މިމަހުގެ އަށްވަނަ ދުވަހު ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވެފައިވާގޮތުން މިހިނގާ ރަމަޟާން މަސްވެސް ވާނީ 30 ދުވަހުގެ މަހަކަށް ކަމަށްވާތީ ފިތުރު އީދު ވާނީ 24 ވާ އާދީއްތަ ދުވަސް ކަމުގައި ބުނެފައިވެއެވެ.
މިލިއުމުގައި އިތުރަށް އެމަނިކުފާނު ބުނެފައިވަނީ ހިޖްރީ މަހެއް 30 ވެއްޖެނަމަ، ދެން އަންނަ މަހެއް ވާނީ 29 އަށް ކަމަށް އަދި ހިޖްރީ މަހެއް 29 ވެއްޖެނަމަ، ދެން އަންނަ މަހެއް ވާނީ 30 ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވިފައި އޮންނަ ކަމަށާއި އާންމުކޮށް ބަލާއިރު އެކަން ހިނގަނީ އެހެން ކަމަށާއި ނަމަވެސް ބައެއް ފަހަރު 29 ދުވަހުގެ ދެ މަސް ވިދިވިގެން އަތުވެދާނެ ކަމަށާއި ނުވަތަ 30 ދުވަހުގެ ދެ މަސް ވެސް ވިދިވިދިގެން އަތުވެދާނެ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.
“މިފަހަރު މިވަނީ އެހެންނެވެ. ހަގީގަތުގައި، ދުރު ތަރިތަކަށް ނިސްބަތް ކުރާނަމަ، ހަނދު އޭގެ ފަލަކުގައި ބުރެއް ޖަހަނީ، 27.32 ދުވަހުންނެވެ. މިއީ ހަނދުގެ ސައިޑީރިއަލް މަހެއްގެ ދިގުމިނެވެ. އިރަށް ނިސްބަތް ކުރާނަމަ، ހަނދު މަހެއްގެ ދިގުމިނަކީ 29.53 ދުވަހެވެ. މިއީ ހަނދުގެ ސިނޮޑިކް މަހެއްގެ ދިގުމިނެވެ. އެހެން ނަމަވެސް، ހަނދު މަހެއް ފެށެނީ، ހިނގާ ހަނދު މަހުގެ 29 ދުވަސް ހަމަވެ، އެދުވަހުގެ އިރުއޮއްސުމަށްފަހު ހަނދު ނޯއްސި ހުރިނަމަ، އެވަގުތުން ފެށިގެންނެވެ. ނުވަތަ 30 ދުވަސް ހަމަވުމުންނެވެ. ހިނގާ ހަނދުމަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސިއްޖެނަމަ، އެމަސް ވާނީ 30 ދުވަހުގެ މަހަކަށެވެ.،”
ރައީސް މައުމޫން ލިޔުއްވާފައިވެއެވެ.
އެމަނިކުފާނުގެ ލިޔުއްވުމުގައި ވިދާޅުވެފައިވާ ގޮތުން، މި ހިނގާ ރަމަޟާން މަހުގެ 29 ވަނަ ދުވަހަކީ، މި ހިނގާ މޭ މަހުގެ 22 ވާ ހުކުރު ދުވަސް ކަމަށްވާއިރު ފަލަކީ ހިސާބުން ދައްކާ ގޮތުގައި، އެދުވަހުގެ އިރު އޮއްސުމުގެ ކުރިން ހުރިހާ އިސްލާމީ ގައުމުތަކަށް ހަނދު އޮއްސެއެވެ.
އެގޮތުން ރާއްޖެއަށް ބަލާނަމަ ރާއްޖޭގެ އެންމެ އުތުރަށާއި މާލެއަށް އިރު އޮއްސުމުގެ 12 މިނެޓް ކުރިން، އަދި ރާއްޖޭގެ އެންމެ ދެކުނަށް އެދުވަހުގެ އިރު އޮއްސުމުގެ 11 މިނެޓް ކުރިން ހަނދު އޮއްސެއެވެ. އަދި އިސްލާމީ ގައުމުތަކަށް ބަލާއިރު، އެންމެ އިރުމައްޗަށް އޮންނަ އިންޑޮނީޝިޔާގެ ޖަކާޓާއަށް އެދުވަހު އިރު އޮއްސުމުގެ 14 މިނެޓު ކުރިން ހަނދު އޮއްސޭއިރު އެންމެ ހުޅަނގަށް އޮންނަ މޮރޮކޯގެ ކެސެބްލަންކާއަށް އެދުވަހު އިރުއޮއްސުމުގެ ހަތަރު މިނެޓު ކުރިން ހަނދު އޮއްސޭ ކަމަށާއި އެންމެ އުތުރަށް އޮންނަ ތުރުކީއަށް އެދުވަހު އިރު އޮއްސުމުގެ 14 މިނެޓު ކުރިން ހަނދު އޮއްސޭ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.
