ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން ށ. ފުނަދޫގައި އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެ ރަށު ކައުންސިލުން ވަރުގަދަ ކޮށްފިއެވެ.
މި ނިންމުމާއި ގުޅިގެން ފުނަދޫ ކައުންސިލުން ބުނެފައި ވަނީ ރާއްޖޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް- 19 ގެ ނުރައްކާ ބޮޑުވަމުންދާތީ އާއި ކުރިއަށް އޮތް ދެހަފަތާއަކީ މި ބަލީގެ ނުރައްކާ އެންމެ ބޮޑުވާނެ ދެހަފްތާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިރުޝާދު ދީފައިވާތީ އެ ކައުންސިލުން އިތުރު އެންގުމެއް އަންގަންދެން 13 މެއި 2020 ގެ 00:00 ން ފެށިގެން ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިކަމަށެވެ.
ފުނަދޫ ކައުންސިލުން އަޅަންނިންމި ފިޔަވަޅުތައް
ހަވީރު 04:00 ން ރޭގަނޑު 11:00 އާއި ދެމެދު ޒަރޫރީ ބޭނުމެއްގައި ފިޔަވާ ގެއިންބޭރަށް ނުކުތުމަކީ މަނާކަމެކެވެ. އަދި އެފަދަ ބޭނުމެއްގައި ނުކުންނަވާއިރު ބާޒާރު ކާޑު އޮންނަންވާނެއެވެ.
ރޭގަނޑު 11:00 ން ފެށިގެން ހެނދުނު 06:00 އާއި ދެމެދު ޒަރޫރީ ބޭނުމެއްގައި ފިޔަވައި، ގެއިންބޭރުގައި އުޅުމަކީ މަނާކަމެކެވެ. އެފަދަ ބޭނުމެއްގައި ނުކުމެވޭނީ ފުނަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792237 އަށް ގުޅުއްވާ ޚާއްސަ ހުއްދައެއް ހޯއްދެވުމަށް ފަހުގައެވެ.
މާސްކު އަޅައިގެން ނޫންގޮތަކަށް ގެއިން ބޭރަށް ނުކުތުމަކީ މަނާކަމެކެވެ.
ގުރޫޕް ހަދައިގެން ބޭރަށް ނުކުތުމާއި، އާންމުތަންތަނަށް އެއްވެ އުޅުމަކީ މަނާކަމެކެވެ.
ފިހާރަ ތަކުން ޚިދުމަތް ހޯއްދެވުމުގައި ގައިދުރުކަމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި އެއްފަހަރާ 02 މީހުންނަށްވުރެ އިތުރަށް ފިހާރައަށް ވަނުމަކީ މަނާކަމެކެވެ.
ކައުންސިލްގެ ހުއްދައެއްނެތި ރަށަށް އެރުމާއި، އެހެން ރަށަކަށް ދަތުރުކުރުމަކީ މަނާކަމެކެވެ.
ފުނަދޫ އަކީ ށ. އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އެ އަތޮޅަކީ މިހާތަނަށް އަތޮޅަކުން އެންމެ ގިނަ ކޯވިޑް-19 ކޭސް ފެނުނު އަތޮޅެވެ.
އެ އަތޮޅުން ވަނީ ނަރުދޫ 11 މީހުން އަދި މިލަންދޫން އެކަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. މިހާތަނަށް ރާއްޖެއިން 904 މީހުން ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!