ހދ. ކުޅުދުއްފުށީ ސިޓީއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި އެ ރަށުގެ ކޮމިއުނިޓީ ސެންޓަރުގައި ފެންބޮޑުވުމާ ގުޅިގެން، އެ ތަން ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
މިކަމާ ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، ކޮމިއުނިޓީ ސެންޓަރު ވަގުތީ ގޮތުން ބަންދުކުރަން ޖެހުނީ ވިއްސާރައިގައި އެ ސެންޓަރުގެ ތެރޭގައި ފެންބޮޑުވުމުގެ ސަބަބުން ކަމަށެވެ. އަދި އެ ތަން އަލުން ހުޅުވުމުން އެކަން ރައްޔިތުންނަށް އަންގާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.
ވިއްސާރައިގެ ސަބަބުން ކުޅުދުއްފުށީގެ ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވަމުންދާ މި ދަނޑިވަޅުގައި، ބައެއް ގޭބިސީތަކުގެ ފުރާޅުން ފެންދާހޮޅި ރަށުގެ ނަރުދަމާ ނިޒާމަށް ގުޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ. އެހެންކަމުން، އެ ގޮތަށް ނަރުދަމާއަށް ފެންހޮޅި ނުގުޅުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، މި ވިއްސާރައިގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން، އަގުބޮޑެތި ތަކެއްޗާއި ޒަރޫރީ ސާމާނު ރައްކާކުރުމަށާއި، ވެލިބަސްތާ ފަދަ ތަކެތި ތައްޔާރުކޮށްފައި ބެހެއްޓުމަށް ކައުންސިލުން ވަނީ އެދިފައެވެ. ހަމައެއާއެކު، މިފަދަ ހާލަތްތަކުގައި އަވައްޓެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ކުޅުދުއްފުށި ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން، 100 އަށް ވުރެ ގިނަ ގޭބިސީއަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މި ހާލަތާ ގުޅިގެން ސިޓީ ކައުންސިލާއި އެ ރަށުގެ ބައެއް މުއައްސަސާތަކުގެ ޓީމުތަކުން ވަނީ ފެންބޮޑުވި ސަރަހައްދުތަކަށް ގޮސް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
އެގޮތުން، ފެންބޮޑުވި ސަރަހައްދުތަކުގައި ފެން ހިންދުމަށްޓަކައި 7 ސަރަހައްދެއްގައި 7 ޕަންޕު ބަހައްޓައިގެން މަސައްކަތް ކޮށްފައިވާއިރު، ރައްޔިތުންނަށް 1500 އަށް ވުރެ ގިނަ ވެލިބަސްތާ ވަނީ ދޫކޮށްފައެވެ. މީގެއިތުރުން، 170 އަށް ވުރެ ގިނަ ފޯނުކޯލަށާއި 250 އަށް ވުރެ ގިނަ މެސެޖަށް ޖަވާބުދީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!