އަދި މައްކާއަށް އެދުވަހު އިރު އޮއްސުމުގެ 10 މިނެޓު ކުރިން، މަދީނާއަށް 11 މިނެޓު ކުރިން، ކުވޭތަށް 14 މިނެޓު ކުރިން، މެލޭޝިޔާއަށް 15 މިނެޓު ކުރިން ހަނދު އޮއްސޭއިރު އާ މަހުގެ ހަނދު އުފަންވަނީ، މޭ މަހުގެ 22 ވަނަ ދުވަހުގެ ރޭ 10:38 ގައި ކަމަށް ވެސް އެމަނިކުފާނުގެ ލިޔުއްވުމުގައިވެއެވެ.
“މިދެންނެވި ހުރިހާ ތަންތަނަށް މިހިނގާ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާތީ، ވިދިގެން އަންނަ މޭ މަހުގެ 23 ވާ ހޮނިހިރު ދުވަސް ވާނީ، މި ހިނގާ ރަމަޟާން މަހުގެ 30 ވަނަ ދުވަހަށެވެ. އަދި މިއަހަރުގެ ޝައްވާލު މަހުގެ 1 ވާނީ (ފިތުރު އީދު ވާނީ) މި ހިނގާ މޭ މަހުގެ 24 ވަނަ ދުވަސް ކަމަށްވާ އާދީއްތަ ދުވަހަށެވެ،”
އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާ ގޮތުގެ މައްޗަށް އަލިއަޅުއްވާލަމުން ރައީސް މައުމޫން ލިޔުއްވާފައިވެއެވެ.
ރައީސް މަޢުމޫނު މިހެން ބުނެފައިވާއިރު ރަމަޟާން މަހުގެ ހަނދާއި އީދަށް ހަނދު ބެލުމާ ބެހޭ ގޮތުން އިލްމީ ލިއުންތައް ލިއުއްވަމުންގެންދަވާ އަހުމަދު އަބްދުﷲ ސައީދުވެސް ބުނެފައިވަނީ ފަލަކީ ހިސާބުން ދައްކަނީ އީދު ވާނީ އާދީއްތައަށް ކަމަށެވެ.
މިއަދަކީ ރަމަޟާން މަހުން 29 ދުވަސް ކަމަށް ވިޔަސް، މިއަދުގެ އިރު އޮއްސޭއިރު، ޝައްވާލް މަހުގެ ހަނދު އުފަން ނުވާކަން، ފަލަކީ ހިސާބުން ކަށަވަރުވާތީ، މި ހިނގާ ރަމަޟާން މަހަކީ 30 ދުވަހުގެ މައްސަރެއްކަން، އެއްވެސް އޮޅުމެއް ނެތް މިންވަރަށް ކަށަވަރުވެ އެވެ. ޝައްވާލް މަހުގެ ހަނދު އުފަން ނުވާނެކަން ކަށަވަރުވަނީ، މިއަދުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭތީ އެވެ.
މިހާރު ނޫހަށް ލިއުއްވާފައިވާ އާޓިކަލްއެއްގައި ބުނެފައިވެއެވެ.
މިއަހަރު ރަމަޟާން މަހުގެ 30 ވަނަ ދުވަސް އަދި ފިތުރު ޢީދު ދުވަސް ކަމުގައި، މިއަހަރުގެ ކަލަންޑަރުގައި ބުނެފައިވަނީ ވެސް މިމަހުގެ 24 ވާ އާދިއްތަ ދުވަހެވެ. މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ހަނދު ސާބިތުކުރުމުގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވަނީ 29 ރަމަޟާން 1441 (22 މެއި 2020) ވާ ހުކުރު ދުވަހުގެ ހަވީރު 6:00 އިން ފެށިގެން އިރުއޮއްސި 7:30 އަށް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!