1921 ވަނަ އަހަރު މާލޭގައި އުޅެނީ ރާއްޖޭގެ އާބާދީގެ %8.7 ކަމަށް އެޗްސީޕީ ބެލް ރާއްޖެއާ ބެހޭގޮތުން ލިއުއްވާފައިވާ ފޮތުގައި ވެއެވެ. މިފޮތުގައި މާލެ ފިޔަވާ ވަކިވަކި ރަށްރަށުގެ އާބާދީ ނެތުމާއެކު ދެން ބަލާލެވެނީ އަތޮޅުތަކުގެ އާބާދީއަށެވެ. 1921 ވަނަ އަހަރު އަތޮޅުތަކުން ރާއްޖޭގެ އާބާދީގެ %14 އާއެކު އެންމެ ގިނަ ބަޔަކު އުޅެނީ ތިލަދުންމަތީގައެވެ. އެއަށްފަހު މާޅޮސްމަޑުލުގައި (%11)، އަދި މިލަދުންމަޑުލާއި ހުވަދޫގައި (%10) އެވެ. އޭގެ 94 ވަރަކަށް އަހަރުފަހުން އާބާދީގެ އަދަދުތަކަށް ބަލާލާއިރު މާލޭގެ ރަޖިސްޓްރީ އާބާދީއަކީ މުޅިރާއްޖޭގެ %17 އެވެ. އަދި މާލޭގައި އުޅޭ އަބާދީއަކީ މުޅިރާއްޖޭގެ %38 ކަމަށް 2014 ގެ ބޯހިމެނުމުން ދައްކައެވެ.
އެމީހެއްގެ ވަޒަންނޫން އެހެން ތަނެއްގައި މަޖުބޫރުން އުޅެން ޖެހުމަކީ “އެމީހެއްގެ އަމިއްލަ ވަޒަނުގައި އުޅުމުގެ އިޚްތިޔާރު ލިބިގެންވުން” މި އިންސާނީ ޙައްޤު ގެއްލުމެވެ. މިގޮތުން ވަޒަން ދޫކުރަންޖެހި އެހެން ޤައުމެއްގައި އުޅެން ޖެހިއްޖެނަމަ އެފަދަ މީހުންނަށް ރެފިއުޖީންނޭ ކިއައެވެ. އަމިއްލަ ޤައުމުގައި މަޖުބޫރުކަމެއް އޮވެގެން އެމީހެއްގެ ވަޒަން ދޫކޮށް އެހެން ތަނަކަށް ހިޖުރަކުރާ މީހުންނަށް “އިންޓާރނަލީ ޑިސްޕްލޭސްޑް ޕާރސަންސް” އޭ ކިއައެވެ. ސުނާމީގެ ސަބަބުން އަމިއްލަ ވަޒަނާއި ގެދޮރު ދޫކޮށް ދާންޖެހުނު މީހުންނަކީ މިކަމުގެ މިސާލެކެވެ. ސުވާލަކީ ވަޒަންދޫކޮށް މާލެއަށް ހިޖުރަންކުރަން ޖެހިފައިތިބި ދިވެހިންގެ ގިނަ އަދަދެއްގެ މީހުންނަކީ މަޖުބޫރީ ހިޖުރަވެރިންތޯ ނުވަތަ ނޫންތޯއެވެ؟
މަޢުލޫމާތު: އެޗްސީބީބެލް ގެ މޮނޯގްރާފް 1921 އަދި ބޯހިމެނުން 2014
މިކަމުގެ ތާރީޚަކީ ވަރަށް ދިގުއެއްޗެކެވެ. އަޅުގަނޑުގެ ފޮތް “ފަޅު އަލިރަންމުތް” މިފޮތުގައި ތަފްސީލުކޮށް އެތާރީޚް ގެނެސްދީފައިވާނެއެވެ. ޚުލާސާކޮށް ބުނާނަމަ ރާއްޖެއަށް ލިބޭ އާމްދަނީއާއި، ލޯނާއި، އެހީގެ ވަރަށް ބޮޑު މިންވަރެއް ޚަރަދުކުރަނީ، ދައުރުވަނީ އަދި ރައްކާކުރެވެނީ މާލޭ ސަރަހައްދުގައެވެ. ހަމައެކަނި 2016 ބަޖެޓަށް ބަލާލިއަސް މާލެކައިރީގައި ހިންގާ ޕްރޮޖެކްޓްތަކުގެ އަގު ރާއްޖޭގެ ރަސްމީ ރިސާވަށް ވުރެވެސް ބޮޑެވެ.
