ށ. ފޯކައިދޫގެ ހޭޅިފަށުން ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ގިނަ ޢަދަދެއްގެ ގަސްތަކެއް ބަޔަކު ކަނޑަމުން ދަނިކޮށް، ފުލުހުންގެ އެހީތެރިކަމާއެކު އެކަން ހުއްޓުވައި އެ ގަސްތައް އެ ރަށު ކައުންސިލުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ރަށުގެ ހޭޅިފަށުން ގަސް ކެނޑުމާއި ގަސްކަރައަށް ގެއްލުން ދިނުމާ ގުޅޭގޮތުން ފޯކައިދޫ ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކުގެ އިތުރުން ކައުންސިލުގެ އެންގުންތަކާ ޚިލާފަށް އެ ރަށުގެ ހޭޅިފަށުން ގިނަ ޢަދަދެއްގެ ގަސްތަކެއް ބަޔަކު ކޮށަމުންދާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައި ކަމަށެވެ. އަދި އެ މަޢުލޫމާތު ލިބުމާ ގުޅިގެން ކައުންސިލުން ވަގުތުން އެކަން ހުއްޓުވާފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

Ad
rt

މީގެއިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު، އެގޮތަށް ޤަވާއިދާ ޚިލާފަށް ކޮށާފައިވާ ހުރިހާ ގަސްތަކެއް މިހާރު ވަނީ ކައުންސިލުގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

ކައުންސިލުން ފާހަގަކުރި ގޮތުގައި، "ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު" ގެ ދަށުން ރަށުގެ ހޭޅިފަށުގައި ހުންނަ ރުއްގަސް ކެނޑުމަކީ ކަނޑައެޅިގެން މަނާކަމެކެވެ.

ފޯކައިދޫ ހޭޅިފަށުން ގަވާއިދާ ޚިލާފަށް ކެނޑި ގަސްތައް ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދަނީ، ފޮޓޯ: ކައުންސިލް

ހަމައެއާއެކު، މިފަދަ ޢަމަލުތަކަކީ ޤާނޫނު ބުނާގޮތުން ކަމުގެ ކުޑަބޮޑުމިނަށް ބަލައި 5,000 (ފަސްހާސް) ރުފިޔާއާއި 100,000,000 (އެއްސަތޭކަ މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވިދާނެ ކުށެއް ކަމަށް ކައުންސިލުން ހާމަކުރެއެވެ. އަދި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ހޭޅިފަށަކީ ރަށުގެ ބިންގަނޑު ގިރުމުން ސަލާމަތްކޮށްދީ، ރަށުގެ ތިމާވެށި ރައްކާތެރިކޮށްދޭ އެންމެ މުހިންމު އެއް ވަސީލަތް ކަމަށްވާތީ، މިފަދަ ޣައިރުޤާނޫނީ ޢަމަލުތައް ތަކުރާރު ނުކުރުމަށް އެންމެހާ ރައްޔިތުންނަށް ކައުންސިލުން ވަނީ ނަޞޭޙަތްތެރިވެ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ހިންގާކަން ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ކައުންސިލަށް ނުވަތަ ފުލުހުންނަށް ރިޕޯޓްކުރުމަށްވެސް ވަނީ އެދިފައެވެ.