ހއ. އިހަވަންދޫ ކާވިޔާ ބޯޓުން ދަތުރު ކުރި، ކޯވިޑަށް ފައްސިވި އުލިގަމު މީހާއާއި ގުޅިގެން އެ ދަތުރުގައި ހދ. ވައިކަރަދޫއަށް ދިޔަ 23 މީހުން ޓެސްޓު ކުރުމަށް ނެގި ސާމްޕަލްތައް ނައްސިވެއްޖެ ކަމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށް ވައިކަރަދޫ ކައުންސިލުން ހާމަކޮށްފިއެވެ.

ވައިކަރަދޫ ކައުންސިލުން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ 2020 އޭޕްރީލް 15 ވަނަ ދުވަހު ހއ. އިހަވަންދޫ ކާވިޔާ ބޯޓުން ދަތުރުކުރި މީހަކު ކޯވިޑް-19 އަށް ފައްސި ވުމާއި ގުޅިގެން، އެދަތުރު ކާވިޔާ ބޯޓުން ވައިކަރަދޫއަށް އައި 23 މީހުން އެބައްޔަށް ޓެސްޓު ކުރިއިރު، އެ ހުރިހާ ފަރާތެއްވެސް ކޯވިޑް-19 އަށް ނައްސިވެފައި ވާކަމަށް އެޗްޕީއޭއިން އަންގަވައިފި ކަމަށެވެ.

Ad
rt

މި އެންމެން ނައްސި ވިޔަސް ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާމެދު ކައުންސިލުން ވަކިގޮތެއް ނިންމާ އަންގަންދެން އެފިޔަޅުތަކަށް ޢަމަލުކުރުން މަތީ ދެމިތިބުމަށް ދަންނަވާ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ކާވިޔާ ބޯޓު ނިސްބަތްވާ ހއ. އިހަވަންދޫއިން ވެސް 35 މީހެއްގެ ސާމްޕަލް ނެގިއެވެ. އެ އެންމެންވެސް ނައްސިވެފައިވާ ކަމަށް އިހަވަންދޫ ކައުންސިލުން ރޭ ވަނީ ބުނެފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ވަނީ 250 މީހުން ފައްސިވެފަ އެވެ. އޭގެ ތެރެއިން 17 މީހަކު ރަނގަޅުވެ، މިހާރު ފަރުވާ ދެމުން އަންނަނީ 233 މީހުންނަށެވެ.

މިވަގުތު ކަރަންޓީނު ފެސިލިޓީސް ތަކުގައި 1271 މީހުން ތިބި އިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި 231 މީހަކު އެބަ ތިއްބެވެ.