިވްވި މީހުންނާ، އެެކި ގޮތްގޮތުން ދިމާވި މީހުންކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އަދި އެކްޓިވް ސަވައިލެންސްގެ ގޮތުގައި ފާހަގަކުރެވުނު 30 ސާމްޕަލަކާއި، ރީސާމްޕަލްގެ ގޮތުގައި އަލުންނެގި 1 ސާމްޕަލާއި، ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި ނެގި 55 ސާމްޕަލެއް ހިމެނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަނަދޫއިން އިން ވަނީ ޖުމްލަ 9 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެމީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެ މީހުންނަކީ އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާއާއި ކޮންޓެކްޓްވި 34 މީހުންގެ ތެރޭގައި ހިމެނޭ މީހުންނެވެ.
މަނަދޫން އިތުރު ކޭސްތަކެއް ޕޮޒިޓިވްވެފައިވާއިރު އެރަށްވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. މަނަދޫން ޕޮޒިޓިވްވި މީހުން ކަރަންޓީނުކޮށްފައިވަނީ އިރުފުށި ކަރަންޓީން ފެސިލިޓީގައެވެ.
މަނަދޫން ފުރަތަމަ ކޯވިޑަށް ޕޮޒިޓިވްވި އުމުރުން 80 އަހަރުގެ ސަންފާ ޤާސިމް ވަނީ ބަލިން ރަނގަޅުވި ފަހުން މެއި 21 ވަނަ ދުވަހު ރޭ އިރާކޮޅު މާލޭ ދަރުމަވަންތަ ހޮސްޕިޓަލްގައި ނިޔާވެފައެވެ. އޭނާ ކޯވިޑް-19 ބަލިން ރަނގަޅު ވެފައިވާކަން މޭމަހު 18 ވަނަ ދުވަހު ހެލްތު މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ބަނޑުގައި ރިއްސާތީ މަނަދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ހާލު ބޮޑުވެގެން އިތުރު ފަރުވާއަށް އޭނާ މާލެ ގެނައީ މެއި މަހުގެ 1 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!