ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދި މައްސަލާގައި އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ކުރާ ދައުވާތަކަށް އޭނާ މިއަދު އިންކާރު ކުރުމުން ދައުލަތުން އޭނާއާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާނެކަން ހާމަކޮށްފި އެވެ.
ސައުދުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްޑީޕީގެ ވެރިކަމުގައި ތިނަދޫއަށް 2023 ވަނަ އަހަރު ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގަ އެވެ.
އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަކީލުންނާއެކު ހާޒިރުވި ސައުދުގެ ފަރާތުން ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅީ ތެރޭގައި ކައުންސިލް ބައްދަލުވުންތަކުގެ ބައިވެރިވި ބައެއް މީހުންނާއި ރައީސް އޮފީހާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒަފުންނާއި މައްސަލަ ތަހުގީގު ކުރި ފަރާތްތަކުގެ އިތުރުން ކިތާބީ ހެކީގެ ގޮތުގައި ބައެއް ލިޔުންތަކެވެ.
ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ބަލައި، އެ ދައުވާއަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ކޯޓުން މިއަދު ނިންމި އެވެ. އަދި ދެން އޮންނާނީ ސައުދުގެ ފަރާތުން ދިފާއީ ހެކި ހުށަހެޅުމެވެ.
އެ ދައުވާތައް ސާބިތުވެއްޖެނަމަ މޭޔަރުކަމުގެ ގޮނޑި ސައުދަށް ގެއްލޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!