ހަމައެކަނި ބްރިޖާ މާލޭގެ ފިނޭންސްއާބެހޭ ވުޒާރާއާއި އައިޖީއެމް އެޗްގެ 25ބުރީގެ އިމާރާތްތަކަށް ޚަރަދުވާވަރު ކިއަސް އެހެން ހުރިހާ އަތޮޅުތަކެއްގެ ބަޖެޓަށްވުރެ ބޮޑުވުމަކީ އެކަށީގެންވާކަމެވެ. މިލިއުން ދިގުކުރާކަށް އެތަފްސީލަށް ދާކަށް ނެތީމެވެ. އެއީ އަބަދުމެ ރައްޔިތުން އެކިފޯރަމްތަކުގައި އަދަދުތައް ޖަހައިގެން ގޮވާ ވާހަކަތަކެކެވެ. އޭގެ ބަދަލުގައި ރާއްޖޭގެ އިގްތިސާދު ބަދަލު ކޮށްލި އެއް ހާދިސާ އަޅުގަނޑުގެ ފޮތް “ފަޅު އަލި ރަންމުތް” ގައިވާ ގޮތަށް ނަކަލު ކޮށްލާނަމެވެ.
ރަށު ރައްޔިތުން ފަތުރުވެރި ވިޔަފާރިއަށް ވަނުމުގެ ދޮރު ބަންދުވުން
ފަތުރުވެރިކަމުގެ ރަންބިސް އަޅާ ކުކުޅު، މާލެ ސަރަޙައްދުގައި މީހުން ދިރިއުޅޭ ރަށްތަކާއި އަދި ފަޅުރަށްތަކުގައި ހަދާ ރިސޯޓްތަކުގައި އެއްވަރަކަށް “ރަންބިސް” އަޅަމުން ދަނިކޮށް ކުއްލިއަކަށް 1 މެއި 1984 ގައި މީހުން ދިރިއުޅޭ ރަށްތަކުގެ ރައްޔިތުންނަށް އެކަން މަނާވެއްޖެއެވެ. ސަބަބެއް ކަމަށް ބައެއް ލިއުންތަކުގައި ވަނީ ރާއްޖޭގެ ޘަޤާފަތާއި އާދަކާދައާއި ދީނާ ނުގުޅޭ ކަންކަން ފެންނަން ރައްޔިތުން ނޭދޭތީއެވެ. 2 ވަނަ ކަމަކަށް މިނިސްޓްރީ އޮފް ޓުއަރިޒަމުން ނެރުއްވި “ދިވެހިރާއްޖޭގެ ދެމެހެއްޓެނެވި ޓުއަރިޒަމްގެ ތަރައްޤީގެ 25 އަހަރު މިފޮތުގައި ލިއުއްވާފައިވަނީ “މިގޮތަށް ޒިޔާރަތްކުރާ ޓުއަރިސްޓުންގެ ސަބަބުން ބޮޑެތި ޚަރަދުކޮށްގެން ހަދާފައިވާ ޓޫރިސްޓް ހޮޓާތަކަށާއި ރިސޯޓްތަކަށް ޑިމާންޑް ކުޑަވާން ފެށިއެވެ. އަދި އެފަރާތްތަކަށް ނުހަނު ބޮޑު ގެއްލުމާ ކުރިމަތި ވާން ފެށިއެވެ. ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައި ފަތުރުވެރިން ބޭއްތިއްބުމުން ދިމާވާ މައްސަލަތަކާއި ގެއްލުން ޙައްލުކުރެއްވުމަށްޓަކައި ސަރުކާރުން މީހުން ދިރިއުޅޭ ރަށްރަށުގައި، ފަތުރުވެރިން ބޭއްތިއްބުން މަނާކުރެއްވިއެވެ.”
ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށުގައި ތިބުން މަނާކުރުމާއެކު، ރަށުގައި އުފައްދާތަކެތި ސީދާ ބޭރު ޤައުމުތަކަށް އެކްސްޕޯޓްކުރުމުގެ ވިޔަފާރި ދަށްވުމުން 19-20 ޤަރުނުގައި އަތޮޅުތަކަށް އައި އިޤްތިޞާދީ ހީނުރުކަން، އާރޯކަމަކަށް ބަދަލުކުރުމަށް ރައްޔިތުންނަށް ލިބުނު ފުރުޞަތު، ބަންދުވެއްޖެއެވެ.
އެއީ މާޒީއެވެ. ދެން އައީ 2008 އެކެވެ. އެއާއެކު އާ ޤާނޫނު އަސާސީއެކެވެ. އެއަސާސީއާއެކު ލާމަރުކަޒީ ނިޒާމެކެވެ. އަތޮޅުތަކުގެ ރައްޔިތުން އަތޮޅުގެ ކަންކަން އަމިއްލައަށް ކުރެވޭނެ މަގު ފަހިކޮށްދީ ރައްޔިތުން ބާރުވެރި ކުރުވާނެ ނިޒާމެކެވެ. މިނިޒާމަށް ވީގޮތް އދ. ރިޕޯޓެއްގައި އަންނަނިވިގޮތަށް ގެނެސްދީފައިވެއެވެ.
“ރަށު ކައުންސިލްތަކުން އިގްތިސާދީ ހަރަކާތެއް ހިންގުމުގެ މިނިވަންކަމެއް ނޯވެއެވެ. އަދި އެފަދަ ކަމަކަށް އެހީތެރިކަމެއް ވެސް ނެތެވެ. ގިނަ ކައުންސިލްތަކުން ދެކޭ ގޮތުން އެމީހުންގެ އަތް ވަނީ ބަނދެވިފައެވެ…. ލާމަރުކަޒީ ޤާނޫނުން ކައުންސިލަތަކަށް ވިޔަފާރި ކުރުމުގެ ހައްގު ލިބިދީފައިވީނަމަވެސް މަރުކަޒީ ސަރުކާރުން އެކަމަށް ހުރަސްއަޅާކަމަށް ފެނެއެވެ. …ހުއްދައެއް ނުލިބެއެވެ. އެހެންކަމުން ޤާނޫނު އަސާސީ އައުމުގެ ކުރިއާ އަޅަބަލާއިރު އަސާސީ އައުމަށްފަހު ރަށްރަށުގެ ހިންގުން ކުރިއަށްވުރެ ބޮޑަށް މަރުކަޒީވެ ބަރޯސާވުން އިތުރުވިއެވެ”.
