ހއ. ހޯރަފުށީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެ ރަށުގައި އަލަށް ބެހެއްޓި 1 މެގަވޮޓް (1000 ކިލޯވޮޓް) ގެ ޖެނެރޭޓަރު ސެޓް ކޮމިޝަންކޮށް، ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

މިއާއެކު އެ ރަށުގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީ ވަނީ އިތުރުވެގެން ގޮސްފައެވެ.

Ad
rt

އައު ޖެނެރޭޓަރު ސެޓް ކޮމިޝަންކޮށް ބޭނުންކުރަން ފެށުމާއެކު ހޯރަފުށީގެ އިންސްޓޯލްޑް ކެޕޭސިޓީ މިހާރު ވަނީ 3.3 މެގަވޮޓަށް މަތިވެފައެވެ. މި އައު ޖެންސެޓް ގެނައުމުގެ ކުރިން އެ ރަށުގެ އިންޖީނުގޭގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީއަކީ 2،720 ކިލޯވޮޓެވެ.

ހޯރަފުށީގެ ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި 1000 ކިލޯވޮޓްގެ މި އައު ޖަނަރޭޓަރު އެ ރަށަށް ގެންގޮސްފައިވަނީ މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.

މިފަދަ އައު ޖަނަރޭޓަރެއް އެ ރަށަށް ގެންދިއުމުގެ މައިގަނޑު ބޭނުމަކީ ރަށުގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި، އިތުބާރު ހުރި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. އަދި ރަށަށް އަންނަމުންދާ ތަރައްޤީއާއެކު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ، ކުރިމަތިވެދާނެ ދަތިތަކަށް ދުރާލާ ތައްޔާރުވުމަކީވެސް މި މަސައްކަތުގެ މުހިންމު ބޭނުމެކެވެ.

ފެނަކަ ކޯޕަރޭޝަނުން ކުރިން ޚިދުމަތް ދެމުންދިޔަ ހުރިހާ ތަނަކާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވުމަށްފަހު، އެ ކުންފުނިން މިހާރު ވަނީ މި ޖެނެރޭޓަރު ސެޓް ކޮމިޝަންކުރުމުގެ މަސައްކަތް ނިންމައި ރަސްމީކޮށް ޚިދުމަތަށް ނެރެދީފައެވެ.

ގާތްގަނޑަކަށް 3،500 މީހުންގެ އާބާދީއެއް އޮންނަ ހޯރަފުށީގައި އަލަށް ބޭނުންކުރަން ފެށި މި އިންޖީނު ސެޓާއެކު، ރަށަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ. މީގެއިތުރުން، މި ބަދަލާއެކު ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.