18 މިލިއަނެއްހާ މީހުން ދިރިއުޅެމުންއައި 1 ލައްކަ 85 ހާސް އަކަކިލޯމީޓަރު ބޮޑު އަރަބި އިސްލާމީ ގައުމެއް ކަމުގައިވާ ސީރިޔާ (ސޫރިޔާ) ގައި ދާޚިލީ ހަނގުރާމަ ފެށުނު 2012 ވަނަ އަހަރުއެވެ. 5 ލައްކައެއްހާ މީހުން މަރުވެ 8 މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން ޖެހިފައިވާ އިރު އަދިވެސް މި ހަނގުރާމަ އަވަހަކަށް ނިމިދާނެ ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.
ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނީ އެދުވަސްވަރު މެދުއިރުމައްޗަށް ފެތުރިގެންދިޔަ 'އަރަބި ބަހާރު'ގެ އޮއިވަރާއެކު ސީރިޔާގެ ރައްޔިތުންގެ ބަޔަކު ސަރުކާރާ ދެކޮޅަށް ނުކުތް ހިސާބުންނެވެ. މިއަދު މިހަނގުރާމަ ވެފައިވަނީ މެދު އިރުމަތީގައި ހަރަކާތްތެރިވާ ތަފާތު ބައިނަލްއަގުވާމީ އަދި ސަރަހައްދީ ބާރުތަކާއި، ތަފާތު ދީނީ އަގީދާތައް އެއްބަޔަކު އަނެއް ބަައެެއްގެ މައްޗަށް ގަދަވެގަންނަން މަސައްކަތްކުރާ މައިދާނަަކަށް ވެފައެވެ.

ސީރިޔާގައި 2012 ވަނަ އަހަރުގެ ކުރީކޮޅުން ފަށައިގެން ހިނގަމުން އަންނަ ދާހިލީ ހަމަނުޖެހުންތަކުގެ ސަބަބުން އެތައް ހާސް ރައްޔިތުންނެއްގެ ފުރާނަވަނީ ގެއްލިފައިއެވެ. އެތައްމިލިޔަން ބަޔެއްގެ ގެދޮރު ވަނީ ނެތިގޮސްފައެވެ. އެތައް ކުޑަކުދިންނެއް ވަނީ ޔަތީމުވެފައެވެ. 2012 ވަނަ އަހަރުގެ ކުރިން އުޅެމުން އައި އުފާވެރި ދިރިއުޅުން މިވަނީ މާޒީއާއިއެކުވެ ގޮސްފައެވެ.
އެގައުމުގެ ކުޑަކުދިންނަށް އުފަންވީންސުރެއް އުޅެން ޖެހިފައިވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެކުދިން ބަލާ ބޮޑު ކުރުމަށް އެކުދިންގެ މަންމަ އާއި ބައްޕަގެ މުޅިއުމުރު ހޭދަކޮށްގެން ބިނާކޮށްފައިވާ ގެދޮރުތައް މިވަނީ އިންދިރާސް ވެފައެވެ.

ބާރުގަދަ ބިންހެލުމެއްގެ ސަބަބުން އިމާރާތްތައް ބިމާހަމަވެފައިވާ ކަހަލަ ގޮތަކަށް ސުންނާފަތިވެފައިވާ ސީރިޔާގެ ސަހަރެއްކަމަށްވާ އަރިހާގައި ދިރިއުޅެމުންދިޔަ އާއިލާއެއް މިވަނީ އެމީހުންގެ މާޒީ ހަންދާން ކުރުމަށް ވީރާނާވެފައިވާ ގޭގައި ރޯދަ ވީއްލުމެއް ބާއްވާފައެވެ. ތާރިގް އަބޫ ޒިޔާދު އާއި އެއިނާގެ ކުޑަ އާއިލާ ވަނީ ރޯދަ ވީއްލުމަށް ބޭނުންވާ ތަކެތި ހިފައިގެން އެމީހުންގެ ގެދޮރު ހުރިތަނަށް ގޮސްފައެވެ. މިރޯދަ ވީއްލުމުގެ ފޮޓޯތައް ވަނީ މީސްމީޑިޔާގައި ވަރަށް ބާރަށް ދައުރުވެފައެވެ. އަދި ދުނިޔޭގެ ބޮޑެތި މީޑިޔާތަކުންވެސް މިކަން ވަނީ ރިޕޯޓްކޮށްފައެވެ.

ތިން ކުދިންގެ ބައްޕަ ތާރިގް އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ބުނެފައިވަނީ އެއާއިލާ އެޅެމުންދަނީ ވަރަށް ތަދު ދިރިއުޅުމެއްކަމަށާއި އަދި ވަރަށް ހިތި ހަނދާންތަކެއް އެމީހުންގެ ވާކަމަށެވެ.

އަހަރެންގެ ދުޢާ އަކީ މިހާލަތު އެހެން މީހަކަށް ނުޖެއްސެވުން
ތާރިގް ބުނެފައިވެއެވެ.
މިލިއަނެއްހާ މީހުން ހުޅެމުންއައި އެސަހަރުގައި މިހާރު އެއްވެސްމީހަކު ނޫޅެއެވެ. އޮންނަނީ އެކީ ފަޅުވެ ވީރާނާވެފައެވެ. ތާރިގްގެ އާއިލާ ރޯދަ ވީއްލަން ތިބި އެމީހުންގެ ގޭގެ ފުރާޅެއް ނެތެވެ. މަތިން ނަގާފައިވާ ފޮޓޯތަކުން އެސަހަރުގެ ހާލަތު ބަޔާން ކޮށްދެއެވެ.

ތާރިގްގެ މަންމަ ބުނެފައިވަނީ މިކަމުގެ އެންމެ މުހިންމު އެއްކަމަކީ އެމީހުން އުޅެމުންއައި ހަނދާތައް އާކޮށް އެމީހުންގެ ގޭގައި އެންމެ ފަހުފަހަރު ނަމަވެސް މިރޯދަމަހުގެ ރޯދައެއް ވީއްލުމުގެ ބޭނުމުގައި ކަމަށެވެ.

މިދުވަސްވަރަކީ ކޯވިޑް19ގެ ބިރުވެރިކަމުގެ ސަބަބުންވެސް އެމީހުންގެ ވީރާނާވެފައިވާ ގެތަކަށް އަންނަމުންދާ ދުވަސްވަރެކެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާގޮތުގައި މިއީ މިމަހުގެ4 ވަނަ ދުވަހު ނަގާފައިވާ ފޮޓޯ ތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!