މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ މަސައްކަތްތައް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ހިންގުމަށް ހައްލުނުކުރެވޭ ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވެ، އެ ކޮމިޝަނުގެ ރައީސް މުހައްމަދު ފަރުޝަތު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އެމްއެމްބީސީގެ ރައީސްކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 27 އޮކްޓޯބަރު 2025 ގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފަރުޝަތު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ކޮމިޝަނުގެ ރައީސްކަމާއި މެންބަރުކަމުން އިސްތިއުފާ ދެއްވި ސަބަބު ބަޔާންކުރައްވަމުން ފަރުޝަތު ވިދާޅުވީ، ކޮމިޝަންގެ މަސައްކަތްތައް ފުރިހަމަކަމާއެކު އަދި ހުރިހާ މީޑިއާތަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ކަންކަން ރާވާހިންގުމަށް ހައްލުނުކުރެވޭ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. މީގެއިތުރުން، ދިވެހިރާއްޖެ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމަކަށް ފުރޮޅެމުންދާ ދަނޑިވަޅެއްގައި، ދައުލަތުގެ އަދި އާއްމު ފަރުދުންގެ މީޑިއާތަކަކީ އިލްމީގޮތުންނާއި، ފައިސާގެ ތަނަވަސްކަމުގެ ގޮތުންނާއި، އަދި "މެޗުއަރިޓީގެ" ގޮތުން މިނިވަން މާހައުލެއްގައި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމުގައި ޒިންމާދާރުވާ ބަޔަކަށްވުމަކީ އޭނާގެ އުންމީދު ކަމަށްވެސް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ފަރުޝަތުގެ ސިޓީގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، ދިވެހި މީޑިއާގެ މިންގަނޑުތަކާއި އަހްލާގީ ގަވާއިދު ދަމަހައްޓައި، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ވާޖިބުތައް އަދާކުރުމަށް ގާނޫނުން ކޮމިޝަނަށާއި މެންބަރުންގެ މައްޗަށް މަގުދައްކާފައިވާ ކަމަށެވެ. އަދި އެއީ ކޮމިޝަނުގެ އިތުބާރާއި ގާނޫނުގެ ރޫހާއި މަގުސަދު ދެމެހެއްޓުމުގެ ބިންގާ ކަމަށް ވިދާޅުވެ، އެމްއެމްބީސީއަށާއި ދިވެހި މީޑިއާއަށް އަބަދުވެސް ހެޔޮގޮތް މެދުވެރިވުމަށާއި، އަދަށްވުރެ ފަހި މާދަމާއެއް މާތް ﷲ މެދުވެރިކޮށްދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ފަރުޝަތަކީ މީޑިއާގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން، އައު ގާނޫނާއެކު އުވުނު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގެ އިތުރުން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުކަންވެސް އޭނާ ވަނީ ކުރިން އަދާކުރައްވާފައެވެ. އެމްއެމްބީސީގައި ފަރުޝަތު އިންނެވީ ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި މެންބަރެއްގެ ހައިސިއްޔަތުންނެވެ.
އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ޝަހުސެއް ކަމަށްވާ އެމްއެމްބީސީ އެކުލެވިގެންވަނީ ޖުމްލަ 7 މެންބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ 3 މެންބަރުންނާއި، މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންނެވެ. ކޮމިޝަނުގެ ރައީސް މަޖިލީހުން ކަނޑައަޅާއިރު، ނައިބު ރައީސް ހޮވަނީ މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.
ފަރުޝަތު އިސްތިއުފާ ދެއްވުމުން ދެން އެ ކޮމިޝަނުގައި ތިއްބަވާނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރައްވާ މެންބަރުން ކަމަށްވާ ށ. ފޭދޫ، މޫނިމާގެ އަބްދުލްއަޒީޒް އިބްރާހީމާއި، ގދ. ތިނަދޫ، މަލަ ޒަމްއަތު އަހްމަދު ވަހީދެވެ. އަދި އެހެނިހެން މީޑިއާތައް ތަމްސީލުކުރައްވާ ގދ. ރަތަފަންދޫ، ވެލީގެ ސިމާހާ ނަސީމާއި، ހދ. ވައިކަރަދޫ، ހިސާން ހުސައިން ޘަގީފެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެންބަރުންގެ ތެރެއިން ދެން ތިއްބަވާނީ ދ. މީދޫ، ބިއްލޫރިވިލާ ސަފާ ޝަފީގާއި، މާލެ، ގ. ގޮފި އާމިނަތު ސަރާހަތު އިއްޒަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!