ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް އަމާޒުކޮށް ހޫޘީން ދިން މިސައިލާއި ޑްރޯން ހަމަލާތަކާ ގުޅިގެން މެދުކެނޑުނު ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އެތެރޭގެ އަދި ބައިނަލްއަގުވާމީ ދަތުރުތައް އަންނަ އާދީއްތަ ދުވަހު އަލުން ފަށައިފިއެވެ.
އެ އެއާޕޯޓުން ހޮނިހިރު ދުވަހު ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ބުނެފައިވަނީ، އާދީއްތަ ދުވަހުން ފެށިގެން ސައޫދީގެ ގައުމީ އެއާލައިންތަކުން ކުރާ ދަތުރުތަކަށް ޓާމިނަލްތަކުގެ އައު އިންތިޒާމުތަކަކަށް އަމަލުކުރަން ފަށާނެ ކަމަށެވެ.
މި އައު އިންތިޒާމުތަކުގެ ދަށުން، ގައުމީ އެއާލައިންތަކުން ކުރާ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްފައިވަނީ ޓާމިނަލް 1 އެވެ. އަދި ގައުމީ އެއާލައިންތަކުން ކުރިއަށްގެންދާ ބައިނަލްއަގުވާމީ ދަތުރުތައް ހަމަޖައްސާފައިވަނީ ޓާމިނަލް 2 އިން ކަމަށް އެއާޕޯޓުގެ ބަޔާނުގައި ވެއެވެ.
މި ނިންމުމަކީ ސަލާމަތީ ގޮތުން ކުރިމަތިވި ހުރަސްތަކަށްފަހު، ސައޫދީ އަރަބިއްޔާގައި އެންމެ ބާރުބޮޑު އެއް ވައިގެ ބަނދަރުގެ ފަސިންޖަރު އޮޕަރޭޝަންތައް އަލުން އާންމު ހާލަތަކަށް ގެނައުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
އެއާޕޯޓުގެ ކަމާބެހޭ އިދާރާތަކުން ވަނީ، ކަށަވަރުވެފައިވާ ރިޒަވޭޝަން އޮތް ދަތުރުވެރިން އެއާޕޯޓަށް ދިއުމުގެ ކުރިން، އެ ބޭފުޅުންގެ ބުކިންގެ ހާލަތާއި ފްލައިޓްތަކުގެ ޝެޑިއުލްތައް ކަށަވަރުކުރުމަށް އެއާލައިންތަކާ ގުޅުމަށް އިލްތިމާސްކޮށްފައެވެ.
އެއާޕޯޓުގެ އޮޕަރޭޝަނަލް އިންތިޒާމުތަކަށް މި ބަދަލު ގެނެސްފައި މިވަނީ، ޓެރަރިސްޓް ހޫޘީ ހަނގުރާމަވެރިން ރިޔާޒަށާއި ސައޫދީގެ އެހެން ސަރަހައްދުތަކުގެ އިތުރުން ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ސިލްސިލާ ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. ރިޔާޒަށާއި އެހެނިހެން ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި ހޫޘީންގެ ހަމަލާތައް ވައިގެ ތެރޭގައި ހުއްޓުވައި ނައްތާލާފައިވާ ކަމަށް ސައޫދީގެ ކަމާބެހޭ އިދާރާތަކުން ތަކުރާރުކޮށް ހާމަކޮށްފައިވާއިރު، ވައިގެ ތެރެއަށް ގޮއްވާލި ބައިތަކުގެ ބައިބައި ވެއްޓިގެން ހިނގި ހާދިސާތަކުގައި ސިވިލް ޑިފެންސް ޓީމުތަކުން ވަނީ ހަރަކާތްތެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!