19 ވަނަ ގަރުނުގެ ފަހުކޮޅު ހީނަރުވެގެން ދިޔަ އަތޮޅުތަކުގެ އިގްތިސާދު އަނބުރާލަން ލިބުނު ފުރުސަތާއި އަދި 2008 ވަނަ އަހަރު އަތޮޅުތަކުގެ ރައްޔިތުން އަމިއްލައަށް ކަންކަން ކޮށްގެން އަމިއްލަ ރަށާ އަތޮޅު ކުރިއަރުވަން ލިބުނު ފުރުސަތަށް ގަސްދުގައި ދައުލަތުން ހުރަސް އަޅައި ހުރިހާ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން މާލެއަށް ރާއްޖޭއިން ލިބޭ އެންމެ ފެންވަރު ރަގަޅު ތައުލީމު، ސިއްހަތު، ވަޒީފާ ލިބޭނެގޮތް ހެދުމުން ރާއްޖެތެރޭ ރައްޔިތުންނަށް ދައުލަތުން މާލެއަށް ހިޖުރަކުރަން މަޖުބޫރު ކުރިކަމަށް ނުބުނެވޭނެބާއެވެ؟ އަތޮޅުތަކަށް އިގްތިސާދީ ގޮތުންނާއި ހިންގުމުގެ ދާއިރާއިން ހުރަސް އެޅުންތަކެއް ކުރިމަތި ނުކުރާނަމަ މާލެއަށް ޚަރަދު ކުރިއަސް ސީދާ މަޖުބޫރު ކުރުމެކޭ ނުބުނެވިދާނެއެވެ. ހަމައެއާއެކު ރާއްޖޭގެ ބޮޑެތި ބިންތައް ހުއްޓައި އެތަންތަން ވަޒީފާ ލިބޭ ފަދަ އިގްތިސާދީ މަސައްކަތްތަކާއެކު ތަރައްގީ ކުރެމެއްނެތި ކުޑަކުޑަ (ގުދުރަތީ ބިންތަކާ އަޅާބަލާއިރު) ހިއްކި ބިމަކަށް (ހުޅުމާލެ) ރާއްޖޭގެ %70 މީހުން ގެންނަން ޚަރަދުކޮށް ބިމާ ގޯތި ދޫކޮށްލާ ކުދި ކުދި ފްލެޓްތަކަށް ރައްޔިތުން ޖަމާކުރަން އުޅުމަކީ ސީދާ ކޮށް އަމިއްލަ ވަޒަން ދޫކޮށް ހިޖުރަކުރަން މަޖުބޫރު ކުރުމަކަށް ނުވާނެތޯއެވެ؟
މަޖުބޫރީ ހިޖުރަވެރިންނާ ބެހޭގޮތުން ދިރާސާކުރާ ކަމުގެ މާހިރުން ވިދާޅުވާ ގޮތުން ދައުލަތުން ކުރިމަތި ކޮށްފައިވާ މަޖުބޫރު ކުރުވުންތަކުގެ ސަބަބުން ހިޖުރަކުރާ ކުރުން ފޮރުވުމުގެ ގޮތުން “މަޖުބޫރީ ހިޖުރަވެރިން” މިލަފްޒް ބެނުންކުރުމުގެ ބަދަލުގައި އެކި ސަބަބުތަކާއެކު ހިޖުރަކުރާ މީހުންނޭ ކިއައެވެ. މިގޮތުން ރާއްޖޭގެ ބޯހިމެނުމާބެހޭގޮތުން ލިއާ ތަފްސީލީ ރިޕޯޓްތަކުގައި “ހިޖުރާ ކުރާ މީހުން” ލިއަމުންދެއެވެ. އެކަމަކު ކަމުގެ އަސްލަކީ އަހަރެމެންނީ މަޖުބޫރީ ހިޖުރަވެރިންނެވެ. އަމިއްލަ ގައުމުގައި އަމިއްލަ ވަޒަން ދޫކޮށް މާލޭގައި އިންތިހާއީ ދަތި ހާލުގައި އުޅެންޖެހިފައިވާ މަޖުބޫރީ ހިޖުރަވެރިންނެވެ. އަހަރެމެން ހިޖުރަކުރަން މަޖުބޫރުވާ ސަބަބުތައް ކުރިމަތި ކުރީ ދައުލަތުންނެވެ. އަހަރެމެންގެ “އަމިއްލަ ވަޒަނުގައި އުޅުމުގެ މިނިވަންކަމުގެ” އިންސާނީ ހައްގު ވަނީ ގެއްލިފައެވެ.
ނޯޓް: މިލިއުމަށް މަޢުލޫމަތު ނެގި މަސްދަރުތައް ހޯއްދެވުމަށް ލިއުމުގައިވާ ލިންކްތަކަށް ކްލިކް ކޮށްލައްވާ!
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!