ފެޑެރަލް ރިޕަބްލިކް އޮފް ބްރެޒިލްގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން، އެ ޤައުމުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާއަށް، ދިވެހިރާއްޖޭގ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު ފޮނުއްވި މެސެޖުގައި ވިދާޅުވީ، މި އިންތިޚާބުގައި ރައީސް ލޫލާއަށް ލިބިވަޑައިގެންނެވި ކާމިޔާބީއަކީ އެމަނިކުފާނުގެ ޒަޢާމަތަށް ބްރެޒިލްގެ ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަޤީންކަން ހާމަވެގެންދިޔަ ކަމެއް ކަމަށެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ލޫލާއަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައީސް ލޫލާ އެ ޤައުމަށް ކޮށްދެއްވަމުން ގެންދަވާ އިޚްލާޞްތެރި ޚިދުމަތްތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކުރިމަގުގައި އެމަނިކުފާނަށް އިތުރު ކާމިޔާބީއާއި ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެންނެވުމާއެކު، ބްރެޒިލްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަމަށް ވެސް ރައީސް މުޢިއްޒު އެދިވަޑައިގެންނެވިއެވެ.
ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މި އޮކްޓޫބަރު މަހު ބޭއްވިއިރު، ވާރކާސް ޕާޓީ ތަމްސީލުކުރައްވާ މިހާރުގެ ރައީސް ލޫލާ މި އިންތިޚާބު ކާމިޔާބު ކުރެއްވީ ކަނާތުފިޔައިގެ ވާދަވެރިޔާ، އިސްރާއީލާއި އެމެރިކާގެ ތާއީދާއެކު އިންތިޚާބުގައި ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯއާ ވާދަކުރައްވައެވެ. ވާތުފިޔައިގެ ލީޑަރު ލޫލާ މި އިންތިޚާބު ކާމިޔާބު ކުރެއްވީ ޞައްޙަ ވޯޓުގެ %51.8 (64.25 މިލިއަން ވޯޓު) ހޯއްދަވައިގެންނެވެ. ލިބަރަލް ޕާޓީގެ ފަރާތުން ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯއަށް ލިބިވަޑައިގަތީ ވޯޓުގެ %48.2 (59.83 މިލިއަން ވޯޓު) އެވެ. މި ނަތީޖާއާއެކު ލޫލާ ކުރި ހޯއްދެވީ ގާތްގަނޑަކަށް 4.4 މިލިއަން ވޯޓުގެ ތަފާތަކުންނެވެ.
މިއީ 1989 ވަނަ އަހަރު ބްރެޒިލަށް އަލުން ޑިމޮކްރަސީ ގެނައި ފަހުން، އިންތިޚާބުގެ ފުރަތަމަ ބުރުން ބަލިވެފައި އޮތުމަށްފަހު ރިޔާސީ އިންތިޚާބެއް ކާމިޔާބުކުރެއްވި ފުރަތަމަ ފަހަރެވެ. މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ފުރަތަމަ ބުރުގައި %47.0 އާއެކު ކުރީގައި އޮތީ ފްލާވިއޯއެވެ. އެ ބުރުގައި ލޫލާއަށް ލިބިވަޑައިގަތީ %45.1 އެވެ. ނަމަވެސް، ވޯޓުލާން ނުކުތް މީހުންގެ އަދަދު އިތުރުކޮށް، އުތުރުއިރުމަތީ ސަރަޙައްދާއި މިނާސް ޖެރައިސް ފަދަ މުހިންމު ސަރަޙައްދުތަކުން ތާއީދު އިތުރުކުރައްވައިގެން ތިން ހަފުތާގެ ކެމްޕޭނަކަށްފަހު ލޫލާ ވަނީ ނަތީޖާ ބަދަލުކޮށްލައްވާފައެވެ. މި ތާރީޚީ ކާމިޔާބީއާއެކު ލޫލާ ވަނީ ވިދިވިދިގެން ނޫން ގޮތަކަށް ހަތަރުވަނަ ދައުރަކަށް ބްރެޒިލްގެ ވެރިކަން ކަށަވަރުކުރައްވާފައެވެ. މީގެ ކުރިން 2003 އިން 2010 އަށް ވެރިކަން ކުރެއްވި ލޫލާ، 2022 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ޖައިރ ބޮލްސޮނާރޯ ބަލިކުރެއްވުމަށްފަހުގައެވެ.
އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ސިޔާސީ ގޮތުން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އެގޮތުން ސެނެޓަރ ފްލާވިއޯ ބޮލްސޮނާރޯ ވަނީ ބަލި ޤަބޫލުކުރަން ދެކޮޅު ހައްދަވާފައެވެ. ފްލާވިއޯއަކީ 2022 ވަނަ އަހަރުގެ އިންތިޚާބަށްފަހު ބަޣާވާތެއް ރޭވި މައްސަލައިގައި ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޖައިރ ބޮލްސޮނާރޯގެ ދަރިކަލެކެވެ. ފްލާވިއޯގެ ކެމްޕޭނުންނާއި އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އިންތިޚާބުގެ ނަތީޖާއަށް ގޮންޖަހައި، ދަތުރުފަތުރަށް ހުރަސްއެޅުމާއި މޫސުން ގޯސްވުމުގެ ސަބަބުން ސްޕްރީމް ކޯޓުގެ ފަނޑިޔާރަކު ވޯޓުލާ ވަގުތު ފަހުވަގުތު ދެ ގަޑިއިރަށް އިތުރުކޮށްދިން މައްސަލައިގައި އިޢުތިރާޟުކޮށްފައެވެ.
ލެޓިން އެމެރިކާގެ ޤައުމުތަކުގައި ކަނާތުފިޔައިގެ ބާރު ގަދަވަމުންދިޔަ ދަނޑިވަޅެއްގައި ލޫލާ ހޯއްދެވި މި ކާމިޔާބީ ވެގެންދިޔައީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިފައިވާ ކޮންޒަވޭޓިވް ހަރަކާތްތަކާ ދެކޮޅަށް އޭނާ ހޯއްދެވި ކާމިޔާބީއަކަށެވެ. ނަމަވެސް، ސިޔާސީ ގޮތުން ބޮޑު ބައިބައިވުމެއް އޮތް ބްރެޒިލްގައި ކުރިއަށް އޮތް ދައުރުގައި ލޫލާއަށް ވެރިކަން ކުރައްވަން ޖެހިވަޑައިގަންނަވާނީ ކަނާތުފިޔައަށް ބުރަވެފައިވާ ކޮންގްރެސްއަކާ އެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!