ޔޫރަޕްގެ ކާރު މާކެޓުގައި ފުރަތަމަ ފަހަރަށް، ފުރިހަމަ ކުއާޓަރެއްގެ ތެރޭގައި ޖަޕާނުގެ ވާދަވެރި ކުންފުނިތަކަށް ވުރެ ގިނައިން ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކުން ކާރު ވިއްކައިފިއެވެ.
މިއީ ބީވައިޑީ (BYD) އަދި ޗެރީ (Chery) ފަދަ ޗައިނާގެ ބްރޭންޑުތަކުން ޔޫރަޕްގެ ބާޒާރުގައި ހޯދަމުން އަންނަ ހަލުވި ކުރިއެރުން ދައްކުވައިދޭ މުހިންމު ކާމިޔާބީއެކެވެ.
ބްލޫމްބާގުން ހަވާލާދީފައިވާ 'ޑޭޓާފޯސް' ގެ ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ސެޕްޓެމްބަރު މަހުން ނިމުނު ކުއާޓަރުގައި ޔޫރަޕްގައި ރަޖިސްޓްރީ ކުރި ވެހިކަލްތަކުގެ 12.7 އިންސައްތައަކީ ޗައިނާގެ ބްރޭންޑުތަކުގެ އުޅަނދުފަހަރެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރުވުމެކެވެ. މި މުއްދަތުގައި ޓޮޔޯޓާ، ނިސާން އަދި ހޮންޑާ ފަދަ ޖަޕާނުގެ ކުންފުނިތަކަށް ހިއްސާ ކުރެވުނީ މާކެޓުގެ 11.9 އިންސައްތައެވެ. ވަކިން ހާއްސަކޮށް، ސެޕްޓެމްބަރު މަހު އެކަނިވެސް ޗައިނާގެ ބްރޭންޑުތަކުން ވަނީ ޔޫރަޕްގައި ވިކުނު ކާރުތަކުގެ 14.5 އިންސައްތަ ހިއްސާ ހޯދާފައެވެ.
މީގެ ފަސް އަހަރު ކުރިއަށް ބަލާއިރު، ޔޫރަޕްގެ ކާރު މާކެޓުގައި ޗައިނާގެ ކާރުތަކުގެ ހިއްސާއަކީ އެންމެ 1 އިންސައްތައެވެ. ނަމަވެސް، ދެކުނު ކޮރެއާގެ ބްރޭންޑުތައް ފަހަތަށް ޖައްސާލުމަށްފަހު، މިހާރު ޗައިނާގެ ކުންފުނިތަކުން މިވަނީ ޔޫރަޕްގައި އެތައް ޒަމާނެއް ވަންދެން ވަރުގަދަ މާކެޓެއް ގާއިމުކޮށްފައިވާ ޖަޕާނުގެ ކުންފުނިތަކަށް ވުރެ ވެސް ކުރި ހޯދާފައެވެ. ޓޮޔޯޓާއިން 1963 ވަނަ އަހަރު ޔޫރަޕްގައި ވިޔަފާރި ފެށިއިރު، ނިސާން ކުންފުނިން 1986 ވަނަ އަހަރުން ފެށިގެން ދަނީ އިނގިރޭސިވިލާތުގައި ކާރު އުފައްދަމުންނެވެ.
ޗައިނާގެ ކާރުތަކަށް ބޮޑު ތަރުހީބެއް ލިބެމުންދަނީ އެ ގައުމުގެ ކުންފުނިތަކުން ކަރަންޓު އަދި ހައިބްރިޑް ކާރުތަކުގެ އާ މޮޑެލްތައް އަވަސް ދުވެއްޔެއްގައި ބާޒާރަށް ނެރެމުންދާތީއާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު ވާދަވެރި ހެޔޮ އަގުތަކެއްގައި މި އުޅަނދުތައް ވިއްކަމުންދާތީއެވެ. މީގެ އިތުރުން ތެލުގެ އަގު އުފުލުމަކީ ވެސް ހަކަތަ ކުޑަކޮށް ބޭނުންކުރާ އުޅަނދުތަކަށް އޮތް ޑިމާންޑް އިތުރުވުމަށް ބާރުއަޅާ ކަމެކެވެ. އެގޮތުން، ޗެރީ ކުންފުނީގެ 'ޖެކޫ 7' (Jaecoo 7) އެސްޔޫވީ ވެފައިވަނީ މި އަހަރުގެ މާޗް އަދި ސެޕްޓެމްބަރު މަހު އިނގިރޭސިވިލާތުގައި އެންމެ ގިނައިން ވިކުނު ކާރުގެ މޮޑެލް އަށެވެ.
ޗައިނާގެ އުފެއްދުންތަކުގެ ކުރިއެރުމާއެކު، ވޮކްސްވެގަން އަދި ރެނޯ ފަދަ ޔޫރަޕްގެ މަޝްހޫރު ކާރު އުފައްދާ ކުންފުނިތަކަށް ވެސް ވަނީ ބޮޑެތި ފިއްތުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. މިއާއެކު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ސަބްސިޑީ ލިބިގެން އެތެރެކުރާ ޗައިނާގެ އިލެކްޓްރިކް ކާރުތަކުން އިތުރު ކައުންޓަވެއިލިންގ ޑިއުޓީތަކެއް ނަގަން ނިންމާފައެވެ. ބައެއް ކުންފުނިތަކަށް މި ޑިއުޓީގެ ރޭޓު 35.3 އިންސައްތައާ ހަމައަށް އަރައެވެ. އަދި އަންނަ ޑިސެމްބަރު މަހުގެ ކުރީކޮޅު އަމަލުކުރަން ފަށާ ގޮތަށް، ހަތަރު އަހަރުގެ މުއްދަތަށް ޗައިނާއިން އެތެރެކުރާ ހައިބްރިޑް ކާރުތަކުގެ އަދަދު އަހަރަކު 350،000 އަށް ލިމިޓްކޮށް، އަހަރަކު 6 އިންސައްތަ އިތުރުކުރެވޭ ގޮތަށް އީޔޫ އިން ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.
އީޔޫގެ މި ފިޔަވަޅުތަކުން އަޅާ ހުރަސްތަކުން ސަލާމަތްވުމަށްޓަކައި ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކުން މިހާރު ދަނީ ޔޫރަޕްގައި އަމިއްލަ ފެކްޓަރީތައް ގާއިމުކުރަމުންނެވެ. އެގޮތުން ހަންގޭރީގައި ބީވައިޑީން ޕްލާންޓެއް އަޅަމުންދާއިރު، ސްޕެއިންގެ ބާސެލޯނާގައި ޗެރީ ކުންފުނިން އަދި ސްޕެއިންގައި ލީޕްމޯޓާ އިން ދަނީ ކާރު އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. ޗެރީ ކުންފުނިން ބުނެފައިވާ ގޮތުގައި، 2026 ވަނަ އަހަރު ނިމުމުގެ ކުރިން އެ ކުންފުނިން ބޭރުގެ މާކެޓުތަކަށް އެކްސްޕޯޓްކުރާ ކާރުތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ އުޅަނދު އުފައްދާނީ ޗައިނާއިން ބޭރުގެ ގައުމުތަކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!