މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހިންގާ "އެކްސެލަރޭޓިންގ ރިނިއުބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ" (އެރައިޒް) މަޝްރޫޢުގެ ދަށުން، 15 މެގަވޮޓްގެ ސޯލާ ޕީވީ ޤާއިމުކުރުމަށް ބޭނުންވާ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ސޯލާ ޕީވީ މަޝްރޫޢު ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެއެވެ.
އެރައިޒް މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގައި ސޮއިކޮށްފައިވަނީ ޕަވަރ ޕަރޗޭސް އެގްރީމަންޓް (ޕީޕީއޭ) އާއި އިމްޕްލިމެންޓޭޝަން އެގްރީމަންޓުގައެވެ. އެގޮތުން ޕަވަރ ޕަރޗޭސް އެގްރީމަންޓުގައި ސޮއިކޮށްފައިވަނީ ސިނަސޯ ހައިބްރިޑް ޓެކްނޮލޮޖީ އާއި ސްޓެލްކޯއާ ދެމެދުގައެވެ. އަދި އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސިނަސޯ އާއި މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާ ދެމެދުގައެވެ.
މި އެއްބަސްވުންތަކުގައި ސިނަސޯ ހައިބްރިޑް ޓެކްނޮލޮޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރ ޗާއޮ ޝޯމިންގްއެވެ. ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން ވަޒީރު ޢަލީ ޝަރީފް ސޮއިކުރެއްވި އިރު، ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރެވެ.
މި މަޝްރޫޢަކީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ބޭނުންކޮށްގެން "ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް އެންޑް ޓްރާންސްފަރ" (ޑީބީއެފްއޯއޯޓީ) އުސޫލުން 20 އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. ވާދަވެރި ބީލަން އުޞޫލުން މި މަޝްރޫޢު ކުރިއަށްގެންދާއިރު، އިންވެސްޓަރުންނަށް ހުރި ހިރާސްތައް ކުޑަކުރުމަށްޓަކައި ވޯލްޑް ބޭންކާއި، ކްލައިމެޓް ޓެކްނޮލޮޖީ ފަންޑާއި، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އަދި މަލްޓިލެޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އޭޖެންސީގެ މާލީ އަދި ފަންނީ އެހީތެރިކަމާއެކު އެކުލަވާލާފައިވާ ޚާއްސަ ރިސްކް މިޓިގޭޝަން ފްރޭމްވަރކެއްގެ ދަށުންނެވެ.
މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ލޮޓަކަށް ބަހާލައިގެންނެވެ. ފުރަތަމަ ލޮޓުގައި ލ. އަތޮޅު ކްލަސްޓަރގެ ރަށްތަކަށް 2 މެގަވޮޓް ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ލ. މާމެންދޫއަށް 0.61 މެގަވޮޓް، ލ. މާވަށަށް 0.44 މެގަވޮޓް، ލ. މާބައިދޫއަށް 0.38 މެގަވޮޓް، ލ. ހިތަދޫއަށް 0.3 މެގަވޮޓް، ލ. ކުނަހަންދޫއަށް 0.25 މެގަވޮޓް އަދި ލ. ދަނބިދޫއަށް 0.2 މެގަވޮޓެވެ.
މަޝްރޫޢުގެ ދެވަނަ ލޮޓު ސަރަޙައްދީ ބޮޑެތި މަރުކަޒުތަކަށް އަމާޒުކޮށްފައިވާއިރު، މި ލޮޓުގައި ޖުމްލަ 13 މެގަވޮޓް ހިމެނެއެވެ. އެގޮތުން ލ. ގަމަށް 4 މެގަވޮޓް، ލ. ފޮނަދޫއަށް 3 މެގަވޮޓް، ޅ. ނައިފަރަށް 2.3 މެގަވޮޓް، ގއ. ވިލިނގިއްޔަށް 1.65 މެގަވޮޓް، ށ. ފުނަދޫއަށް 1.25 މެގަވޮޓް، ލ. އިސްދޫއަށް 0.7 މެގަވޮޓް އަދި ލ. ކަލައިދޫއަށް 0.6 މެގަވޮޓް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މި މަޝްރޫޢާއެކު އެރައިޒް އަދި އެސްޕަޔަރ މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭ ސޯލާ ހަކަތައިގެ މިންވަރު 34 މެގަވޮޓަށް އިތުރުވެގެންދާނެއެވެ. މިއީ 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ޤާއިމުކުރެވިފައިވާ އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީގެ 110 މެގަވޮޓްގެ 30 އިންސައްތައެވެ.
މީގެއިތުރުން، މި މަޝްރޫޢުގެ ސަބަބުން އަހަރަކު އެތެރެކުރާ ޑީސަލުން 15 މިލިޔަން ލީޓަރު ސަލާމަތްކުރެވި، ދައުލަތުގެ ބަޖެޓުން ތެލަށް ކުރާ ހޭދައިން އަހަރަކު 180 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަމާޒުކުރައްވާފައިވާ، ރާއްޖޭގެ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ޤައުމީ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!