މި އަހަރުގެ ފުރަތަމަ ކުއާޓާގައި(ފުރަތަމަ ތިން މަހު) މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ފައިދާގެ ގޮތުގައި 62.34 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެމްޓީސީސީން އާންމުކޮށްފައިވާ އެކުންފުނީގެ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު ފައިދާއަކީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގެ ނަތީޖާއާ އަޅާބަލާއިރު 310 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ވަނީ 29 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުނީގެ އާމްދަނީގެ ގޮތުގައި ލިބުނީ 210 މިލިއަން ރުފިޔާ ކަމަށް ވިޔަސް މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެކުންފުންޏަށް ވަނީ 353 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފަ އެވެ.
އެމްޓީސީސީން ބުނިގޮތުގައި، އެ ކުންފުންޏަށް މިހާ ބޮޑު ފައިދާއެއް ލިބިފައިވަނީ ކުންފުނީގެ ހިންގުމަށް ގެނެވުނު ހަރުދަނާ ބަދަލުތަކުގެ ސަބަބުން ހިންގުމުގެ ހަރަދުތައް ކުޑަކުރެވުމުންނެވެ. އޭގެ އިތުރުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ހިންގިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެގޮތުން 53 މަޝްރޫއެއްގެ މަސައްކަތްކުރެވި ހަތަރު މަޝްރޫއެއްގެ މަސައްކަތް ނިންމާލެވިފައިވާއިރު ފުރަތަމަ ކުއާޓާގައި 11 ރަށެއްގެ ޕްރޮޖެކްޓުގެ މަސައްކަތުގެ އަމަލީ މަސައްކަތް ވަނީ ފަށައިފައެވެ.
ރަށްރަށުގައި ހިންގާ އުމްރާނީ ޕްރޮޖެކްޓްތަކުގެ އިތުރުން އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ރަށްރަށަށް ބޮޑެތި އެހީތެރިކަމެއް އެކުންފުނިން ވެދީފައިވެ އެވެ.
މިއީ އެމްޓީސީސީގެ ތާރީހުގައި ފުރަތަމަ ކުއާޓަރެއްގައި ހޯދުނު އެންމެ ބޮޑު ފައިދާއެވެ. އެ ކުންފުނީގެ މާލީ ރިޕޯޓުތަކުން އެނގޭ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ކުއާޓަރަކީ ފައިދާ ދަށް ކުއާޓަރެކެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!